ސްޓެލްކޯ

މިއަދުވެސް ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ގްރޭޓާމާލެ ގްރިޑްގެ ދެެވަނަ ސާކިޓް އެނަޖައިޒް ކުރުމުގެ މަސައްކަތް މިއަދުވެސް ކުރާނެ ކަމަށާއި އެހެންކަމުން މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން ބުނީ މިއަދު ހަވީރު 5:00 އާއި ހަމައަށް ގްރޭޓާމާލެ ގްރިޑްގެ ދެވަނަ ސާކިޓްގެ މަސައްކަތް ކުރާނެ ކަމަށެވެ. އެހެން ކަމުން މާލެ އަދި ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮތް ކަމަށެވެ.

އެ މަސައްކަތް ކުރިން ރޭވިފައި އޮތް ދުވަސްތަކުގެ އިތުރުން މާދަމާ އަދި ހޮނިހިރު ދުވަހުވެސް ކުރާގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. އިތުރު ޓެކްނިކަލް މައްސަލައެއް ދިމާ ނުވާ ކަމަށްވާ ނަމަ އަންނަ ހޮނިހިރު ދުވަހަކީ މި މަސައްކަތުގެ ފަހު ދުވަސް ކަމަށެވެ.

މައި ކަރަންޓު ކުންފުނިން ކުރިން ބުނި ގޮތުގައި ގްރޭޓާމާލެ ގްރިޑްގެ ދެެވަނަ ސާކިޓް އެނަޖައިޒް ކުރުމުގެ މަސައްކަތް ކުރަން ނިންމާފައި ވަނީ މިއަދުގެ ނިޔަލަށެވެ. ނަމަވެސް އެ މުއްދަތު މިހާރު ވަނީ އިތުރުކޮށްފަ އެވެ.

ގްރޭޓާ މާލޭ ގްރިޑް ކަނެކްޝަނަކީ މާލެ އާއި، ހުޅުމާލެ އަދި ހުޅުލެގެ ކަރަންޓު ވިއުގަ 132 ކޭވީގެ ހަތް ކިލޯމީޓަރުގެ ދެ ސާކިޓުން ގުޅައިލާ މަޝްއޫއެކެވެ. މި މަޝްއޫގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ހަތަރު ޓްރާންސްފޯމަރާއި، ހުޅުލޭގައި އަށް އެމްވީއޭގެ ދެ ޓްރާންސްފޯމަރު ބަހައްޓާފައި ވެއެވެ. މި ކަރަންޓުވިއުގައިން ކޮންމެ ސާކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބެ އެވެ.