ވިޔާނުދާ ޒާތުގެ ފިލްމުތައް އުފައްދާކަމުގެ ތުހުމަތުގައި ޝިލްޕާ ޝެޓީގެ ފިރިމީހާ ހައްޔަރު ކުރުމާ ގުޅިގެން ގިނަ ބަޔަކު ޝިލްޕާއަށް ވެސް އޭގެ ރުޅި ދަނީ ބާލަމުންނެވެ. ޝިލްޕާ ބޮއިކޮޓް ކުރަން ވެސް މިފަދަ ބައެއް މީހުން ދަނީ ގޮވަމުންނެވެ. ޝިލްޕާ ފިރިމީހާ ހައްޔަރު ކުރިއިރު ޝިލްޕާގެ "ހަންގާމާ 2" ރިލީޒް ކުރަން އޮތީ ތައްޔާރުވެފަ އެވެ. މިއީ އެތައް އަހަރަކުއްސުރެ ފިލްމު ކުޅުމާ ދުރުގައި ހުރެފައި ޝިލްޕާ އެނބުރި އައުން ފާހަގަ ކުރާ ފިލްމެވެ. ނަމަވެސް ޝިލްޕާގެ ފިރިމީހާގެ ސަބަބުން ފިލްމުގެ އެއްވެސް ޕްރޮމޯޝަނެއްގައި ވެސް ޝިލްޕާ އަށް އިތުރަށް ބައިވެރި ނުވެވުނެވެ.
ހުކުރު ދުވަހު ޝިލްޕާ ވަނީ ސޯޝަލް މީޑިއާގައި ވަރަށް ޚާއްސަ މެސެޖެއް މި ފިލްމާ ގުޅޭ ގޮތުންނާއި އޭނާގެ ފިރިމީހާ ހައްޔަރު ކުރުމުން އޭނާއަށް ދިމާވެފައިވާ މައްސަލަތަކާ ގުޅޭ ގޮތުން ޝެއާ ކޮށްފަ އެވެ.
ޝިލްޕާގެ މެސެޖުގައި ބުނެފައި ވަނީ އޭނާގެ ފިރިމީހާ ހައްޔަރު ކުރިޔަސް އޭގެ ގެއްލުން "ހަންގާމާ 2" އަށް ނުދިނުމަށެވެ. އަދި އެންމެން ވެސް ފިލްމު ބަލަން ޝިލްޕާ އެދުނެވެ.
"ހަންގާމާ 2" ހުކުރު ދުވަހުން ފެށިގެން ޑިޒްނީ+ހޮޓްސްޓާ އިން ސްޓްރީމް ކުރަން ވަނީ ފަށާފަ އެވެ. ޕްރިޔަދަރްޝަން ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ ވަރަށް ގިނަ ބަޔެއްގެ ބުރަ މަސައްކަތް ކަމަށާއި އޭނާ އެ ފިލްމުގައި ބައިވެރިވާތީ އޭ ކިޔާފައި ފިލްމަށް ގެއްލުން ނުދިނުމަށް ޝިލްޕާ ވަނީ އެދިފަ އެވެ.
"މިއީ ވަރަށް ބޮޑު ޓީމަކުން ކޮށްފައިވާ ބުރަ މަސައްކަތެއް. ވީމާ މި މަސައްކަތަށް ގެއްލުން ވިޔަ ނުދޭން އަހަރެން ވަރަށް ބޮޑަށް އެދެން،" ޝިލްޕާގެ މެސެޖުގައި ބުނެފައި ވެއެވެ.
ޝިލްޕާގެ ފިރިމީހާ ރާޖްގެ ބަންދަށް އިތުރު މުއްދަތު ޖަހާފައިވާއިރު މުމްބައި ފުލުހުން ވަނީ ޝިލްޕާ އާއި ރާޖް ދިރިއުޅޭ ގެއަށް ވަދެ އެ ގެ ބަލާ ފާސް ކޮށްފަ އެވެ. އަދި ގިނައިރުތަކެއް ވަންދެން ޝިލްޕާ އާ ވެސް ސުވާލުތައް ކުރި ކަމަށް ވެއެވެ.
ޝިލްޕާ އަކީ މިހާރު ސޮނީ ޓީވީން ދައްކާ "ސުޕަ ޑާންސާ ޗެޕްޓާ 4"ގެ ޖަޖެއް ނަމަވެސް ފިރިމީހާ ހައްޔަރުކުރި ފަހުން ޝޫޓްކުރި އެޕިސޯޑުތަކުގައި ޝިލްޕާ ބައިވެރިވެފައެއް ނުވެ އެވެ.