އަބްދުﷲ ޝާހިދު

ޝާހިދުގެ ދަތުރުގައި އެމްއޯޔޫތަކެއްގައި ސޮއިކުރަނީ

ރަސްމީ ދަތުރެއްގައި އިންޑިއާގައި މިހާރު ހުންނެވި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކެއްގައި އިންޑިއާއެކު ސޮއި ކުރައްވާނެ ކަމަށް އެ ގައުމުން ބުނެފި އެވެ.

އިންޑިއާގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ޝާހިދުގެ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ. އަދި އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގަން ނިންމާފައިވާ ކޮމިއުނިޓީ ޑިވޮލޮޕްމަންޓާ ގުޅޭ މަޝްރޫއުތަކުގައި ސޮއި ކުރާނެ ކަމަށެވެ.

އޭގެ ތަފްސީލެއް ނުދެއެވެ. ފޮރިން މިނިސްޓްރީން ބުނީ އެ މަޝްރޫއާ ގުޅޭ އިތުރު ތަފްސީލު ދޭނީ އެމްއޯޔޫތަކުގައި ސޮއިކޮށް ނިމުމުން ކަމަށެވެ.

ޝާހިދުގެ މި ދަތުރަކީ އޭނާ އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް ހޮވިވަޑައިގަތުމާ ގުޅިގެން އެ މަގާމުގެ ހައިސިއްޔަތުން ކުރައްވާ ރަސްމީ ދަތުރެކެވެ. އިންޑިއާގެ ތާއީދާއެކު އޭނާ އެ މަގާމަށް ހޮވިވަޑައިގަތް އިރު މަގާމުގެ ހައިސިއްޔަތުން އެންމެ ފުރަތަމަ ރަސްމީ ދަތުރެއް ކުރައްވާނީ ވެސް އިންޑިއާ އަށެެވެ.

ޝާހިދުގެ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނެރެންދުރާ މޯދީ އަދި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖަޔަޝަންކަރާ ބައްދަލު ކުރައްވާނެ އެވެ.