ބޮލީވުޑް

"ބައިޖޫ ބަވްރާ"ގެ މަސައްކަތް ބާންސާލީ ފެށިތާ 20 އަހަރު

ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ ދެން އެންމެ އަވަހަށް ފަށަން ހަމަޖެހިފައިވާ "ބައިޖޫ ބަވްރާ" އަކީ އޭނާ މީގެ 20 އަހަރު ކުރިއްސުރެ ފަށާފައިވާ މަސައްކަތެކެވެ.

އެ ފިލްމު އުފެއްދުމުގެ ޚިޔާލާއި އޭގެ ބައެއް މަސައްކަތްތައް މި ފާއިތުވީ 20 އަހަރު ބާންސާލީ ކުރަމުން ގެންގޮސްފައިވާއިރު އެ ފިލްމު ވުޖޫދަށް ގެނެވޭ ވަރު އޭނާއަށްވީ އަދި ކިރިޔާ އެވެ.

މިއީ އެ ފިލްމެއްގެ ހުވަފެންތައް ބާންސާލީ ދެކެމުންދާތާ އެހާ ގިނަ ދުވަސްވީ ފިލްމަކަށްވާއިރު ފިލްމާ މެދު އޭނާ ކުރާ އުންމީދުތައް ވެސް ހަމަ އެހާ މަތިވެރި އެވެ.

މި ފިލްމުގެ ބަތަލަކަށް ރަންވީރު ސިންގް ހަމަޖެހިފައިވާ ކަމުގެ ޚަބަރުތަކެއް ތަންކޮޅެއް ކުރިން މީޑީއާ އިން ފަތުރާފައި ވެއެވެ. ނަމަވެސް އަނެއްކާ ފަހުން އަބީޝެކް ބައްޗަން އަށް ފިލްމު ލިބުނު ކަމުގެ ޚަބަރުތަކެއްވެސް ފެތުރުނެވެ. ނަމަވެސް ފިލްމުގެ ތަރިންގެ ގޮތުގައި އެއްވެސް އެކްޓަރަކު ޚިޔާރުކުރިކަމެއް ބާންސާލީ އަދި ހާމައެއް ނުކުރެ އެވެ.

"ބައިޖޫ ބަވްރާ" އަކީ 1952 ވަނަ އަހަރު ޑައިރެކްޓަރު ވިޖޭ ބަޓް އުފެއްދި ފިލްމަކަށް ކިޔާ ނަމެކެވެ.

މި ފިލްމުގެ ބަތަލަކީ ބާރަތު ބޫޝަން އެވެ. ބަތަލާ އަކީ މީނާ ކުމާރީ އެވެ. "ބައިޖޫ ބާވްރާ"ގެ އިނގިރޭސި މާނައަކީ "ކްރޭޒީ ބައިޖޫ" އެވެ. މިއީ ބައިޖޫ ކިޔާ ލަވަކިޔުންތެރިއެއްގެ ވާހަކަ އެވެ. ޓަންސެން ކިޔާ އޭނާއާ ވާދަވެރި ލަވަކިޔުންތެރިއަކާ އެކު ލަވަކިޔުމުގެ މުބާރާތެއްގައި ވާދަކޮށް ކާމިޔާބު ހޯދަން ބައިޖޫ ކުރާ މަސައްކަތް މި ފިލްމުގައި ދައްކަ އެވެ. މި މަސައްކަތް ބައިޖޫ ކުރަނީ ކޮންމެހެން މުބާރާތެއް ކާމިޔާބުކޮށް އެކަމުގެ އުފާ ހާސިލުކުރުމަށް ވުރެ އޭނާގެ އަމިއްލަ މަސްލަހަތު ތަކަކާ ހެދި އެވެ.

ޓަންސެން އަކީ އޭރުގެ އެންމެ ކުޅަދާނަ ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނުނު މީހަކަށް ވާތީ އޭނާ ބަލިކުރުމަކީ ކުރެވޭ ވަރަށް ވުރެ މާ އުނދަގޫކަމެއް ކަމަށް ފިލްމުގައި ވާހަކައިގައި ބުނެ އެވެ. ނަމަވެސް ޓަންސެން ބަލިކުރަން ބެއިޖޫ އަތުކުރިއޮޅާ ނުކުމެ އެވެ.