މުހައްމަދު އަލީ ޖަނާހް

އުދަނގޫ ދަނޑިވަޅުގައި ރާއްޖެއަށް އެހީވީ އިންޑިއާ: ޖަނާ

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް އެންމެ ދަތިވި ދުވަސްވަރު ރާއްޖެެއަށް އެހީވެ އިގްތިސޯދު ސަލާމަތް ކޮށްދޭން އިންޑިއާއިން ވަރަށް ބޮޑު ރޯލެއް އަދާކުރި ކަމަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އަދި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓަން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފޮޕްކާ) ގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ އިންޑިއަން އެކްސްޕްރެސް" އަށް ދެއްވި އިންޓަވިއުއެއްގައި ޖަނާހު ވިދާޅުވީ ރާއްޖޭގައި ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާއި ގުޅިގެން އިންޑިއާއިން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

ޖަނާ ވިދާޅުވީ ކޮވިޑްގެ އެންމެ އުނދަގޫ ދަނޑިވަޅުގައި 600،000 ޓޫރިސްޓުން ރާއްޖެ އައި ކަމަށެވެ. އޭގެތެރެއިން އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ އިންޑިއާ އަދި ރަޝިއާއިން ކަމަށް ވެސް ވަނީ ފާހަގަ ކުރައްވާފައި ވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް އެންމެ ގިނަ ފަތުރުވެރިން އަންނަނީ ރަޝިއާ އަދި އިންޑިއާ އިންނެވެ.

"އެ ގައުމުތަކުގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމާއި ގުޅިގެން ސަރުކާރުން ވަނީ އެގައުމުތަކަށް ވަގުތީ ގޮތުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި. ނަމަވެސް މިހާރު އެމީހުންނަށް އެވަނީ ބޯޑަރު ހުޅުވާލައިފައި. އަޅުގަނޑަށް ޔަގީންވޭ އިންޑިއާއިން ރަޝިއާގެ ޓޫރިސްޓު ނަންބަރުތައް ކުރިހޯދާނެ ކަން. ކޮވިޑްގެ އެންމެ އުނދަގޫ ހާލަތުގައި އިންޑިއާ އަދި ރަޝިއާ ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ސަލާމަތް ކުރަން އަޔޭ ބުނުމަކުން ދޮގަކަށް ނުވާނެ،" ޖަނާ ވިދާޅުވި އެވެ.

އިންޑިއާ އިން ރާއްޖެއަށް އަންނަ ފަތުރުވެރިން އަދަދު އިތުރުވެފައިވާތީ ރާއްޖެއާއި އިންޑިއާގެ ވިޔަފާރިވެރީގެ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުން މުހިންމު ކަން ވެސް ޖަނާ ވަނީ ފާހަގަކުރައްވާފަ އެވެ. އެގޮތުން ދެ ގައުމުގެ ވިޔަފާރިވެރިން ގުޅިގެން ވިޔަފާރިތައް މި ސަރަހައްދުގައި ފުޅާކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. މިއީ ދެ ގައުމުގެ ވިޔަފާރިވެރިން އެކީ ތިބެ މިކަމާ ގުޅޭ މަޝްވަރާތައް ފަށަންވީ ވަގުތު ކަމަށްވެސް ވިދާޅުވި އެވެ.

"މި ދެ ގައުމަކީ ހަނގުރާމަ ކުރާ ދެ ގައުމެއް ނޫން. މިއީ ދައްތަ އާއި ބޭބެ ފަދަ ދެ ގައުމު. އެހެންކަމުން މިކަމުގެ ފައިދާ ނަގަން މިއީ ވަރަށް ރަނގަޅު ވަގުތެއް. އިންޑިއާ އަދި ރާއްޖޭގެ ބިޒްނަސް ކޮމިއުނިޓީތަކަށް އަޅުގަނޑު ދޭން ބޭނުންވާ މެސެޖަކީ ދެ ގައުމުގެ ވިޔަފާރިވެރިން އެއް މޭޒެއްގެ ދޮށުގައި އިށީނދެ ތިބެ އެއް ގައުމު އަނެއް ގައުމަށް ވިޔަފާރީގައި އެހީވާނެ ގޮތްތައް ހޯދުން ރަނގަޅޭ،" ޖަނާ ވިދާޅުވި އެވެ.

ރާއްޖެއާއި މެދުއިރުމަތީގައިވެސް ވިޔަފާރި ކުރައްވަމުން ގެންދަވާ ޖަނާ އަކީ އިފޮޕްކާ ފަދަ ދުނިޔޭގެ ބޮޑު ޖަމިއްޔާއެއްގެ ރައީސްކަން ކުރާ ފުރަތަމަ ދިވެއްސެވެ. އިފޮޕްކާއަކީ އޭޝިޔާ އަދި ވެސްޓާން ޕެސިފިކް ގައުމުތަކުގެ ކޮންސްޓްރަކްޝަން ޖަމިއްޔާތައް ހިމެނޭ، އެންމެ ނުފޫޒު ގަދަ އެއް ޖަމިއްޔާ އެވެ.

އިފޮޕްކާގެ ރައީސްގެ ހައިސިއްޔަތުން ޖަނާހު ގެންދަވަނީ އެ ޖަމިއްޔާގެ ވިއްސަށް ވުރެ ގިނަ ގައުމަށް ޒިޔާރަތް ކުރައްވަމުންނެވެ.