ކެޓުރީނާ ކައިފް އަކީ މިހާރު ބޮލީވުޑްގެ އެންމެ އަގު ބޮޑު އެއް ބަތަލާ އެވެ. "ބޫމް" އިން ބޮލިވުޑަށް ނުކުތް ކެޓުރީނާގެ ކެރިއަރުގައި ވަރަށް ގިނަ ބްލޮކްބަސްޓާ ފިލްމުތަކެއް ވަނީ ކުޅެފަ އެވެ.
ކެޓުރީނާގެ ޒާތީ ދިރިއުޅުމަށް ބަލާއިރު ފިލްމު ކުޅެން ފެށި ދުވަސްވަރު އޭނާ އުޅުނީ ސަލްމާން ޚާނާ ރައްޓެހި ވެގެން ކަމަށް އަޑުތައް ފެތުރިފައި އޮތެވެ. އަދި 2010 ގައި އޭނާ އާއި ސަލްމާން ރުޅިވުމަށް ފަހު ވެސް ސަލްމާންގެ އާއިލާ އާއި ކެޓުރީނާގެ މެދުގައި ގާތް ގުޅުމެއް އޮތެވެ.
އޭގެ ފަހުން ރަންބީރު ކަޕޫރާ ރައްޓެހި ވެގެން ހައެއްކަ އަހަރު ކެޓުރީނާ އުޅުނެވެ. އަދި ދެ މީހުން ކައިވެނި ކުރަން އުޅޭ ކަމުގެ ޚަބަރުތަކެއް ވެސް އިވިފައި ދެން ކުއްލިއަކަށް އިވުނީ ދެ މީހުން ރުޅިވީ ވާހަކަ އެވެ.
ރަންބީރު އާ ރުޅިވިތާ މާ ގިނަ ދުވަހެއް ނުވެ ކެޓުރީނާގެ ހަޔާތަށް އެކްޓަރު ވިކީ ކޯޝަލް އައެވެ. ވިކީ ފިލްމު ކުޅެން ފެށިއިރު އޭނާގެ ވެސް ޒަމާންވީ ލޯބިވެރިޔަކު ހުއްޓެވެ. ނަމަވެސް ކެޓުރީނާ ފެނުނީމަ ވީގޮތެއް ނޭނގުނެވެ. ވިކީ އޭނާގެ ލޯބިވެރިޔާ ދޫކޮށްލި ޚަބަރު އިވުނުތާ މާ ގިނަ ދުވަހެއް ނުވެ ވިކީ އާއި ކެޓުރީނާގެ ލޯބީގެ ވާހަކައިގެ އަޑު ގަދަވި އެވެ.
މިހާރު މި ދެ އެކްޓަރުން އެމީހުންގެ ލޯބީގެ ގުޅުން ސިއްރު ކުރާކަށް ވެސް މާ ބޮޑަކަށް ނޫޅެ އެވެ. ޕަޓީތަކާއި އިވެންޓުތަކަށް އެކުގައި ދިއުމަކީ މިހާރު އެމީހުން ޖެހިލުންވާ ކަމެއް ނޫނެވެ.
ވިކީގެ އުމުރުން މިހާރު 33 އަހަރެވެ. ކެޓުރީނާއަށް ވުރެ އޭނާ ފަސް އަހަރު ހަގެވެ. ކެޓުރީނާ ވަނީ ދާދިފަހުން އޭނާގެ 38 ވަނަ އުފަން ދުވަސް ފާހަގަ ކޮށްފަ އެވެ. ވީމާ ދަރިއަކު ހޯދަން ބޭނުންނަމަ ކެޓުރީނާއަށް ވަރަށް އަވަހަށް ކައިވެނި ކުރަން މަޖްބޫރު ވާނެ އެވެ.
ސަލްމާންގެ ސްޓައިލިސްޓް އެޝްލޭ ރޮބެއްލޯ ދާދިފަހުން ވަނީ ކެޓުރީނާ ކައިވެނިކުރަން އުޅޭކަމުގެ އިޝާރާތެއް ދީފަ އެވެ. އެޝްލޭގެ އިންސްޓަގްރާމް ސްޓޯރީޒްގައި އޭނާ ޝެއާކުރި ޕޯސްޓެއްގައި އަލަތު ކައިވެނީގެ ހެދުން އަޅައިގެން ހުރި ކެޓުރީނާގެ ފޮޓޯއެއް ހިމަނާފައި ވެއެވެ. މިއީ ކެޓުރީނާގެ އުފަން ދުވަހު އޭނާއަށް ޚާއްސަކޮށް އެޝްލީ ޝެއާކުރި ޕޯސްޓެކެވެ. މި ޕޯސްޓުން ގިނަ ބަޔަކަށް އެންމެ ފާހަގަ ކުރެވުނު އެއް ކަމަކީ އެޝްލޭ ލިޔެފައިވާ ލިޔުންކޮޅެވެ.
"އުފާވެރި އުފަން ދުވަހެއް ކެޓުރީނާ. މިކަން ވަރަށް އަވަހަކަށް ހަގީގަތަކަށް ވާނެކަމަށް އުންމީދު ކުރަން،" ހުދުކުލައިގެ ކައިވެނީގެ ހެދުމެއްގައި ކެޓުރީނާ ހުއްޓާ ނަގާފައިވާ ފޮޓޯގެ ތިރީގައި އެޝްލޭ ލިޔެފައި ވެއެވެ.
އެޝްލޭގެ މި ލިޔުންކޮޅުން ވަރަށް ގިނަ ބަޔަކު ބުމަ އަރުވާލި އެވެ. އަދި ވަރަށް އަވަހަށް ވިކީ އާއި ކެޓުރީނާ ކައިވެނިކުރަން އުޅޭކަމުގެ ވާހަކަތަކުގެ އަޑު ގަދަވި އެވެ.
ކެޓުރީނާ ކައިރީ ވިކީ ކައިވެންޏަށް އަހާފައި ވަނީ މީހުން ފުރި ބާރުވެފައިވާ އެވޯޑު ހަފުލާއެއްގައި ސްޓޭޖް މަތީ ހުރެ އެވެ. މި މަންޒަރު ބަލަން ކެޓުރީނާގެ ކުރީގެ ލޯބިވެރިޔާ ސަލްމާން ވެސް އިންދަ އެވެ. "މުޖްސޭ ޝާދީ ކަރޯގޭ" - އަހަންނާ ކައިވެނި ކޮށްފާނަން ހެއްޔެވެ؟ - ކެޓުރީނާ ކުރެން ވިކީ އެހުމާއެކު ސަލްމާން ވަރަށް ދެރަވާ ވައްތަރެއް ޖައްސައިގެން ކައިރީގައި އިން މީހާގެ ކޮނޑުގައި ބޯ އަޅާލާތަން ފެނިފައި ވެއެވެ.
މިއީ އެވޯޑު ހަފުލާގައި ކިޔުމަށް ވިކީއާ ހަވާލުކުރި ސްކްރިޕްޓަކަށް ވެދާނެ އެވެ. ނަމަވެސް ވިކީ މި ސުވާލުކުރީ ހަމަ ހަގީގަތުގައި ކަމަށް ގަބޫލުކުރާ މީހުން ގިނަ އެވެ.
ކެޓުރީނާ އާއި ވިކީ ހަމަ އަސްލު ވެސް ކައިވެނި ކުރަނީ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ޔަގީން ނުވިޔަސް ޔަގީންވާ އެއް ކަމެއް އެބައޮތެވެ. މާ ގިނަ ދުވަހު ކައިވެނިނުކޮށް ހުންނަން ކެޓުރީނާގެ ބައޮލޮޖިކަލް ކްލޮކް ތަން ނުދޭ ކަމެވެ.