ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ

ޔޫރަޕުން މަހުގެ ޑިއުޓީ ކަނޑާނުލަނީ ރާއްޖޭގެ ކަނޑުތައް ހުޅުވާނުލާތީ: މިނިސްޓަރު

ރާއްޖެއިން ބާނައި އެކްސްޕޯޓުކުރާ މަހަށް ޔޫރަޕުން ޑިއުޓީ ކަނޑާނުލަނީ ރާއްޖޭގެ ކަނޑުތައް ޔޫރަޕްގެ ކުންފުނިތަކަށް ހުޅުވާނުލާތީ ކަމަށް ރާއްޖޭގެ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓުކުރާ މަހުން ޑިއުޓީ ކަނޑާލުމަށް ސަރުކާރުތަކުން މަޝްވަރާކުރަމުންދާތާ އެތައް އަހަރެއް ވީއިރުވެސް އެކަމުގައި ހައްލެއް ހޯދިފައެއް ނުވެ އެވެ.

އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޑރ. ހުސައިން ވިދާޅުވީ ޑިއުޓީ ކަނޑާލުމާ ދެކޮޅު ހެދުމަށް ޔޫރަޕުން ތަފާތު ސަބަބުތައް ދައްކާ ކަމަށެވެ. އެގޮތުން ބޭނުން ދީނަކަށް އުޅުމުގެ ފުރުސަތު ރާއްޖޭގައި ދީފައި ނުވާތީ އެ މައްސަލަ ނިވާފަތްގަނޑަކަށް ބޭނުންކުރާ ކަމަށެވެ. އެކަމަކު ޑިއުޓީ މާފުނުކޮށްދޭން އަސްލު ބޭނުންވާ ސަބަބު މިނިސްޓަރު މިއަދު ވަނީ ސާފުކޮށްދެއްވާފަ އެވެ.

"ޔޫރަޕްގައި ސްޕެއިންއާއި ފަރާންސްގެ ކުންފުނިތައް މިހާރު މި އުޅެނީ މަސްވެރިކަން ކުރުގައި އެންމަ ވަރުގަދަ އަށް. ހާއްސަކޮށް ޔެލޯފިންއާއި ކަޅުބިލަ މަސްވެރިކަމުގައި. އެ މީހުން މަސްވެރިކަން އެބަކުރޭ ދާޖަހައިގެން އިންޑިއާ ކަނޑުގައި. އެހެންނަމަވެސް ރާއްޖޭގެ ސަރަަހައްދުން މިގޮތަށް ކުރަން ހުއްދަ ނޯވޭ. އޭގެ ބަދަލުގައި އަޅުގަނޑުމެން މަސްވެރިކަން މި ކުރަނީ ދޮށިން ދެމެހެއްޓެނިވި ގޮތަށް. ދެން ރާއްޖޭގެ މަހަށް ޑިއުޓީ ކަނޑާލަައިފިއްޔާ އެ ޕްރޮމޯޓްވެސް ކުރެވެނީ ދެމެހެއްޓެނިވި މަސްވެރިކަން" މިނިސްޓަރު ވިދާޅުވި އެވެ.

ޔޫރަޕަށް ބޭރުކުރާ މަހުން ޑިއުޓީ ކަނޑާލުމަށް ބޭނުންވާތީ ޔޫރަޕް ތަމްސީލް ކުރާ ޖަމިއްޔާ، އީޔޫއިން އެދިގެން ވަރަށް ގިނަ މުއާހަދާތަކުގައި ސޮއިކޮށްފައިވާނެ ކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. ނަމަވެސް އެކަމާ ގުޅިގެން އެދެވޭ ނަތީޖާއެއް ލިބިފައި ނެތް ކަމަށެވެ.

ރާއްޖެއިން އެކްސްޕޯޓް ކުރާ މަހަށް ޔޫރަޕުން ޑިއުޓީ ކަނޑާނުލި ނަމަވެސް މި ސަރަހައްދުގެ ބައެއް ގައުމުތަކަށް އެފަދަ ލުއިތައް ދީފައި ވެއެވެ. މީގެތެރޭގައި މޮރިޝަސް، ސީޝެލްސް އަދި އިރުމަތީ އެފްރިކާގެ ގައުމުތައް ހިމެނެ އެވެ.

"މި ގައުމުތަކުން ވަނީ މި ގައުުމުތަކުގެ ކަނޑުތަކުން މަސްވެރިކަން ކުރަން ލައިސަންސް ވިއްކާފައި. ދެން މި ގައުމުތަކަކީ އެހާ ފުޅާކޮށް މަސްވެރިކަން ކުރާ ގައުމުތަކެއް ވެސް ނޫން. މި ގައުމުތަކުން ލައިސަންސް ވިއްކިޔަސް އަޅުގަނޑުމެންނަށް އެގޮތަކަށް އެކަން ނުކުރެވޭނެ" މިނިސްޓަރު ވިދާޅުވި އެވެ.