ޓޫރިޒަމް

ޓައިމްގެ މަގުބޫލު 100ގައި ރާއްޖެ

Jul 23, 2021

ދުނިޔޭގެ އެންމެ މަގުބޫލު މެގަޒިން ތަކުގެ ތެރޭގައި ހިމެނޭ ޓައިމް މެގަޒިން އިން ހޮވާ އެންމެ ވަރުގަދަ 100 މަންޒިލްގެ ތެރޭގައި ރާއްޖެ ހިމެނިއްޖެ އެވެ.

ޓައިމްގެ މިއަހަރުގެ ގަދަ 100ގެ ލިސްޓުގައި ރާއްޖެ ހިމަނާފައިވަނީ 53 ވަނައިގަ އެވެ.

ރާއްޖޭގައި އެންމެ ފާހަގަކުރެވޭ ތަންތަނުގެ ތެރޭގައި ނ. އަތޮޅުގައި ހިންގާ މަޝްހޫރޫ ވެލާ ޕްރައިވެޓް އައިލެންޑާއި މިއަހަރު ހުޅުވި ރިސޯޓެއް ކަމުގައިވާ ފަރި އައިލެންޑްސް ހިމެނެ އެވެ.

ލިސްޓުގައި ރާއްޖެ ހިމެނުމަށްފަހު ޓައިމްގައި ބުނެފައިވަނީ ރާއްޖެ އަކީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ކަރަންޓީނު ވާން ނުޖެހޭ ގޮތަށް ޗުއްޓީ ހޭދަކުރަން ފުރުސަތު ދިން ފުރަތަމަ ގައުމު ކަމަށެވެ. ރާއްޖޭގައި ވެކްސިން ޓޫރިޒަމް ފަށަން ނިންމާފައިވާ ކަން ވެސް ފާހަގަކޮށްފައިވެ އެވެ.

މިއަހަރުގެ ލިސްޓުގައި ދުބާއީ، ސިންގަޕޫރު، ނިއުޔޯކް، ބެންކޮކް، އެތެންސް އަދި ޕެރިސް ފަދަ ތަންތަން ވެސް ހިމަނާފައިވެ އެވެ.

ޓައިމްގައި ބުނެފައިވާ ގޮތުގައި މިއަހަރުގެ ލިސްޓުގައި ހިމަނާފައިވާ ތަންތަނަކީ ކޮވިޑް-19ގެ ސަބަބުން އުދަގޫ ހާލަތްތައް ކުރިމަތިވި ނަމަވެސް ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިން މަގުބޫލު ތަންތަނެވެ. ލިސްޓުގައި ހިމެނޭ ތަންތަނުން ހާލަތާ ކުރިމަތިލާ، އަލުން ދާއިރާ ބިނާ ކުުރުމަށް މަސައްކަތް ކޮށްފައިވާ ކަންވެސް ފާހަގަކޮށްފައިވެ އެވެ

ޓައިމްގެ ލިސްޓުގައި ހިމަނާ މީހުންނާއި ތަންތަން ކަނޑައަޅަނީ އެ މެގަޒިންއާ އެކު މަސައްކަތް ކުރާ ކޮރެސްޕޮންޑެންޓުނާއި ކޮންޓްރިބިއުޓަރުން ހުށަހަޅާ ނަންތަކެއްގެ ތެރެއިންނެވެ.