ރޮޒައިނާ އާދަމް

ރޮޒައިނާގެ ސުވާލެއް؛ އެމްޑީޕީގައި ތިބީ ކަސްތޮޅު އަޅުވާފައި ތިބި ބައެއްތަ؟

ހަރުކަށި ފިކުރުގެ ވާހަކަ ދައްކަވާ ހަމައެކަނި ލީޑަރަކީ ރައީސް ނަޝީދު ކަމަށާ ބޮން ގޮއްވާ އެމަނިކުފާނު ޒަހަމް ކޮށްލެއްވުމުން އެ ހާލުކޮޅުގައި އޮންނަވައިގެން ވެސް އެ ހާލަތަށް ގައުމު ދިޔަ ސަބަބާއި ހައްލު ކުރަން ފަސްޖެހެމުންދާ ގޮތުގެ ވާހަކަ ދެއްކެވުމުން ދެން އެކަމުގައި އެމްޑީޕީގެ ވަކި އެހެން މީހަކަށް ދެއްކެން އޮންނާނެ ވާހަކައެއް ނޯންނާނެ ކަމަށް މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އަދި މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ ވިދާޅުވި ވިދާޅުވުމަށް އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ރައްދު ދެއްވާ ސުވާލެއް ކުރައްވައިފި އެވެ.

އިންތި މި މޭރުމުން ވާހަކަ ދެއްކެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ދެކޮޅަށް އެމްޑީޕީގެ ތެރެއިން ނުކުމެ އިދިކޮޅު ޕާޓީއާ ގުޅިގެން މަސައްކަތް ކުރަން ހިޔާލު ފާޅުކޮށް، ސަރުކާރު ބަލިކަށިވާ ގޮތަށް އެމްޑީޕީގެ އެއްވެސް މެންބަރަކު އަމަލު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރު މުހައްމަަދު އަސްލަމް ވިދާޅުވުމާއި ގުޅިގެންނެވެ.

އަސްލަމްގެ ވާހަކަތަކަށް ރައްދު ދެއްވަމުން އިމްތިޔާޒު ވިދާޅުވީ ހަރުކަށި ފިކުރުގެ ވާހަކަ ދައްކަވާ ހަމައެކަނި ލީޑަރަކީ ރައީސް ނަޝީދު ކަމަށާ ބޮން ގޮއްވާ އެމަނިކުފާނު ޒަހަމް ކޮށްލެއްވުމުން އެ ހާލުކޮޅުގައި އޮންނަވައިގެން ވެސް އެ ހާލަތަށް ގައުމު ދިޔަ ސަބަބާއި ހައްލު ކުރަން ފަސްޖެހެމުންދާ ގޮތުގެ ވާހަކަ ދެއްކެވުމުން ދެން އެކަމުގައި އެމްޑީޕީގެ ވަކި އެހެން މީހަކަށް ދެއްކެން އޮންނާނެ ވާހަކައެއް ނޯންނާނެ ކަމަށެވެ.

އެ ވާހަކަތަކާއި ގުޅިގެން ރޮޒައިނާ ވަނީ ސުވާލެއް ކުރައްވާފައެވެ. އޭނާ ވަނީ އެމްޑީޕީގައި ތިބީ ކަސްތޮޅު އަޅުވާފައި ތިބި ބައެއްތޯ ސުވާލު ކުރައްވާފައެވެ. އޭނާ އެ އިޝާރާތް ކުރައްވަނީ ނަޝީދު ދެއްކެވި ވާހަކަފުޅަށް އެމްޑީޕީގެ އެހެން މެންބަރުން ދެން ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށް އިންތި ވިދާޅުވި ވިދާޅުވުމަށެވެ.

"އެޔޯ، މީ [އެމްޑީޕީ] ކަސްތޮޅު އަޅުވާފައި ތިބި ބައެއް ތިބި ތަނެއްތަ،" އިންތިއަށް އަމާޒު ކުރައްވާ ރޮޒައިނާ ސުވާލު ކުރެއްވިއެވެ.

އެމްޑީޕީގެ ތެރޭގައި ބައިބައިވުމާއި ހިޔާލުތަފާތުވުން ބޮޑުވެ ދެ ފެކްޝަނެއްގެ ގޮތުގައި ނުރަސްމީކޮށް ދަނީ މަސައްކަތް ކުރަމުންނެވެ. މެންބަރު އިމްތިޔާޒަކީ ރައީސް ނަޝީދުގެ ވަފާތެރި މެންބަރެކެވެ. ރޮޒައިނާ އަކީ ރައީސް ސޯލިހްގެ ވަފާތެރި މެންބަރެކެވެ. ރޮޒައިނާ ޕާޓީން ވަކިކުރަންވެސް ރައީސް ނަޝީދު ކުރީން ހުށައަޅުއްވާފައިވެއެވެ.

ނަޝީދު އެ ހުށައެޅުއްވުން ހުށައެޅުއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕް އަދި އެމްޑީޕީގެ ޕީޖީ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަށެވެ. އެއީ އޮގަސްޓް 17، 2020 ގައެވެ.

ރައީސް ނަޝީދު ވިދާޅުވީ "ރޮޒައިނާ އާދަމް އެމްޑީޕީގެ މެމްބަރު ކަމުން ވަކި ކުރުމަށް އަޅުގަނޑު ހުށަހަޅަން" ކަމަށެވެ. ނަޝީދު ވަނީ މީގެ ކުރިންވެސް ރޮޒައިނާއަށް ފާޑުވިދާޅުވެފައެވެ. އަދި ރޮޒައިނާގެ މަޅީގައި އެމްޑީޕީގެ އެއްވެސް މެންބަރަކު ޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ނަޝީދު އެ ގޮތަށް ހުށައެޅުއްވުމުން ތޮއްޑޫ ދާއިރާގެ މެންބަރު ޝިޔާން އެކަމަށް ތާއީދު ކުރެެއްވިއެވެ. އިތުރު އެއްވެސް މެންބަރަކު އެކަމަށް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ރޮޒައިނާ ސިޔާސީ މަސައްކަތް ފެއްޓެވީ ރައީސް މައުމޫނާއެކު ޑީއާރުޕީންނެވެ. ޑީއާރުޕީގައި އެކަމަނާގެ ފިރިކަލުންގެ ބޭބެ އަހުމަދު ތަސްމީން އަލީ ލީޑަރުކަން ދޫކޮށްލެވުމާއި ހަމައަށް ހުންނެވުމަށް ފަހު އެމްޑީޕީއާ ގުޅިވަޑައިގެންނެވީ 2013ގެ އިންތިހާބުގެ ދެވަނަ ބުރުންނެވެ. ފުރަތަމަ ބުރުގައި ހުންނެވީ އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއެކުއެވެ.