ދިވެހި އިންޑިއާގެ ގުޅުން

އިންޑިއާގެ ހިލޭ އެހީ އިތުރުކޮށްފި

ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ހިންގުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށްދޭ އެހީ އިތުރުކޮށް އެކަމާ ގުޅޭ އެއްބަސްވުން އައު ކޮށްފި އެވެ.

އެހީ އިތުރުކޮށް ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ އައުކުރެވިފައިވާ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގައި ސޮއިކުރެއްވީ އެކަމަށްޓަކައި އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މިއަދު އޮތް ރަސްމިއްޔާތެއްގައެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ ޖައިޝަންކަރެވެ.

ޕްރޮޖެކްޓްތައް ހިންގުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ކުރިން ދީފައިވަނީ 85 މިލިއަން ދިވެހި ރުފިޔާއެވެ. މި އެމްއޯޔޫގައި ސޮއިކުރުމާއެކު މި އަދަދު 155 މިލިއަން ދިވެހި ރުފިޔާއަށް އިތުރުވާނެއެވެ.

ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކާ ގުޅޭ އެމްއޯޔޫގައި އެންމެ ފުރަތަމަ ސޮއިކޮށްފައިވަނީ އިންޑިއާގެ އޭރުގެ އެކްސްޓަނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖް ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މާޗް 17، 2019 ގައެވެ.

ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ އެމްއޯޔޫގެ ދަށުން މިހާރުވެސް 12 ޕްރޮޖެކްޓެއް ކުރިއަށްގެންދެއެވެ. އެއީ އައްޑޫ ސިޓީ ހިތަދޫ އާއި މަރަދޫ އަދި ހުޅުދޫ އާއި ނ. ކެނދިކުޅުދޫގައި ގޭދޮށު މަސް ޕްލާންޓް ގާއިމްކުރުމުގެ މަޝްރޫއު އާއި އައްޑޫ ސިޓީ ހިތަދޫ އާއި ފޭދޫ އާއި މަރަދޫ އާއި މީދޫ އަދި ހުޅުދޫގައި ފަތުރުވެރިކަމުގެ ޒޯންތައް ތަރައްގީކުރުމުގެ މަޝްރޫއު އާއި ހަނިމާދޫގައި ހިންގާ ދަނޑުވެރިކަމުގެ މަޝްރޫއު އާއި އައްޑޫ ސިޓީ ހުޅުދޫގައި ޑްރަގް ޑީޓޮކްސް މަރުކަޒެއް ގާއިމްކުރުމުގެ މަޝްރޫއުގެ އިތުރުން ހއ ހޯރަފުށީގައި ފެން ބަންދުކުރާ ޕްލާންޓެއް ގާއިމްކުރުމުގެ މަޝްރޫއެވެ.