ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ ދާދި ފަހުން ވަނީ އާލިއާ ބަޓް ބަތަލާގެ ރޯލު އަދާކުރާ "ގަންގުބައި ކަތިއާވަޅީ" ގެ ޝޫޓިން ނިންމާލާފަ އެވެ. އެއާއެކު ބާންސާލީގެ އިތުރު ޕްރޮޖެކްޓްތަކުގެ ވާހަކަތަކުގެ އަޑު ވަނީ ގަދަވެފަ އެވެ. އެގޮތުން މިހާރު އެންމެ ހޫނުކޮށް ދެކެވޭ އެއް ވާހަކައަކީ ބާންސާލީގެ ޑްރީމް ޕްރޮޖެކްޓެއް ކަމަށްވާ "ބައިޖޫ ބަވްރާ" ފަށަން އުޅޭ ވާހަކަ އެވެ.
ބޮލީވުޑް ހަބަރުތައް ބުނާ ގޮތުގައި މި ފިލްމު ފުރަތަމަ ހުށަހެޅީ ރަންބީރު ކަޕޫރަށެވެ. ނަމަވެސް ރަންބީރުގެ ޝައުގުވެރި ކަމެއް މި ފިލްމަށް ނެތުމުން މިހާރު ކާރްތިކް އާރްޔަން އަށް ބަތަލުގެ ރޯލު ދީފައިވާ ކަމުގެ އަޑުތަކެއް ވެސް ފެތުރުނެވެ. މި އަޑުތައް ގަދަވީ ބާންސާލީގެ އޮފީހަށް ކާރްތިކް މާ ގިނަގިނައިން ގޮސް އުޅޭތަން ނޫސްވެރިންނަށް ފެނިގެނެވެ.
ނަމަވެސް އިންޑިޔާގެ އޮންލައިން ނޫހަކުން ބުނެފައިވާ ގޮތުގައި ކާރްތިކް އާއި ވާހަކަ ދައްކަމުން ދަނީ "ބައިޖޫ ބާވްރާ" އަދި "ހީރާ މަންޑީ" ގެ ރޯލެއް ދޭކަށެއް ނޫނެވެ. ކޮންމެވެސް އެހެން ޕްރޮޖެކްޓަކަށެވެ. މިހާތަނަށް ބާންސާލީ އިއުލާން ކޮށްފައި އޮތީ މި ދެ ފިލްމު ކަމަށް ވާތީ އެ ދެ ފިލްމުގެ ވާހަކަ ކާރްތިކް އާ ގުޅުވައިގެން ދައްކަނީ ކަމަށް އެ ނޫހުން ބުންޏެވެ.
"ބައިޖޫ ބާވްރާ" އިއުލާން ކޮށްފައި ވިޔަސް ފިލްމު ފަށާނެ ދުވަހަކާއި ތަރިންނަކީ ކޮބައިކަން އަދި އޮތީ ސުވާލު މާކެއްގަ އެވެ. ނަމަވެސް "ހީރާ މަންޑީ" ގެ މަސައްކަތް ވަރަށް އަވަހަށް ފަށަން އުޅޭ ކަމަށް ޚަބަރުތައް ބުނެ އެވެ.
ނެޓްފްލިކްސް އަށް ތައްޔާރުކޮށްދޭ "ހީރާ މަންޑީ" މިހާރު ތައްޔާރު ކުރަނީ އަށް އެޕިސޯޑުގެ ސިލްސިލާއެއްގެ ގޮތުގަ އެވެ. މި ޝޯގައި ދައްކާނީ 1800 ވަނަ އަހަރުގެ ފަހުކޮޅާއި 1950 ގެ އަހަރު ތަކާ ދެމެދުގެ ހާދިސާ ތަކެކެވެ.
މި ސީރީޒްގައި ބައިވެރިވާ ތަރިންގެ ތެރޭގައި މާދުރީ ޑިކްޝިޓް، މަނީޝާ ކޮއިރާލާ، ސޮނާކްޝީ ސިންހާ، ހުމާ ގުރޭޝީ، ނިމްރަތު ކޯރު އަދި ސަޔާނީ ގުޕްތާ ހިމެނެ އެވެ.
މި ސިލްސިލާގެ ފުރަތަމަ އެޕިސޯޑާއި ފަހު އެޕިސޯޑު ޑައިރެކްޓް ކުރަން ހަމަޖެހިފައި ވަނީ ބާންސާލީ އެވެ. ބާކީ ހުރި އެޕިސޯޑުތައް ޑައިރެކްޓް ކުރާނީ ވިބޫ ޕޫރީ އެވެ.