ލައިފްސްޓައިލް

ކައިވެނީގެ ހަފުލާގައި ފިރިހެންމީހާއަށް ނިދިއްޖެ

އިންޑިއާގެ ސަގާފަތުގައި ގިނަ ކައިވެނީގެ ރަސްމިއްޔާތުތަކުގައި ވަރަށް ގިނަ ކަންތައްތައް ކުރެ އެވެ. ލަވަކިއުމުގެ ރެއަކާއި ރީނދޫ އުނގުޅުމުގެ ދުވަހެއް އަދި ހީނާފަތް އެޅުމުގެ ދުވަހެއް ވެސް ފާހަގަ ކުރެ އެވެ. މިކަހަލަ ގިނަ ކަންތައްތަކެއް އެތައް ދުވަހަކަށް ދެމިގެން ދާއިރު ކައިވެނިކުރާ ދުވަސް އަންނައިރު ހުރިހާ އެންމެން ތިބެނީ ވަރަށް ނިދި މަދުވެ ވަރުބަލިވެފަ އެވެ.

ނިއުދިއްލީގައި ދާދިފަހުން އޮތް ކައިވެނީގެ ރަސްމިއްޔާތެއް ކުރިޔަށް ދަނިކޮށް ފިރިހެންމީހާ އަށް ވަނީ ނިދިފަ އެވެ. މިއީ މިގޮތަށް މާ ގިނަ ދުވަސްތަކަކު ނުނިދާ އުޅެން ޖެހުމުން ވީ ގޮތެއް ކަމަށް ބެލެވެ އެވެ.

މި މަންޒަރުގެ ވީޑީއޯ މިހާރު އިންޓަނެޓުގައި ވައިރަލް ވެފައިވެ އެވެ. ފިރިހެންމީހާ އަށް ނިދިފައި އިންތަން ބަލަން އަންހެންމީހާ ހަދާނެ ގޮތްވެފައި އިންތަން ވެސް މި ވީޑިއޯގައި ފެނެ އެވެ. އެންމެ ފަހުން ފިރިހެންމީހާގެ އެކުވެރިންތަކެއް އައިސް އޭނާ ހޭލެއްވޭތޯ ވަރަށް މަސައްކަތް ކުރާ ތަން ވެސް ފެނެ އެވެ. ނަމަވެސް އެއްގޮތަކަށް ވެސް ފިރިހެންމީހާއަކަށް ހެއެއް ނުލެވުނެވެ.

މި ވީޑީއޯ ބަލާފައި މަޖާވެގެން ވަރަށް ގިނަ ބަޔަކު ވަރަށް ހެއްވާ ކޮމެންޓުތައް ކޮށްފައި ވެއެވެ.