އަބްދުﷲ ޖާބިރު

ސަލާމަތް ކުރަން ޖާބިރު އުޅުއްވި ކަހަނބެއް މަރުވެއްޖެ

Jul 24, 2021
2

ކަނޑުތެރޭ ދަލެއްގައި ބެދިފައި އޮތް ކަހަނބެއް ސަލާމަތް ކުރަން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ދުރަށް ފައްތަވައި ކަހަނބު ސަލާމާތް ކުރަން މަސައްކަތް ކުރައްވަނިކޮށް ކަހަނބު މަރުވެއްޖެ އެވެ.

ސާލާމަތްކޮށް ކަނޑަށް ދޫކޮށްލަން ޖާބިރު މަސައްކަތް ކުރެއްވި ކަހަނބު މަރުވީ ޖެހިފައިވާ ދަލުން އެ ކަހަނބު ނެއްޓޭތޯ ޖާބިރު މަސައްކަތް ކުރައްވަމުން ގެންދަވަނި ކޮށެވެ.

ޖާބިރު މިއަދު އަމިއްލަފުޅަށް އަވަސް އޮންލައިންގެ އިދާރާއަށް ގުޅުއްވައި ވިދާޅުވީ އޭނާއަށް އެ ކަހަނބުގެ އިޝާރާތްވީ އޭނާގެ ޔޮޓްގައި ގޮސް ގުޅިފަޅުގެ ބޭރުގައި އޮއްވާ ކަމަށާއި އެހެންވެ ކަނހަނބު ސަލާމަތް ކުރަން 200 މީޓަރަށް ދުރަށް ފައްތަވާން ޖެހި ވަޑައިގަތް ކަމަށެވެ.

"އަޅުގަނޑު ކަނޑަށް ބަލަން އިން އިރު އިޝާރާތެއްވީ ދަލެއްގައި އެއްޗެއް ބެދިގެން ސަލާމާތްވާން އުޅޭ ކަމުގެ، ދެން ވަގުތުން ފުންމާލައިގެން ފަތައިގަތީ، އަޅުގަނޑު 200 މީޓަރަށް ފަތައި ބެލި އިރު ކަހަނބަކާ މިޔަރެއް ބެދިފައި އޮތީ. އޭރުވެސް މިޔަރު އޮތީ މަރުވެފައި، ވެލާ ސަލާމަތްވާން މަސައްކަތް ކުރަނީ" ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ ކަހަނބު ސަލާމަތް ކޮށްގެން ވަކިން ނެގޭތޯ މަސައްކަތް ކުރަމުން ދަނިކޮށް އެހެން މީހުން އެހީތެރިވެ ދަލާއެކު ކަނހަނަބާއި ޖާބިރު ވެސް ނެގި ކަމަށާއި އަދި އޮޅިފައިވާ ދަލުން ކަހަނބު ނައްޓައިގެން މޫދަށް ދޫކޮށްލަން މަސައްކަތް ކުރަމުން ދަނިކޮށް މަރުވީ ކަމަށެވެ.

"އެކަމުގައި އަޅުގަނޑު އުޅެނިކޮށް ނަސީބު ދެރަކަމުން އެ ކަހަނބު އަވަހާރަވެއްޖެ [މަރުވެއްޖެ] މިއީ ކިހާ ދެރަކޮށް ދިމާވި ކަމެއްތޯ؟ އަޅުގަނޑަކަށް ދެން ނޭނގެ މި ހަވާލު ކުރަން ޖެހެނީ ކޮން ފަރާތަކާ ކަމެއް ވެސް... ސިފައިން ފުލުސް އީޕީއޭ، އެންވަޔަރަމަންޓަށްތޯ؟ އެހެންވެ އަޅުގަނޑު ނޫޙަށް ގުޅީ،" ޖާބިރު ވިދާޅުވި އެވެ.

ޖާބިރު އަދި ވިދާޅުވީ ވެލާ ކަހަނބާއި އެހެން ވެސް އެފަދަ ކަނޑުގެ ދިރުންތަކަށް ގަސްދުގައި އެގޮތަކަށް ގެއްލުން ދޭން ދާ އޮޅާލައި އެއްލާލުމަކީ ރާއްޖެއަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި މިކަން އެންމެންގެ ސަމާލު ކަމަށް ގެންދަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ މިފަދަ މައްސަލަތަކާ އަޅާނުލައި މުޅި ރާއްޖެ ސިޔާސީކޮށްފައި ބާއްވަން ހެޔޮ ނުވާނެ ކަމަށެވެ.

"އަޅުގަނޑު މިކަން ގެންދާނަން ބައިނަލްއަގުވާމީ މީޑިއާއާ ހަމައަށް،" ޖާބިރު ވިދާޅުވި އެވެ. "މިހާރު އެއޮތީ އުމުރުފުޅުން [އުމުރުން] ދުވަސްވީ އެ ކަހަނބު އަވަހާރަވެފައި. [މަރުވެފައި] ދެން އަޅުގަނޑަށް ކުރެވޭނެ ކަމަކީ މިކަން އެންމެ ސަމާލު ކަމަށް ގެންދިއުން،"