އާދަޔާޚިލާފު ބޮޑު މޫންފިޝް އެއް އެމެރިކާގެ ގޮނޑުދޮށަކަށް ލައްގައިފި އެވެ. މި ބޮޑު މަހަށް އާންމުކޮށް ކިޔާ އުޅެނީ އޯޕާ އެވެ. އެމެރިކާގެ ސްޓޭޓެއް ކަމަށްވާ އޮރެގަންގެ ސަންސެޓް ބީޗަށް ލެއްގި މި މަހުގައި 45 ކިލޯ ހުއްޓެވެ. މިދިޔަ ބުދަ ދުވަހު ލެއްވި މި މަހުގެ ފޮޓޯތަކާއި ވީޑިއޯތައް މިހާރު ވަނީ ވައިރަލް ވެފަ އެވެ. މި ފޮޓޯތަކުން ފެންނަނީ ވަރަށް އާދަޔާހިލާފު ބޮޑު ރީތި މަހެކެވެ.
މި މަހުގައި ރިހި ކުލައާއި އޮރެންޖްކުލަ އަދި ރަތްކުލައިގެ ހުޅުނބުތައް ހުރުމުން ބަލާ ބެލުމަށް މަސް ފެންނަނީ ވަރަށް ރީތި އެއްޗެއްގެ ގޮތުގަ އެވެ.
އޮރެގަންގެ ސީސައިން އެކުއޭރިއަމުން ކުރި ޓުވީޓެއްގައި ބުނި ގޮތުގައި މިއީ ވަރަށް މަދުން ނޫނީ އެ ހިސާބުގެ ބީޗަށް ލައްގާ މަހެއް ނޫނެވެ.
މިހާރު މަސް އޮތީ ސީސައިޑް އެކުއޭރިއަމްގަ އެވެ. އެތަނުން ބުނެފައި ވަނީ މަސް ހަލާކު ނުވާނެ ގޮތަށް ގަނޑުކޮށްފައި ބާއްވައިގެން ސްކޫލްތައް ހުޅުވެންދެން ބާއްވާނެ ކަމަށެވެ. އަދި މަސް ބޭނުން ކުރާނީ މިއާ ގުޅޭ ތައުލީމު ކުދިންނަށް ފޯރު ކޮށްދިނުމަށް ކަމަށެވެ.
އެ އެކުއޭރިއަމްގެ ޑައިރެކްޓަރަކު ސީއެންއެންއަށް ދިން އިންޓަވިއު އެއްގައި ބުނީ މަސް މަރުވީ ގޮނޑުދޮށަށް ލެއްގި ފަހުން ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ އެކުއޭރިއަމްގެ އޮފިޝަލުންނަށް މަސް އޮތް ހިސާބަށް ދެވުނީ މަސް ލައްގާފައި އޮތްކަން އެނގުނުތާ ގަޑިއެއްހާއިރު ފަހުން ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.
"މިއީ ފުދޭވަރެއްގެ ކޫލް މަހެއް. އާއްމުކޮށް މި މަސް ގޮނޑޮދޮށަށް ނާންނާނެ،" އެކުއޭރިއަމްގެ ޑައިރެކްޓަރު ބުންޏެވެ.
މިކަމުގައި ސީސައިޑް އެކުއޭރިއަމް އާ ޕާޓްނަރުވެގެން މަސައްކަތްކުރަނީ އެ ސްޓޭޓްގެ ތައުލީމީ އިދާރާތަކުންނެވެ. އެ އިދާރާއިން ބުނެފައި ވަނީ ސްކޫލްތައް ހުޅުވުމަށްފަހު ނަސީބު ރަނގަޅު ދަރިވަރުން ތަކަކަށް މި މަސް ފަޅާ ކުދިކޮށް އޭގެން ކަންކަން އެނގުނުމުގެ ފުރުސަތު ތަނަވަސް ވެގެން ދާނެ ކަމަށެވެ.
އޯޕާއަކީ ވަރަށް ބޮޑުވާ ޒާތުގެ މަހެކެވެ. މިފަހަރު ލެއްގި އޯޕާގެ ދިގުމިނުގައި ހުރީ 3.5 ފޫޓު ނަމަވެސް މި ވައްތަރުގެ މަސް ހަ ފޫޓަށް ވެސް ދިގުވާ ކަމަށް ވެއެވެ.