ރޮޒައިނާ އާދަމް

ރޮޒައިނާގެ ރައްދެއް: އެމްޑީޕީއަށް ރަނގަޅީ ރައީސް ދެވަނަ ދައުރަކަށް ހޮވުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ދެވަނަ ދައުރަކަށް ހޮވުމަކީ އެމްޑީޕީ އާއި ގައުމަށްވެސް އޮތް އެންމެ ރަނގަޅު ގޮތް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރޮޒައިނާ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަކީ ސަރުކާރު ހިންގާ އަދި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވުމާއި ގުޅިގެންނެވެ.

ނަޝީދުއާ ވަަރަށް ބޮޑަށް ހިޔާލު ތަފާތު މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރޮޒައިނާ ވިދާޅުވި ގޮތުގައި ރަނގަޅު ހެޔޮ ލަފާ ވެރިއަކު ލިބުމުން އެ ބޭފުޅަކަށް ދެވަނަ ދައުރެއް ދޭން ނުޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ފެހި ގާނޫނު އަސާސީއެކު އެންމެ އަމާން ވެރިކަމެއް ކޮށްދެއްވީ ރައީސް ސޯލިހް ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.

އަދި ވިދާޅުވީ ބޭނުންވަނީ ހަމަޖެހުމަށް ލޯބި ކުރާ ވެރިއެއް ކަމަށެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ހޮވުމަކީ އެމްޑީޕީ އަށް ވެސް އަދި ގައުމަށްވެސް އޮތް އެންމެ ރަނގަޅު ގޮތް،" ކުރީން ޑީއާރުޕީގެ އިސް މަގާމުތަކެއްވެސް ފުރުއްވާފައިވާ ރޮޒައިނާ ވިދާޅުވިއެވެ.

ރަސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަކީ ސަރުކާރު ހިންގާ އަދި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތްތޯ އަދި ކާމިޔާބު ނުކުރެއްވިއްޖެނަމަ ކާމިޔާބު ކުރައްވާ ކެންޑިޑޭޓަކަށް ތާއީދު ކުރައްވާނެތޯ އާންމުންގެ މީހަކު ސުވާލު ކުރުމުންނެވެ.

ރޭ އޮތް "އާސްކު ސްޕީކާ" ޕްރަގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ނަަޝީދު ވިދާޅުވީ އެމަނިކުފާނު އެއްވެސް އިންތިހާބަކަށް ނިކުންނަވަނީ ނާކާމިޔާބު ވާނެ ކަމަށް ބަލައިގެން ނޫން ކަމަށެވެ. އަދި އިންތިހާބުން ކާމިޔާބު ވާނެ ކަމަށް ވިދާޅުވިއެވެ. އޭގެ ފަހަށް ވިދާޅުވީ ރައީސް ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަކީ ސަރުކާރު ހިންގާ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

"އަޅުގަނޑު އެއްވެސް އިންތިހާބަކަށް ނުނިކުންނަން ބަލިވާނެ ކަމަކަށް ނިންމައިގެނެއް. ނުވަތަ ކާމިޔާބު ނުލިބޭނެ ކަމަކަށް ދެކިގެނެއް. އެހެންވީމަ ކުރިއަށް އޮތް އިންތިހާބުތަކުގައިވެސް އަޅުގަނޑު ނިކުންނާނީ ކާމިޔާބު ކުރުމަށް. ދެން އަޅުގަނޑު ދެކޭނީ ކާމިޔާބު އަދި އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަށް،" ނަޝީދު ވިދާޅުވިއެވެ.

ނިމިގެންދިޔަ 2018 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން މިނިސްޓަރު ޝާހިދު ފާޅު ކުރެއްވި ކަމަށާ ނަމަވެސް އެ ފަހަރުގެ އިންތިހާބުގައި ނިކުންނަވަން އެންމެ ރަނގަޅު ބޭފުޅަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ޝާހިދު އަރިހުގައި ވިދާޅުވެފައި ވާނެ ކަމަށް ނަޝީދު މިރޭ ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލެއްވުން މަޑުޖައްސަވާ ލެއްވުމަށް ޝާހިދުގެ އަރިހުގައި އެދިވަޑައިގެންނެވި ނަމަވެސް ޝާހިދަކީ ވެރިކަމަށް ވަޑައިގަތުމަށް "ރުކުން" ހަމަ ބޭފުޅެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ދެވަނަ ދައުރަކަށް ކުރިމަތިލެއްވުން އެއީ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން،"

"ރައީސް، 2018 ވަނަ އަހަރުގައި ކުރިމަތިލެއްވި އިރުގައި އޭގެ ކުރީގައި އަޅުގަނޑާއި ބައްދަލު ކުރެއްވި އަބްދުﷲ ޝާހިދު. އެ 2018 ވަނަ އަހަރުގެ އިންތިހާބުގައި ޝާހިދު އެދިވަޑައިގެންނެވި ކެންޑިޑޭޓެއްގެ ގޮތުގައި ނިކުންނެވުމަށް. އެހެން ނަމަވެސް އަޅުގަނޑު ދެންނެވިން ޝާހިދުގެ އަރިހުގައި އަޅުގަނޑަށް ފެންނަ ފެނުމުގައި 2018 ވަނަ އަހަރުގެ އިންތިހާބުގައި ނިކުތުމަށް އެންމެ ރަނގަޅު ބޭފުޅަކަށް ވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއޭ. 2018 ވަނަ އަހަރު އަޅުގަނޑު އަބްދުﷲ ޝާހިދު އަރިހުގައި އެ ފަހަރު މަޑުކުރައްވަން ދެންނެވިއިރުގައި އަޅުގަނޑަށްވެސް ވަރަށް ބޮޑަށް ސާފު ޝާހިދަކީ ރާއްޖޭގެ ވެރިކަން ކުރުމުގެ ހުރިހާ ރުކުނެއް ފުރިހަމަވާ ބޭފުޅެއްކަން،" ނަޝީދު ވިދާޅުވިއެވެ.