ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑްގެ ހާލަތުގައި ސިޔާސީ ބައިބައިވުން ރަނގަޅެއް ނޫން: ޝަރީފް

ކޮވިޑާއެކު މިއޮތް ހާލަތުގައި ސިޔާސީ ގޮތުން ބައިބައިވުން ރަނގަޅު ނޫން ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފް މިއަދު ވިދާޅުވީ ކޮވިޑް ފެތުރެމުންދާ ދަނޑިވަޅެއްގައި ސިޔާސީ ގޮތުން ބާރުވެރިކަން ހޯދައި ގައުމު ބައިބައިވުން ނޫން ގޮތެއް ގައުމަށް މާ ފައިދާ ބޮޑުވާނެ ކަމަށެވެ.

"ކޮވިޑާއެކު މީހުންގެ ދިރިއުޅުން އެފުށް މިފުށަށް އެދަނީ ޖެހެމުން. ގިނަ ބަޔަކަށް އެ އުޅެނީ ކާނެ އެއްޗެއްވެސް ނުލިބިގެން" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް މިހެން ވިދާޅުވި އިރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އަދި ރައީސް ސޯލިހުއާ ސިޔާސީ ގުޅުން ކެނޑިފައިވާކަން ރައީސް ނަޝީދު ވަނީ އިއުލާން ކުރައްވައިފަ އެވެ.

ޝަރީފަކީ ރައީސް ސޯލިހުގެ ފިކުރަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. އަދި މަޖިލީހުގައި ރައީސް ނަޝީދާއި އަދި އެމަނިކުފާނަށް ވަފާތެރި މެމްބަރުންނާ ޝަރީފާ ދެމެދު ބަހުގެ ހޫނު ހަމަލާތައް ބަދަލުވެ އެވެ. ޝަރީފް މީގެ ކުރިން ވިދާޅުވީ ސިޔާސީ ބޭނުމަށް އެމްޑީޕީގެ ބައެއް މެމްބަރުން ގައުމު ބައިބައި ކޮށްފައިވާ ކަމަށެވެ.

ރައީސް ނަޝީދާ ރައީސް ސޯލިހާ ގުޅުން ގޯސްވި ސަބަބުތަކުގެ ތެރޭގައި ސަރުކާރުން ސްޕޮންސާ ކޮށްގެން ހުށަހެޅި "ހިސާން ބިލު" ސަރުކާރުން ދިފާއު ނުކުރުން ހިމެނެ އެވެ. އެ ބިލު އަލުން ކޮމިޓީއަށް ފޮނުވައި ދިރާސާކޮށް ބަދަލު ގެނައުމަށް ވޯޓު ދެއްވި މެމްބަރުންގެ ތެރޭގައި ޝަރީފް ވެސް ހިމެނި ވަޑައިގަންނަވަ އެވެ.