އެމަނުއެލް މެކްރޯން

ފަރަންސޭސި ރައީސް ފޯނާއި ފޯނު ނަމްބަރު ބަދަލު ކުރައްވައިފި

ފަރަންސޭސި ރައީސް އިމަނުއެލް މެކްރޮން އާ ފޯނެއް ބައްލަވައިގެން، ފޯނު ނަމްބަރު ވެސް ބަދަލު ކުރައްވައިފި އެވެ. މިއީ އެމަނިކުފާން ކުރިން ގެންގުޅުއްވި ފޯނާއި ފޯނު ނަންބަރު ޖާސޫސުން އަތްދަށުލާފައިވާ ކަމަށް ބުނާ ވާހަކަތަކެއް މީޑިއާ ތަހުގީގަކުން އާންމު ވުމާ ގުޅިގެން އެމަނިކުފާން ކުރެއްވި އިހުތިޔާރެކެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ގައުމުތަކުގެ ސަރުކާރުން މީހުންނަށް ފާރަލައި ޒާތީ މައުލޫމާތު ހޯދުމަށްޓަކައި ޖާސޫސީ ސޮފްޓްވެއާ – ޕެގަސަސް ބޭނުން ކޮށްފައި ވެއެވެ.

ޕެގަސަސް ޕްރޮގްރާމަކީ ފޯނު ބޭނުންކުރާ މީހުނަށް ހިލަމެއް ވެސް ނުވެ ސިއްރިއޔާތުގައި ސްމާޓްފޯނަށް އިންސްޓޯލްކުރެވޭ ޖާސޫސީ ސޮފްޓްވެއާ އެކެވެ. މިއީ އިޒްރޭލުގެ ޖާސޫސީ ސޮފްޓްވެއާ އުފައްދަން ކުޅަދާން އެންސްއެސްއޯ ގްރޫޕުން ޑިޒައިން ކޮށްފައިވާ އަސްކަރީ ފެންވަރުގެ "ސްޕައިވެއާ" އެކެވެ.

އެންއެސްއޯ ގްރޫޕުން ބުނީ ޕެގަސަސް އުފައްދާފައި ވަނީ ޓެރަރިސްޓުންނަށާއި ކުށްވެރިންނަށް ފާރަލާން ކަމަށެވެ. ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމަށް ބެލެވޭ މީހުންނަށް ޖާސޫސްކޮށް އެތައް ބައެއްގެ ފުރާނަ ސަލާމަތް ކޮށްފައިވާ ކަމަށް ވެސް އެންއެސްއޯއިން ބުނެ އެވެ.

ފަރަންސޭސި ރައީސް އިމަނުއެލް މެކްރޮން ގެންގުޅުއްވި ފޯނަކަށް ވެސް ޕެގަސަސް ސޮފްޓްވެއާ އަޅާފައިވާ ކަމަށް ބުނެވެ އެވެ. އެމަނިކުފާން ހިމެނި ވަޑައިގަންނަވަނީ ސަރުކާރުތަކުން ޖާސޫސް ކުރުމަށް މި ސޮފްޓްވެއާ އިންސްޓޯލްކުރި ކަމަށް ބުނެވޭ 50،000 މީހުންގެ ތެރޭގަ އެވެ.

ޕެގަސަސް ޖާސޫސީ ސޮފްޓްއެއާ ފޯނަކަށް އިންސްޓޯލް ކުރުމަށް ފަހު އެ ފޯނަކުން ކުރާ ހުރިހާ މުއާމަލާތެއް ދަމައިގަނެ އެވެ. ދައްކާ ވާހަކަތަކާއި ކުރާ މެސެޖްތައް އަދި އެ ފޯނެއް އެވަގުތަކުން އޮންނަ ތަނަކާއި އެތަނެއްގައި ދައްކާ ވާކަތަކާއި ފޮޓޯ / މަންޒަރުތައް އަތުލައިގަނެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ސަރުކާރުތަކުން ޕެގަސަސް ބޭނުން ކޮށްގެން ނޫސްވެރިންނާއި އިންސާނީ ހައްގުތަކަށް ވާކާލާތުކުރާ މީހުންނާއި ސިޔާސީ މީހުން އަދި ގައުމުތަކުގެ ވެރިންނަށް ވަނީ ޖާސޫސް ކޮށްފަ އެވެ.

ޕެގަސަސް މެދުވެރިކޮށް އީރާގާއި ސައުތު އެފްރިކާ އާއި ޕާކިސްތާނާއި މިސްރާއި އިނގިރޭސިވިލާތާއި އެމެރިކާ އާއި އިންޑިއާ އާއި ޔޫރަޕިއަން ޔޫނިއަންގެ ވެރިން އަދި އދ. އިސް އޮފިޝަލުންނާއި ވެރިންނަށް ޖާސޫސްކޮށްފައި ވެއެވެ.

ފަރަންސޭސި ނޫސްތަކުން ބުނާ ގޮތުން މެކްރޮންއަށް ޖާސޫސް ކޮށްފައި ވަނީ މޮރޮކޯއިންނެވެ. މޮރޮކޯއިން މިކަމަށް އިންކާރުކެ އެވެ. އެހެން ނަމަވެސް ފަރަންސޭސި ޕްރޮސެކިޔުޓަރުން ވަނީ މިކަން ހިނގާފައިވާ ގޮތް އޮޅުންފިލުވަން ތަހުގީގު ފަށާފަ އެވެ.