ރާއްޖެއަށް އެންމެ ނުރައްކާ ބޮޑީ ސިޔާސީ ހަރުކަށި ވިސްނުމުގެ މީހުންގެ ފަރާތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް) ވިދާޅުވެއްޖެ އެވެ.
ސަލީމް މިހެން ވިދާޅުވީ "ރާއްޖޭގައި މިފަހުން އުފެދުނު ކޮންމެ ވެރިކަމަކީ ހަރުކަށި ފިކުރުގެ މީހުންގެ އެހީގައި އުފެއްދުނު ވެރިކަންތައްތަކެއް" ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ. ރައީސް ނަޝީދު އިންޑިއާގެ "ދަ ހިންދޫ" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެމްޑީޕީއަށް 2008 ވަނަ އަހަރާއި 2018 ވަނަ އަހަރު ވެސް އިންތިހާބް ކާމިޔާބު ކުރެވުނީ ހަރުކަށި ފިކުރުގެ މީހުންގެ ވޯޓާ އެކު ކަމަށެވެ. އަދި އެމްޑީޕީ ނޫން ބަޔަކަށް 2013 ގައި ވެރިކަން ލިބުނީވެސް އެ މީހުންގެ އެހީގައި ކަމަށާ ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތް ގޮތުން އެ މީހުންގެ ވޯޓު އިންތިހާބު ކާމިޔާބު ކުރަން މުހިއްމު ކަމަށެވެ.
އެ ވާހަކަތަކަށް އިޝާރާތް ކުރައްވާ އިދިކޮޅު ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރުކަންވެސް ކުރައްވާ ސަލީމް ވިދާޅުވީ ރާއްޖެއަށް ހަރުކަށި މީހުންގެ ނުރައްކާ އެބައޮތް ކަމަށެވެ. ރާއްޖެއަށް އެންމެ ނުރައްކާ އޮތީ ސިޔާސީ ހަރުކަށި ވިސްނުމުގެ މީހުންގެ ފަރާތުން ކަމަށްވެސް ވިދާޅުވިއެވެ. ސަލީމް ވިދާޅުވި ގޮތުގައި ސިޔާސީ ހަރުކަށި ވިސްނުމުގެ މީހުންނަކީ ވެރިކަމުގެ ބާރަށްޓަކައި ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ ބައެކެވެ.
ރާއްޖެއަށް އެންމެ ނުރައްކާ އޮތީ ސިޔާސީ ހަރުކަށި ވިސްނުމުގެ މީހުންގެ ފަރާތުން. އެފަދަ މީހުން ވެރިކަން ހޯދުމަށް ކޮންމެ ފަދަ މަސައްކަތެއްވެސް ކޮށްފާނެއަހުމަދު ސަލީމް | މަޖިލީހުގެ މައިނޯރިޓީ ލީޑަރު
ރާއްޖޭގައި ދީނީ ހަރުކަށި ފިކުރުގެ މީހުން ވަރަށް ގިނަ ކަމަށް އެމްޑީޕީގެ އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. ފުލުހުންވެސް ވަނީ ރާއްޖޭގައި އަމިއްލައަށް ޖާނުން ފިދާވެގެން ހަމަލާ ދޭނެ މިންވަރަށް ހަރުކަށިކަން އިސްކުރާނެ 1400 ވުރެ ގިނަ މީހުން ފާހަގަ ކުރެވިފައިވާ ކަމަށް ބުނެފައެވެ.
މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލަން ވަނީ ޓެރަރިސްޓް ހަމަލާއެއް ދީފައެވެ. އެ ހަމަލާވެސް ގުޅެނީ ހަރުކަށި ފިކުރާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ. އެ ހަމަލާއަށް ފަހު ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ގެންދަނީ ސިލްސިލާ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެ އޮޕަރޭޝަންތަކުގައި ގިނަ ބަޔަކު ހައްޔަރުކޮށްފައިވެއެވެ.
ދާދި ފަހުން ރައީސް ނަޝީދުވެސް ވަނީ ހަރުކަށި ފިކުރު ނައްތާލުމަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރަން ޖެހޭ ކަމަށް ދޭހަވާ މޭރުމުން ވާހަކަ ދައްކަވާފައެވެ. އަދި ސަރުކާރުގައި އޮތް އަދާލަތު ޕާޓީއަށް ހަރުކަށި ވިސްނުމުގެ ތުހުމަތު މިހާރު ވަރަށް ބޮޑަށް އަމާޒު ކޮށް ރައީސް ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ގެންދަވަނީ ފާޅުގައި ވާހަކަދައްކަވަމުންނެވެ.