ޖަޕާނުން މާބޮޑަށް ޓައިވާނާ ގާތްވެ އެކުވެރިކަން އުފައްދައި ޗައިނާއާ ދެކޮޅުވެރި ކަމެއް އުފައްދަން މަސައްކަތް ނުކުރަން ޗައިނާއިން އޮތީ ގޮވާލާފަ އެވެ. ޗައިނާއިން ދެކެނީ ޓައިވާނަކީ އެ ގައުމުގެ ޕްރޮވިންސެއް ކަމަށް ކަމަށާއި އުންމީދަކީ ކޮންމެވެސް ދުވަހަކުން ޗައިނާގެ ފުރިހަމަ ބާރުގެ ދަށަށް ޓައިވާން ގެނައުން ކަމަށް ޗައިނާއިން އަބަދު ވެސް ބުނެ އެވެ.
އެމެރިކާގެ އަސްކަރީ އެހީތެރި ކަމަށް ޓައިވާނުން އެދުން ޗައިނާއަށް ބޮޑު މައްސަލައަކަށް ވެފައި އޮތް ދަނޑިވަޅެއްގައި ޖަޕާނުން ވަނީ ޓައިވާނާ މެދު ދެކޭ ގޮތް ހާމަ ކޮށްފަ އެވެ. ޖަޕާނުން ބުނީ ބައިނަލްއަގަވާމީ ޖަމާއަތްތަކުން ޓައިވާން ބޭރު ކޮށްގެން ނުވާނެ ކަމަށާއި އަޅާލާނެ ބަޔަކު ތިބެން ޖެހޭ ކަމަށެވެ. ޖަޕާނުން އަދި ބުނީ ހުރިހާ ކަމެއްގައި ވެސް ޓައިވާނަށް އެހީތެރިވާނެ ކަމަށެވެ.
ޖަޕާންގެ މި ބުނުމަށް ޗައިނާއިން ވަރަށް ބޮޑަށް ދެކޮޅުހެދި އެވެ. އަދި މާބޮޑަށް ސިޔާސަ ނުވެ އަނގމަޑުންލައިގެން އޮތުމަށް ޖަޕާނަށް ގޮވާލި އެވެ. އެހެން ނަމަވެސް ޖަޕާންގެ އަމަލުތައް އަދި ވެސް ހުރީ ޗައިނާއަށް އެހައި ކަމުދާ ގޮތަކަށް ނޫންނެވެ.
ޗައިނާއިން ބުނީ ޖަޕާނަށް ކެރެންޏާ ސިފައިންނާއި އަސްކަރީ އުޅަނދުތައް ޓައިވާނަށް ފޮނުވަންވީ ކަމަށާއި ޗައިނާއިން ކޮށްލާ ދެތިން ކަމަކުން ޖަޕާނަށް ޖެހޭނީ ދެވަނަ ފަހަރަށް މިނިވަންވާން ކަމަށެވެ.
ޖަޕާންގެ ހިރޮޝީމާ އާއީ ނަގަސާކީއަށް އެމެރިކާއިން އެޓޮމިކް ބޮން އަޅަން ޖެހުނީ ވެސް މަޑުން ނުތިބުމުން ކަމަށާއި ޖަޕާންގެ ކިބައިން މިހާރު އަނެއްކާ ވެސް ފެންނަމުން ދަނީ އަނގަމަޑުން ލައިގެން ނުތިބެވޭ ސިޔާސަތު ކަމަށް ޗައިނާއިން ބުންޏެވެ.
ޗައިނާއިން ބުނީ ދެން ޖަޕާނަށް ޖެހޭނީ ޗައިނާ ކިބައިން މިނިވަންވާން ކަމަށާއި ކޮންމެ އަވަށަކަށް ނިއުކލިއާ ބޮމެއް އަޅަން ޖެހިދާނެ ކަމަށެވެ. އަދި ބުނީ އެއްބޮމަށް ވުރެ ގިނައިން ވެސް ބައެއް އަވަށްތަކަށް އަޅަން ޖެހިދާނެ ކަމަށެވެ.