އެޗްޑީސީ

ހިޔާގެ ސޮއިކުރުންތައް ދެން ފަށާނީ އާދީއްތާގައި

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތަކުގެ އެގްރިމެންޓްގައި ސޮއި ކުރުން ދެން ފަށާނީ އަންނަ އާދީއްތަ ދުވަހު ކަމަށް އެޗްޑީސީއިން ބުނެފި އެވެ.

އެޗްޑީސީއިން ކުރިން ބުނެފައި ވަނީ މެދުކެނޑުމަށް ފަހު އަލުން އެގްރިމެންޓްތަކުގައި ސޮއިކުރަން ފަށާނީ މި މަހުގެ 24 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް އެ ކޯޕަރޭޝަނުން މިއަދު ބުނީ އެ ދުވަހަކީ ބޮޑު އީދުގެ ފަހު ދުވަސް ކަމުން ސޮއި ކުރުން ކުރިއަށް ގެންދާނީ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

އެގްރިމެންޓްގައި ސޮއި ކުރަން ފަށާފައި ވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ. ސޮއިކުރާ ދުވަހު ފްލެޓްތަކުގެ ތަޅުދަނޑި ވެސް ހަވާލުކުރެ އެވެ.

އެގްރިމެންޓްގައި ސޮއި ކުރުމަށް ވަގުތު ކަނޑައަޅާފައި ހުންނާނީ ކޮންމެ ބައިގަޑިއިރަކުން 15 މީހުންނަށް ސޮއިކުރެވޭ ގޮތަށެވެ. ކޮންމެ ދުވަހަކު ވެސް ސޮއިކުރަން ކަނޑައަޅާފައިވާ މީހުނާއި އެމީހުން ދާންޖެހޭ ވަގުތު ކުރިން އިއުލާނު ކުރެ އެވެ. އެގްރިމެންޓްގައި ސޮއި ކުރަން ހާޒިރުވާ ފަރާތްތަކުން ސޮއި ކުރާ ފަރާތުގެ އިތުރުން ހެކިވެރިއަކު ގެންނަން ޖެހެ އެވެ. ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރާ ފަރާތުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފުކޮޕީ ވެސް ގެންދަން ޖެހެ އެވެ.

ވެރިފަރާތުގެ ބަދަލުގައި ސޮއި ކުރަން އެހެން ފަރާތަކަށް ޕަވާ އޮފް އެޓާނީ ދީފައިވާނަމަ، އެފަރާތުގެ އިތުރުން ހެކިވެރިއަކާއެކު ހާޒިރުވާން ޖެހެ އެވެ. އަދި ސޮއި ކުރަން ދާ ފަރާތްތަކުން ހާޒިރުވާއިރު، ކޮވިޑްގެ ހާލަތާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ގަލަން -- ދެލި ނުފޭދޭ، ނޫކުލައިގެ -- އަދި އިނގިލީގެ ނިޝާން ޖަހަން ބޭނުން ކުރާ އިންކް ޕެޑް އަމިއްލައަށް ގެންދަން ވެސް އެދިފައި ވެއެވެ.

އެޗްޑީސީން ހިޔާގެ 6720 ފްލެޓުތައް ހަވާލު ކުރާއިރު ފައިބާ ކޭބަލް އާއި އޮޕްޓިކަލް ނެޓްވޯކް ޑިވައިސް އިންސްޓޯލްކޮށްފައި ހުންނާނެ އެވެ. ހިޔާ މަޝްރޫގެ އެގްރިމެޓްތަކުގައި ސޮއި ކުރުމުގެ މަސައްކަތް އޯގަސްޓު މަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.