ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

ޗައިނާއާ ދެކޮޅަށް އަޑުއުފުލައިފި

ޒުވާނުންގެ ބަޔަކު ޗައިނާއާ ދެކޮޅަށް އަޑުއުފުލައިފި އެވެ.

ޗައިނާގެ އެމްބަސީ ހުންނަ ސަރަހައްދުގައި ޒުވާނުންގެ ބަޔަކު ވަނީ ޗައިނާއާ ދެކޮޅު ޝުއޫރުތައް ލިޔެފައިވާ ބޯޑްތައް ހިފައިގެން ތިބެ އިހުތިޖާޖުކޮށް އަޑުއުފުލާފައެވެ.

ވިއްސަކަށް ޒުވާނުން ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި އެ މީހުން ވަނީ ޗައިނާގެ ދަރަނީގެ ދަންތުރައިގައި ރާއްޖެ ޖައްސާފައިވާ ކަމަށް ލިޔެފައިވާ ބޯޑްތަކާއި ޗައިނާ ހުއްޓުވަން ޖެހޭ ކަމަށް ބުނެ ޝުއޫރު ލިޔެފައިވާ ބޯޑްތައް ބޭނުން ކޮށްފައެވެ.

އަދި ރާއްޖޭގައި ބޮޑުކޮށް ފުޅާކޮށްފައިވާ "އިންޑިއާ އައުޓް" ކެންޕެއިނެކޭ އެއްގޮތަށް "ޗައިނާ އައުޓް" ލިޔެފައިވާ ބޯޑްތަކެއް ގެންގުޅެފައެވެ.

ފުލުހުން ވަނީ ޗައިނާ އެމްބަސީ ހުންނަ ސަރަހައްދު ބަންދުކޮށް އެ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައެވެ. އަދި އެމްބަސީ ކުރިމަތީ އަޑުއުފުލަން ފުރުސަތު ދީފައެއް ނުވެއެވެ.

ރާއްޖޭގައި އިންޑިއާއާ ދެކޮޅު ހަރަކާތް ބޮޑުވި ނަމަވެސް މިއީ ޗައިނާއާ ދެކޮޅަށް މިފަދަ ގޮތަކަށް އަޑުއުފުލި ފުރަތަމަ ފަހަރެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެ-ޗައިނާ ގުޅުން ވަރަށް ވަރުގަދަ އެވެ. ނަތީޖާއެއްގެ ގޮތުން ދިވެހިންގެ އެންމެ ބޮޑު އެހީތެރިއަކަށްވީ އެ ގައުމެވެ.

މިދިޔަ ފަސް އަހަރު ރާއްޖޭގައި ހިންގުނު ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ޗައިނާއިން ލޯނާއި ހިލޭ އެހީ ލިބުނެވެ.

ރާއްޖެ-ޗައިނާ ގުޅުމާމެދު އަބަދުވެސް އެންމެ ބޮޑު ސުވާލެއް އުފައްދާ އެ ގައުމަށް ފާޑުވިދާޅުވަނީ ކުރީގެ ރައީސް ނަޝީދެވެ. އިންޑިއާގެ ދިފާއުގައި ވަރަށް ބޮޑަށް ވަކާލާތު ކުރައްވާ ރައީސް ނަޝީދު ވިދާޅުވ ގޮތުގައި ޗައިނާގެ ދަރަނީގައި އެ ގައުމުން ރާއްޖެ ޖައްސުވާފައިވަނީ ވަރަށް ބޮޑަށެވެ.