ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކޮވިޑަށް ބިރުން އާއިލާއެއް ގޭ ބަންދުގައި 15 މަސް

އިންޑިޔާގެ އަންދްރަ ޕްރަދޭޝް ސްޓޭޓްގެ އަވަށެއްގައި ދިރިއުޅޭ އާއިލާއެއްގެ އެންމެން ކޮވިޑް-19 ދެކެ ގަންނަ ބިރަކުން ގޭގައި ތަޅުލެވިގެން އެއްގޮތަކަށް ވެސް ގެއިން ނުނިކުމެ 15 މަސް ދުވަސް ވަންދެން ތިބިއްޖެ އެވެ. އެ އަވަށުގެ އިސްކޮށް ހުންނަ މީހާއަށް މި ހަބަރު ލިބިގެން ގޮސް އެމީހުން އެ ގެއިން ނެރުނުއިރު އެމީހުންގެ ހާލަތު ވަނީ ވަރަށް ގޯސްވެފަ އެވެ. އެމީހުން އިތުރަށް އެ ގޭގައި ދެ ތިން ދުވަހު ތިބި ނަމަވެސް ފުރާނަ ސަލާމަތް ނުކުރެވުނީސް ކަމަށް އެ އަވަށުގެ އިސް ވެރިޔާ ބުނެފައި ވެއެވެ.

ކަޑަލީ އަވަށުގައި ދިރިއުޅޭ މި އާއިލާ ބަންދުވެގެން ތިބީ ޓެންޓް ހައުސް އެއްގަ އެވެ.

އަވަށުގެ ސަރްޕަންޗް (އިސްމީހާ) ބުނި ގޮތުގައި އެ އާއިލާގައި ތިބީ ދެމަފިރިންނާއި އެ މީހުންގެ ދެ ދަރިންނެވެ. މި މީހުން ގެއަށް ވަދެ ގޭގެ ދޮރު ތަޅުލި ގޮތަށް އެއްގޮތަކަށް ތަޅު ނުހުޅުވާ ތިބެން ފެށީ އެމީހުންގެ އަވަށްޓެރިއަކަށް ކޮވިޑް-19 ޖެހިގެން މަރުވުމުން ގަންނާކުރެއްވި ބިރުންނެވެ.

އެ އަވަށުގައި ދިރިއުޅޭ މީހުންނަށާއި އިސް ވެރިޔާއަށް މި މީހުން ގޭގައި ބަންދުވެގެން ތިބިކަން އެނގުނީ ގެދޮރު ދިނުމުގެ ސްކީމެއްގެ ދަށުން އެމީހުންނަށް ދޭ ގެ ހަވާލު ކުރަން ބޭނުންވާ ލިޔެކިޔުންތަކުގައި އެމީހުންގެ ފިންގަޕްރިންޓް ޖަހަން ޖެހިގެން ބަޔަކު އެ ގެއަށް ދިއުމުންނެވެ.

"އަހަރެމެން އެގޭގެ ދޮރުގައި ތަޅައި އެމީހުންނަށް ގޮވުމުން ވެސް އާއިލާގެ އެއްވެސް މީހަކު ދޮރެއް ނުހުޅުވި. ބޭރަށް ނުކުމެޖިއްޔާ އެމީހުން މަރުވާނޭ އެމީހުން ބުނީ. މި މީހުންގެ ހާލަތު ފެނިފައި އެގެއަށް ދިޔަ ވޮލަންޓިއަރުން އަވަށުގެ ބޮޑު މީހާއަށާއި އަވަށުގައި ދިރިއުޅޭ އެހެން މީހުންނަށް އެކަން އެންގީ،" އަވަށުގެ ކަންކަމުގައި އިސްކޮށް މަސައްކަތްކުރާ މީހަކު ބުންޏެވެ.

އަވަށުގެ އިސް މީހުން އެ ތަނަށް އެއްވެ ފުލުހުންނަށް ގުޅައިގެން ގެނެސް ފުލުހުން އެ ގެ ހުޅުވައިގެން ވަން އިރު އާއިލާގެ އެންމެން ތިބީ ވަރަށް ހާލުގަ އެވެ. ތުނބުޅި އާއި އިސްތަށިތައް ނުކޮށާ ގިނަ ދުވަސްވުމުގެ ސަބަބުން މީހުންގެ ސިފަ ވަކި ނުވާވަރު ވެފައިވާއިރު ގައިން ތާހިރު ނުވާތާ ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން އެމީހުން ތިބީ ވަރަށް މުޑުދާރުކޮށް ކަމަށް ވެއެވެ.

މިހާރު އެ އެންމެން ފެންވަރުވާ ރީތިކޮށް ހޮސްޕިޓަލަށް ގެންގޮސް އެތަނުގައި އެޑްމިޓް ކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.
އެމީހުން ދިރިއުޅެމުން ދިޔައީ ކުޑަކުޑަ ޓެންޓެއްގައި ކަމަށާއި ފާޚާނާކޮށް ހަދަނީ ވެސް އެތާ ތެރޭގައި ކަމުން އެ ޓެންޓު ވެސް އޮތީ އިންސާނުން ދިރިއުޅެން ކަމުނުދާ ވަރު ވެފައި ކަމަށް ވެއެވެ.