ބޮލީވުޑް

ރަންވީރުގެ ބޮޑީ ޑަބަލްގެ ގޮތުގައި މީޒާން ޖެފްރީ ކުރި ތަޖުރިބާ

މީޒާން ޖެފްރީ އަކީ އިތުރު ތައާރަފަކަށް ބޭނުންވާނެ އެކްޓަރެއް ނޫނެވެ. އޭނާއަކީ އެކްޓަރު އަދި ޑާންސާ ޖާވީދު ޖެފްރީގެ ދަރިފުޅެކެވެ. އަދި މަޝްހޫރު ކޮމޭޑިއަން ޖަގްދީޕްގެ ކާފަ ދަރި އެކެވެ.

މީޒާން ބޮލީވުޑަށް ނުކުތީ ސަންޖޭ ލީލާ ބާންސާލީ 2019ގައި ޕްރޮޑިއުސްކުރި "މަލާލް" އިންނެވެ. މިއީ ބާންސާލީ އަށް ބޮޑުބޭބެ ކިޔާ ޝާމިން ސޭގަލް ތައާރަފް ކުރުމަށް ބާންސާލީ އުފެއްދި ފިލްމެކެވެ. އޭގެ ކުރިން ބާންސާލީ 2018ގައި އުފެއްދި "ޕަދުމާވަތު"ގައި މީޒާން މަސައްކަތް ކުރި އެވެ. ނަމަވެސް އެއްވެސް މިހަކަށް އެ ފިލްމުން މީޒާން ފާހަގައެއް ނުކުރެވުނެވެ.

ސަބަބަކީ އޭނާ އެ ފިލްމުގައި ކުޅުނީ ފިލްމުގެ ބަތަލު ރަންވީރު ސިންގްގެ ބޮޑީ ޑަބަލް އެއްގެ ބައި ކަމަށް ވާތީ އެވެ.

ރަންވީރުގެ ބޮޑީ ޑަބަލްގެ ގޮތުގައި މީޒާން ކުރި ތަޖުރިބާ އޭނާ ދާދިފަހުން ދީފައިވާ އިންޓަވިއު އެއްގައި ކިޔައިދީފައިވެ އެވެ.

މީޒާން ބުނި ގޮތުގައި ބާންސާލީ އޭނާ އަށް ވަރަށް އިތުބާރުކުރެ އެވެ. އޭނާ ކުޅެން ޖެހުނު ހުރިހާ މަންޒަރެއްގެ ގިނަ ރިހާސަލްތަކެއް ކުރުވަ އެވެ. އަދި ރިހާސަލްތައް ރެކޯޑްކޮށް އޭނާއަށް ފަހުން އެ ރެކޯޑިންތައް ދައްކައި އެ މަންޒަރުތަކުގައި އޭނާއަށް ގޯސްކޮށް ކުރެވުނީ ކޮން ކަންތައްތަކެއްކަން ކިޔައިދެ އެވެ. އަދި އެކަން ރަނގަޅުކުރާނެ ގޮތް ވެސް އޮޅުން ފިލުވައިދެ އެވެ.

"އަހަރެން ފުރިހަމަ މޭކަޕް އާއި ކޮސްޓިއުމްގައި ތައްޔާރުވެ ސެޓްގައި ހުރިއިރު ވަރަށް ބިރުގަން. އަހަރެން ބިރުން ގޮސް އެ ދުވަހު އެއްވެސް އެއްޗެއް ނުވެސް ކެވުނު. އަހަރެންގެ ޕާފޯމަންސް ބާންސާލީ ސާ ބަލާނެކަން އެނގޭނީ އަހަރެން ހުރީ ހާސްވެގެން ގޮސް ހަދާނެ ގޮތް ހުސްވެފައި. ޓެކްނިކަލް ގޮތުން ބަލާއިރު "ޕަދުމާވަތު" އަކީ އަހަރެންގެ ފުރަތަމަ ފިލްމު. ރަންވީރުގެ ގިނަ ޑައިލޯގްތަކެއް ވެސް އަހަރެން ބައެއް މަންޒަރުތަކުގައި ކިޔާފައިވާނެ. އެސިސްޓެންޓް ޑައިރެކްޓަރު އައިސް އަހަރެންނަށް ރަންވީރު ކުޅެފައިވާ މަންޒަރުތައް ދައްކާފައި އެގޮތަށް ކޮޕީކުރަން ބުނާނެ. އަހަރެންނަށް އެކްޓްކުރަން ޖެހޭނީ ސީދާ ރަންވިރު ކުރި ގޮތާ އެއްވެސް ތަފާތެއް ނުކޮށް،" 'ޕަދުމާވަތު'ގެ ސެޓުގައި ފުރަތަމަ ދުވަހު ކުރި ތަޖުރިބާ ކިޔައިދެމުން މީޒާން ބުންޏެވެ.

ބައްޕައަކީ ފިލްމު ކުޅޭ މީހަކަށް ވިޔަސް މީޒާން މިހާތަނަށް ވެސް ކޮށްފައިވާ މަސައްކަތް ތަކަކީ އޭނާގެ އަމިއްލަ މަސައްކަތުން ހޯދި ޕްރޮޖެކްޓް ތަކެވެ. މިހާތަނަށް އޭނާއަށް ލިބުނު ތަޖުރިބާތަކުގެ ހުރިހާ ވެސް ޝުކުރެއް އޭނާ އަދާކުރަނީ ބާންސާލީ އަށެވެ.

މީޒާންގެ ދެ ވަނަ ފިލްމު "ހަންގާމާ 2" ދާދިފަހުން ވަނީ ރިލިޒްކޮށްފަ އެވެ. މި ފިލްމުގައި އޭނާ ކުޅެނީ ޝިލްޕާ ޝެޓީގެ ލޯބިވެރިއެއްގެ ބައެވެ.