ރޮޒައިނާ އާދަމް

ނަޝީދާއި ޔާމީން އެކުވެ ކުރެވޭނީ ކޮން ކަމެއްތޯ ސުވާލުކޮށްފި

ހަރުކަށި ފިކުރު ނައްތާލާ ކޮރަޕްޝަނުން ގައުމު ސަލާމަތް ކުރުމަށް ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދު އާއި ރައީސް އަބްދުﷲ ޔާމީނަށް އެކުގައި ކުރެވޭނީ ކޮން މަސައްކަތެއްތޯ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕްގެ މެންބަރު ރޮޒައިނާ އާދަމް ސުވާލު ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު ސިޔާސީ ގޮތުން ހުރެވެން ނެތް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ޔާމީން އާއި ޕީޕީއެމް އިން މެދުމިނުގެ ދީނީ ސިޔާސަަތަށް ތާއީދު ކުރާނަމަ އެ ބޭފުޅުންގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

އެ ވާހަކަތަކާއި ގުޅިގެން ސަންގު ޓީވީގެ ޕްރަގްރާމެއްގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ރައީސް ސޯލިހާއެކު ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ނުކުރެވިގެން ރައީސް ޔާމީނާއެކު ކުރެވޭނެ މަސައްކަތަކީ ކޮބައިތޯ ސުވާލު އުފެދޭ ކަަމަށެވެ. ކުރީ ސަރުކާރުގެ ދުވަސްވަރު ހަރުކަށި ފިކުރަށް ޖާގަ ދިނުމަށް އެތައް ކަމެއް ކޮށްފައިވާ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

އަދި ދެ ރައީސުން ގުޅިގެން ކޮރަޕްޝަން ނައްތާލެއްވުމުގެ ވާހަކަ ދައްކަވާއިރު ރައީސް ޔާމީނަކީ މިހާރުވެސް އެފަދަ ކުށެއްގައި ހުކުމް އޮތް ބޭފުޅެއް ކަމަށް ވިދާޅުވެ ނަޝީދުގެ ހުށައެޅުއްވުމަށް ފާޑުވިދާޅުވިއެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެއްކޮށް ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ނުކުރެވިގެން ގޮސް ރައީސް ޔާމީނާއެކު މަސައްކަތް ކުރަަން ބަލާއިރު ބެކްރައުންޑް މި އޮތީ މިހެން. މިހެން ބެކްރައުޑް އޮތްއިރު ކޮން މަސައްކަތެއްތޯ ކުރެވޭނީ. ދެން ވައްކަމުގެ މައްސަލަ، ވައްކަން ސާބިތުވެގެން މިހާރުވެސް އެ ހުކުމް ތަންފީޒު ކުރަމުންދާ ރައީސަކާއެކު ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވަން ނިކުމެވަޑައިގެން މަސައްކަތް ކުރައްވަންވީ؟ ދެން އެ ވާހަކަ އަޅުގަނޑުމެންވީ ގަބޫލު ކުރަން،" ރޮޒައިނާ ސުވާލު ކުރެއްވިއެވެ.

ރައީސް ނަޝީދު މީގެ ކުރީންވެސް ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ޕީޕީއެމްގެ އެހީތެރިކަން ހޯއްދަވާނެ ކަމަށް ވިދާޅުވެފައެވެ. "އާސްކް ސްޕީކާ" ޕްރަގްރާމްގައި ނަޝީދު ވިދާޅުވީ ދެހާސް ތޭވީސް ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ޕްރައިމަރީ އޮންނާނެ ކަމަށާ އެ ޕްރައިމަރީގައި ވާދަ ކުރައްވާ ކާމިޔާބު ހޯއްދަވާނެ ކަމަށެވެ.

ނަމަވެސް އެމަނިކުފާނު ވިދާޅުވީ 2023ގެ ރިޔާސީ އިންތިހާބު ބޭއްވުމަށްވުރެ ގައުމަށް އެންމެ ބޭނުންތެރިކަމަކީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުން ކަމަށެވެ. އަދި 2024 ވަނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން ވަރަށް ބޭނުންތެރި ކަމަށް ވިދާޅުވިއެވެ. އެއީ ރާއްޖޭގެ ތަރައްގީގެ ދުވެލި ހަލުވި ހުރިހާ ގޮތަކުންވެސް ގައުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށެވެ.

ނަޝީދު ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ކުރައްވާ މަސައްކަތް ކާމިޔާބުވާނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުުރުން އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ ޕީޕީއެމްގެ ތާއީދުވެސް ބަރުލަމާނީ ނިޒާމެއް ގެނައުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅަށް ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ