އަބްދުﷲ ޝާހިދު

ޝާހިދު، މޯދީއާ ބައްދަލުކުރައްވައިފި

Jul 23, 2021
2
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވަނީ -- ފޮޓޯ: ފޮރިން މިނިސްޓްރީ
0%
0%
0%

ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ އިންތިޚާބީ ރައީސް އަބްދުﷲ ޝާހިދު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އޮތް މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި، ސަރުކާރާއި އިންޑިއާގެ ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސްކޮށްފަ އެވެ.

މިނިސްޓަރ ޝާހިދު ވަނީ މެދުނުކެނޑި އިންޑިއާއިން ދިވެހިރާއްޖެއަށް، ހާއްސަކޮށް ކޮވިޑް-19 އާ ގުޅިގެން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ.

ދިވެހިރާއްޖެއިން އދގެ އާއްމު މަޖިލީހުގެ ރިޔާސަތަށް އިންތިހާބުވުމަށް ކުރި ކެމްޕޭންގައި އިންޑިއާއިން ތާއީދުކޮށްދިނީތީ ވެސް ޝާހިދު ވަނީ މިބައްދަލުވުމުގައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި އެމަނިކުފާނުގެ "އުއްމީދުގެ ރިޔާސަތު"ގައި 76 ވަނަ ސެޝަންގައި ކުރައްވަން އިސްކަން ދެއްވާ މަސައްކަތްޕުޅުތަކާ ބެހޭ މައުލޫމާތު ބޮޑުވަޒީރު މޯދީއާ ހިއްސާކުރެއްވި އެވެ.

މި ބައްދަލުވުމުގައި ޝާހިދުގެ އަރިހުގައި ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ހުސައިން ނިޔާޒްއާއި އޮފީސް އޮފް ދަ ޕްރެޒިޑެންޓް އޮފް ޖެނެރަލް އެސެމްބްލީގެ ޝެފް-ޑި-ކެބިނެޓް-ޑެޒިގްނޭޓް އެމްބެސެޑާ ނަގަރާޖް ނައިޑޫ ބައިވެރިވެވަޑައިގަތެވެ.

މިނިސްޓަރު ޝާހިދު މިމަހުގެ 22 އިން 24 އަށް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ އެ ގައުމުގެ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މިއީ އދގެ އާއްމު މަޖިލީހިގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ޝާހިދު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ޝާހިދުގެ މިދަތުރުފުޅުގައި ރާއްޖޭގެ ތަރައްގީއާ ގުޅުންހުރި އެމްއޯޔޫ ތަކެއްގައި ސޮއިކުރުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910