ރާއްޖޭގައި އަނދިރި ދައުލަތެއް ނެތް ކަމަށް އަދާލަތު ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވަމުން ގެންދަވަނީ އަނދިރި ދައުލަތް ރުއްސައިގެން ނޫނީ އެ ޕާޓީއަށް 10،000 މެންބަރުން ހަމަކުރެވެން ނެތުމުން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) އަދާލަތު ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
އަނދިރި ދައުލަތެއް ރާއްޖޭގައި އޮތް ކަމަށް ދެކެވޭ ވާހަކަތައް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ދޮގު ކުރައްވަ އެވެ. ނަމަވެސް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ އެންމެ އިސްވެރިޔާ ބްރިގޭޑިއާ ޒަކަރިއްޔާ މަންސޫރު ވަނީ 241 ކޮމެޓީގެ އިންކުއަރީގައި ރާއްޖޭގައި އިނދިރި ދައުލަތެއް އޮތް ކަމަށް ދޭހަވާ މޭރުމުން ވާހަކަ ދައްކަވާފައެވެ.
އެކަމަށް އިޝާރާތް ކުރައްވާ ބޮންޑެ ވިދާޅުވީ އަނދިރި ދައުލަތެއް ހިނގަމުންދާ ކަމަށް ކައުންޓަ ޓެރަރިޒަމްގެ އެންމެ އިސްވެރިޔާ ވިދާޅުވާއިރު ސަރުކާރުގެ ވަޒީރު އެކަމަށް އިންކާރު ކުރަމުންދަނީ އަދިރި ދައުލަތް ރުއްސައިގެން ނޫނީ އަދާލަތު ޕާޓީއަށް ދިހަހާސް މެމްބަރުން ހަމަކުރެވެންނެތުމުން ޕާޓީއަށް މެމްބަރުން ހަމަކުރުމަށް ކަމަށެވެ.
އަދާލަތު ޕާޓީން ދާދި ފަހުން ވަނީ އެ ޕާޓީއަށް 10،000 މެންބަރުން ހަމަކުރުމަށް ހާއްސަ ކެންޕެއިނެއް ފަށާފައެވެ. މީގެ ކުރީންވެސް އެފަދަ ކެންޕެއިންތައް ކުރިއަށް ގެންދިޔަނަމަވެސް މިދިޔަ ފަސް އަހަރެއްހާ ދުވަހުންވެސް އަދާލަތުގެ މެންބަރުންގެ އަދަދު 10،000 އަށް އިތުރުކުރެވިފައެއް ނުވެއެވެ. އެހެން ކަމުން މިދިޔަ މުއްދަތުގައި ދައުލަތުން އެ ޕާޓީއަށް ފައިސާ ލިބިފައެއް ނުވެއެވެ.
އަނދިރި ދައުލަތާއި އަދާލަތު ޕާޓީއާ ގުޅުވާ އެމްޑީޕީން މީގެ ކުރީންވެސް ވާހަކަ ދައްކާފައިވެއެވެ.
ރައީސް ނަޝީދު އިންޑިއާގެ "ދަ ހިންދޫ" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެމްޑީޕީއަށް 2013 ވަނަ އަހަރާއި 2018 ވަނަ އަހަރު ވެސް އިންތިހާބް ކާމިޔާބު ކުރެވުނީ ހަރުކަށި ފިކުރުގެ މީހުންގެ ވޯޓާ އެކު ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތް ގޮތުން އެ މީހުންގެ ވޯޓު އިންތިހާބު ކާމިޔާބުކުރަން މުހިއްމު ކަމަށެވެ.
އެކަމަކު "ހަރުކަށި ފިކުރުގެ" ބަޔަކީ ކޮން ބައެއް ކަމެއް ވިދާޅުވެފައެއް ނުވެ އެވެ. ނަމަވެސް ބެލެވޭ ގޮތުގައި ރައީސް ނަޝީދު އެ އިޝާރާތް ކުރައްވަނީ އަދާލަތު ޕާޓީ އަށެވެ. އެމްޑީޕީން 2008 އަދި 2018 ވަނަ އަހަރުވެސް އިންތިހާބް ކާމިޔާބު ކުރިއިރު އަދާލަތު ޕާޓީ އޮތީ އެމްޑީޕީ ކޯލިޝަންގަ އެވެ.