ސްޓެލްކޯ

މާލެ-ހުޅުމާލެ ކަރަންޓު ވިއުގައިގެ ހިދުމަތް މެދުކެނޑިއްޖެ

Apr 14, 2022

މާލެ، ހުޅުލެ އަދި ހުޅުމާލެ އަށް ހިދުމަތް ދިނުމަށް ސްޓްލްކޯ އިން ބޭނުންކުރާ ގްރޭޓާމާލޭ އިންޓަކަނެކްޝަން ގްރިޑްގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގްރިޑްގެ ހިދުމަތް މެދުކެނޑުނީ އެޗްޑީސީން ހުޅުމާލޭގެ މަގު ހެދުމުގެ ތެރޭގައި ސްޓެލްކޯގެ މައި ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވުމުން ކަމަށެވެ.

އޭނާ ވިދާޅުވީ ދިމާވި މައްސަލަ ހައްލުކުރެވި އިންޓަކަނެކްޝަން އޮޕަރޭޝަނަށް ގެނެވެންދެން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މިވަގުތަށް މެދުކެނޑިފައިވާ ކަމަށެވެ.

"ވީއެންމެ އަވަހަކަށް އިންޓަކަނެކްޝަން އޮޕަރޭޝަނަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް އަޅުގަނޑުމެން މިދަނީ ކުރަމުން. ދިމާވާނެ ދަތިތަކަށް މާފަށް އެދެން." އޮފިޝަލް ވިދާޅުވި އެވެ.

މާލެ- ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލައި އެ ވިއުގައި ހިދުމަތް ދޭން ފެށީ މިދިޔަ އަހަރު ޖުލައިގަ އެވެ.

މާލެއާއި ހުޅުލެ އަދި ހުޅުމާލެ އަށް ކަރަންޓް ފޯރުކޮށްދިނުމަށްޓަކާ މައި އިންޖީނުގެއެއްގެ ގޮތުގައި މިހާރު ބޭނުންކުރަނީ ހުޅުމާލޭގައި ގާއިމްކޮށްފައިވާ 50 މެގަވޮޓުގެ އައު އިންޖީނުގެ އެވެ.