ކޮވިޑް-19 އިގެ ސަބަބުން ގައުމުތައް ލޮކްޑައުން ކޮށްފައި ގިނަ ދުވަސްތަކަކު އޮވެއްޖެ އެވެ. އަދި މިކަމާ ހެދި ހޭބޯނާރާ މަސައްކަތުގައި ދުވާލު ހަތަރު ދަމު އުޅުނު މީހުންތައް ގޭގައި ބިއްޖެހިފައި ތިބެން މަޖްބޫރު ވެސް ވިއެވެ. މިގޮތަށް ތިބޭ ގިނަ ވަގުތުތަކުގައި މި މީހުން ކުރާނެ މާ ގިނަ މަސައްކަތްތަކެއް ނުހުރެ އެވެ. އެއް ބަޔަކު ނިދުމުގައި ގިނަ ވަގުތު ހޭދަކުރާއިރު އަނެއް ބަޔަކު ތިބެނީ ޓީވީ އާއި ފޯނު އަދި ލެޕްޓޮޕް ފަދަ ތަކެއްޗަށް ގެއްލިފަ އެވެ.
ގެއިން ބޭރަށް ނުކުތުމަކީ އިންތިހާއަށް ބިރުވެރި ކަމަކަށް ވެފައިވާތީ މި މީހުން ގެއިން ނުނިކުމެ ތިބީ އެވެ. ނަމަވެސް ގޭގައި މިގޮތަށް ތިބުމުން މިމީހުންގެ ސިއްހަތަށް ލިބިދާނެ ނުރައްކަލަކާ މެދު ވިސްނީ ކިތައް މީހުން ހެއްޔެވެ؟
ދާދިފަހުން ސައިންސްވެރިން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި މި ލޮކްޑައުންގެ އަސަރުތައް އިންސާނުންނަށް ކުރާނެ ގޮތުގެ ފޮޓޯ ތަކެއް ވެސް ހިމަނާފައި ވެއެވެ. މި ފޮޓޯތަކުން ފެންނަނީ މީގެ ފަސް އަހަރު ފަހުން ގިނަ މީހުން ތިބޭނެ ގޮތް ކަމަށް ސައިންސްވެރިން ލަފާ ކުރާ ގޮތެވެ.
މި ރިޕޯޓު ލިޔުނު ސައިންސްވެރިން ފާހަގަ ކޮށްފައިވާ ގޮތުގައި ގޭގައި ތިބޭ ގިނަ ވަގުތު ތަކުގައި ޓީވީ ފަދަ އެއްޗެތި ބަލަން ތިބޭއިރު ގިނަ މީހުން ތިބެނީ ހަށިގަނޑު ސީދާ ނުކޮށް އެމީހަކަށް ފަސޭހަ ގޮތަކަށް ހަށިގަނޑު ދޫކޮށްލައިގެންނެވެ.
އަދި އޮފީހުގެ މަސައްކަތް ކުރަން ގޭގައި ތިބޭ މީހުން ދުވާލުގެ އެތައް ގަޑިއިރަށް އެމީހުންގެ މޭޒު ކައިރީގައި ލެޕްޓޮޕުން ނުވަތަ ޑެސްކްޓޮޕުން މަސައްކަތް ކުރަން ތިބެން ޖެހުމުން އެމީހުންގެ ސިއްހަތަށް ވަރަށް ނޭދެވޭ އަސަރުތައް ކުރާނެ ކަމެވެ. މިގޮތުން އިރުގެ އަލިކަން ހަށިގަނޑަށް ނުލިބި ގިނަ ދުވަސް ވުމުން ލިބޭނެ ގެއްލުންތަކާއި ބުރަކަށި ރަނގަޅަށް ނުހިފަހައްޓައި ގޮނޑީގައި ގިނައިރު އިނުމުން މައިބަދަ އަށް ލިބޭނެ ގެއްލުންތަކާއި މާ ގިނަ ހަރަކާތެއް ނުކޮށް ގިނަ ވަގުތު ތިބުމުން ހަންގަނޑުގެ ވާންކަން ކެނޑި ރޫޖެހޭނެ ކަން ފާހަގަ ކޮށްފައި ވެއެވެ.
ލޮކްޑައުންގައި ލައިފްސްޓައިލް ބެހެއްޓި ގޮތުގެ ނަތީޖާ ވަގުތުން ނުފެނުނަސް ފަސް އަހަރެއްހާ ދުވަސް ވާއިރު ގިނަ ބައެއްގެ ހަށިގަނޑުގެ މީގެ ނަތީޖާ ދައްކާނެ ކަމަށް ސައިންސްވެރިން ވަނީ ލަފާ ކޮށްފަ އެވެ.
ލިލޮއިޑްސް ފާމަސީގެ ސައިންސްވެރިންގެ މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ގޭގައި މަސައްކަތް ކުރަން ގިނަ ވަގުތު ތިބި އެކި އޮފީސްތަކުގެ މުވައްޒަފުންގެ ހަށިގަނޑަށް ކުރާ ނޭދެވޭ އަސަރުތައް ވަރަށް ބޮޑަށް އިތުރުވާނެ އެވެ.
މި ރިޕޯޓާއެކު ޝެއާކުރި ފޮޓޯތަކުން ފެންނަނީ އަންހެނުންނަށް ލޮކްޑައުންގައި ގޭގައި މަސައްކަތްކުރަން ޖެހުމުން އަންނާނެ ބަދަލު ކަމަށް ލަފާ ކުރާ ގޮތެވެ. އެގޮތުން މާބޮޑަށް ބަރުދަން އިތުރުވެ، ހަންގަނޑު ދޫވެ، ބުރަކަށީގައި ގުދުލައި އަދި ލޮލުގެ ފެނުން ދަށްވެ، ދަތްތަކަށް ވެސް ވަރަށް ބޮޑަށް ގެއްލުން ވާނެކަމަށް ސައިންސްވެރިން ގަބޫލު ކުރެ އެވެ. އަދި މިއީ "ލޮކްޑައުން ލައިފްސްޓައިލް" ގެ ނަތީޖާ ކަމަށް ފާހަގަކޮށްފައި ވެއެވެ.
މި ރިސާޗްގައި ބުނެފައިވާ ގޮތުގައި ގޭގައި އޮފީސް އަޅައިގެން މަސައްކަތް ކުރުމަކީ ޑޮކްޓަރުން އެކަމާ ދެކޮޅުހަދާ ކަމެއް ނޫނެވެ. އެމީހުން ދެކޮޅުހަދަނީ މާ ގިނަ ވަގުތު ހަރަކާތްނުކޮށް އޮފީހުގެ މަސައްކަތަށް ގެއްލިފައި ތިބުމަށެވެ. އިރުއިރުކޮޅާ ތެދުވެ ހިނގާލައި ހަދަމުން މަސައްކަތް ކުރުމަށް މި ރިޕޯޓުގައި ބާރު އަޅާފައި ވެއެވެ.
މާ ގިނަ ވަގުތު މަސައްކަތްކުރަން އިނުމުން ލިބޭނެ ގެއްލުންތައް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ބަރުދަން އިތުރުވުން، ބުރަކަށީގައި ގުދުލުން، ނިދަން އުނދަގޫވުން، އިރުގެ އަލިކަން ހަށިގަނޑަށް ނުލިބުމުން ވިޓަމިން ޑީ ލިބުން ހުއްޓުމުން ދިމާވެދާނެ މައްސަލަތައް ހިމެނެ އެވެ. އަދި އެންޒައިޓީ އާއި ސްޓްރެސް ވެސް މިފަދަ މީހުންގެ އިތުރުވާނެކަމަށް ސައިންސްވެރިން ބުނެ އެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ގޭގައި މަސައްކަތް ކުރާ މީހުން އެމީހުންގެ ލައިފްސްޓައިލަށް ކުޑަކުޑަ ބަދަލުތަކެއް ގެނެސްގެން އެމީހުންގެ ހަށީގަނޑަށް ލިބޭ ގެއްލުން ކުޑަ ކުރެވޭނެ އެވެ.
މިގޮތުން ގެނެވިދާނެ ބަދަލުތަކުގެ ތެރޭގައި ގިނައިރު އެއްތަނެއްގައި ނީނދެ ތެދުވެލައި ކަސްރަތު ކޮށްލާ ހެދުމާއި، ސްކްރީން ޓައިމް މަދުކުރުން، ދޭތެރެއަކުން ބްރޭކެއް ނަގައި ގޭގައި ކުރަން ޖެހޭ ކޮންމެވެސް އެހެން ކަމެއް ކޮށްލުން އަދި މާ ގިނައިރު ނުކޮށް ލޮލަށް ރެސްޓް ދެމުން މަސައްކަތް ކުރުން ހިމެނެ އެވެ.