ބޮލީވުޑް

ސަލްމާނުގެ އަންބަކާ ދަރިއެއް ޑުބާއީގައި އެބަ ތިބިތަ؟

ސަލްމާން ޚާންގެ ކޮއްކޮ އަރްބާޒް ޚާންގެ ޝޯ "ޕިންޗް" ގެ އާ ސީޒަނެއް މިދިޔަ ބޮޑު އީދު ދުވަހު ވަނީ ފަށާފަ އެވެ. މިއީ 2019 ގައި އޭނާ ކުރިޔަށް ގެންގޮސް މެދުކަނޑާލާފައިވާ ވަރަށް ކާމިޔާބު ޝޯ އެކެވެ.

"ޕިންޗް" އަކީ ސައިބާ ބުލީ އާ ދެކޮޅަށް ހުށަހަޅައިދޭ ޝޯ އެކެވެ. މި އޮންލައިންގައި ފަންނާނުންނޭ ކިޔައިގެން ދައްކާ ތަފާތު ވާހަކަތަކުގެ ހަގިގަތް މި ޝޯގައި އެ ފަންނާނެއްގެ ދުލުން ކިޔައިދެ އެވެ. އަދި ޓްރޯލްކުރާ މީހުންނަށް އެކަށީގެންވާ ޖަވާބެއް ދިނުމަށް މި ޝޯ ވެފައިވަނީ ވަރަށް ރަނގަޅު ޕްލެޓްފޯމަކަށެވެ.

މިފަހަރުގެ ޝޯގެ ފުރަތަމަ މެހެމާނެއްގެ ގޮތުގައި ބައިވެރިވީ އަރްބާޒްގެ ބޭބެ ސަލްމާނެވެ. ސަލްމާނޭ ކިޔައިގެން ޓުވިޓާގައި އެކި މީހުން ލިޔެފައިވާ ތަފާތު ނެގެޓިވް ކޮމެންޓްތައް މި ޝޯގައި އަރްބާޒް ވަނީ ސަލްމާނަށް ހުށަހަޅައި އެކަމާމެދު އޭނާ ބުނާ އެއްޗެއް އޮޅުން ފިލުވާފަ އެވެ.

މި ޝޯގައި ސަލްމާން ބުނި ގޮތުގައި އޭނާ ސޯޝަލް މިޑިއާގައި ޝެއާ ކުރާ އެކި ޕޯސްޓުތައް ޝެއާ ކުރުމަށް ފަހު އެއަށް ލައިކްސް ދޭ ބަޔަކާއި ކޮމެންޓުކުރާ ބައެއް ނުބަލަ އެވެ.

ސަލްމާން މިހެން ބުނުމުން އަރްބާޒް ބުނަނީ ސަލްމާން ޝެއާ ކުރާ ޕޯސްޓްތަކަށް އާންމުކޮށް ގިނަ މީހުން ކޮށްފައި ހުންނަނީ ޕޮޒިޓިވް ކޮމެންޓްތައް ކަމަށެވެ. ނަމަވެސް މަދުން ނަމަވެސް ނެގެޓިވް ކޮމެންޓް ވެސް ހުންނަ ކަމަށެވެ. މިގޮތަށް ކޮށްފައި ހުރި ބައެއް ނެގެޓިވް ކޮމެންޓްތައް ފާހަގަކޮށް އަރްބާޒް ވަނީ ފަހަރަކު ކޮމެންޓެއް ސަލްމާނަށް ކިޔައިދީ އޭނާގެ ރިއެކްޝަން ހުރި ގޮތް ބަލާފަ އެވެ.

މީގެ ތެރެއިން އެއް ކޮމެންޓެއްގައި މީހަކު ތުހުމަތު ކޮށްފައިވާ ގޮތުގައި ސަލްމާން ކައިވެނި ކޮށްގެން އެކަން އުޅެނި ސިއްރު ކޮށްގެންނެވެ. އަދި 17 އަހަރުގެ އަންހެންދަރިއެއް ވެސް މި ކައިވެންޏަށް އޭނާއަށް ލިބިފައިވާ ކަމަށާއި ސަލްމާންގެ އަންހެނުންނާއި ދަރިފުޅު ދިރި އުޅެނީ ޑުބާއީގައި ކަމަށް ވެސް މި ކޮމެންޓުކުރި މީހާ ބުނެފައި ވެއެވެ.

އަރްބާޒް މި ކޮމެންޓު ކިޔައި ދިނުމުން އެއީ ކާކާ މުހާތަބުކޮށް ލިޔެފައިވާ ކޮމެންޓެއްތޯ ސަލްމާން ސުވާލު ކުރެ އެވެ. އެއީ ހަމަ ސަލްމާނަށް އަމާޒު ކޮށްފައިވާ ކޮމެންޓެއް ކަމަށް އަރްބާޒު ބުނެ އެވެ.

"މިއީ ވަރަށް ރަނގަޅަށް ކަންކަން އެނގޭ ބައެއް. މިއީ ކޮންކަހަލަ ބޯގޯސް ވާހަކައެއް. އަހަރެންގެ އަންބެއް ނުހުންނާނެ. މުމްބާއިގެ ގެލެކްސީ އެޕާޓްމަންޓްސްގައި އަހަރެން ދިރި އުޅެނީ އުމުރުން ނުވަ އަހަރުން ފެށިގެން. އިންޑިއާ އެންމެން ކަހަލަ ގޮތަކަށް ދަންނާނެ އަހަރެން ދިރިއުޅެނީ ކޮން ތާކުކަން،" ސަލްމާން ބުންޏެވެ.

މި ނޫނަސް ވަރަށް މަޖާ ގިނަ ކޮމެންޓުތަކަކަށް ސަލްމާން ޖަވާބު ދީފައި ވެއެވެ. "ޕިންޗް" ގެ ކުރީގެ އެޕިސޯޑުތައް ފަދައިން އެ އެޕިސޯޑު ވެސް ވެފައިވަނީ ވަރަށް މަޖާ އެޕިސޯޑަކަށެވެ.