ރައީސް މުހައްމަދު ނަޝީދު

ހަރުކަށި ފިކުރު ހުއްޓުވަން ކުރާ މަސައްކަތް ހަރުދަނާ ކުރަންޖެހޭ: ނަޝީދު

ރާއްޖޭގައި ހަރުކަށި ފިކުރު ހުއްޓުވަން ކުރާ މަސައްކަތް ހަރުދަނާ ކުރަންޖެހޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހަށް މިއަދު ދިން ހަމަލާ ކުށްވެރި ކުރައްވާ ކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި އިންތިޒާމު ވެގެން ހިންގާ ހަރުކަށި ފިކުރުގެ އަމަލުތައް ހުއްޓުވުމަށް ކުރާ މަަސައްކަތް މާބޮޑަށްވެސް ހަރުދަނާވެ އިތުބާރު ހިފެން ޖެހޭ ކަމަށެވެ.

"ޖުމްހޫރީ ޕާޓީގެ ތަރުޖަމާން އަލީ ސޯލިހަށް މިއަދު ދިން ނުރައްކާތެރި ހަމަލާ އިންތިހާއަށް ކުށްވެރި ކުރަން. ރާއްޖޭގައި އިންތިޒާމު ވެގެން ހިންގާ ހަރުކަށި ފިކުރުގެ އަމަލުތައް ހުއްޓުވުމަށް ކުރާ މަަސައްކަތް މާބޮޑަށްވެސް ހަރުދަނާވެ އިތުބާރު ހިފެން ޖެހޭ،" ނަޝީދު ވިދާޅުވިއެވެ.

އަލީ ސޯލިހަށް ހަމަލާ ދިނީ މިއަދު މެންދުރު ހުޅުމާލެ އިން މާލެ އަންނަނިކޮށެވެ. ފުލުހުން ބުނީ އަލީ އަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި 43 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ ސަލްމާން މިސްކިތަށް އަރާ އަޑުގަދަކޮށް ހުކުރުގެ ޖަމާއަތަށް ހުރަސް އެޅި މީހާ އެވެ.

އަލީ ސޯލިހަށް އެ މީހާ ހަމަލާ ދޭން މަސައްކަތް ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. އެއީ ބިރުވެރި މަންޒަރެއް ސިފަ ކުރެވޭ ވީޑިއޯ އެކެވެ.

އަލީ ސޯލިހުގެ ކަރަށް ކަޓަރުން ހަމަލާދޭން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް ހަމަލާ އަމާޒުވީ އޭނާގެ އަތަށެވެ.