އެޗްޕީއޭ

ޖުލައި 23 ގެ ކުރިން ރާއްޖެ އައި މީހުންނަށް ލުއިތަކެއް

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަންޖެހޭ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން ޖުލައި 23 ގެ ކުރިން ރާއްޖެ އައިސް މިހާރު ހަތް ދުވަސް ވެފައިވާ މީހުން ކަރަންޓީނުން ދޫކޮށްލަން އެޗްޕީއޭއިން އަންގައިފި އެވެ.

މި މަހުގެ 23 ވަނަ ދުވަހުގެ ކުރީން ރާއްޖެއަށް އެތެރެވެފައިވާ މިހާރު ކަރަންޓީނުގައި ތިބި މީހުން ކަރަންޓީނުން ދޫކުރުމާއި ޕީސީއާރު ޓެސްޓު ހެދުމާގުޅޭ މިރޭ ނެރުނު އެންގުމުގައި ބުނެފައިވަނީ ކޮވިޑް-19ގެ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސް ފުރިހަމަކޮށް ރާއްޖެ އައިސްފައިވާތާ ހަތް ދުވަހުގެ މުއްދަތަށް ކަރަންޓީނުގައި ތިބި މީހުން ކަރަންޓީނުން ދޫކޮށްލަން އަންގާފައިވާ ކަމަށެވެ. އެ މީހުންނާ އެކުގައި ދަތުރުކޮށް ރާއްޖެއައިސްވެފައިވާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިންވެސް ކަރަންޓީނުން ދޫކޮށްލަން ޖެހެއެވެ.

ރާއްޖެއަށް އެތެރެވިތާ 5-7 ދެމެދުގެ މުއްދަތު ހަމަވެފައިވާ މީހުން ވަގުތުން ޕީސީއާރު ޓެސްޓް ހަދަން ޖެހެއެވެ. ރާއްޖެއަށް އެތެރެވިތާ 5 ދުވަސް ފުރިހަމަނުވާ މީހުން ރާއްޖެއަށް އެތެރެވިތާ 5-7 ދުވަހާ ދެމެދުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހަދަން ޖެހެއެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެ ބަލިން ފަސޭހަވެފައިވާ މީހުންގެ ތެރެއިން ޕޮޒިޓިވްވި ސާމްޕަލު ނެގި ތާރީހުން ފެށިގެން ރާއްޖެ އަންނަ ދުވަހާ ހަމައަށް 60 ދުވަސް ހަމަނުވާ މީހުން ކަރަންޓީނުން ދޫކޮށްލަން ޖެހެއެވެ. އަދި މީހުންނާ އެކުގައި ދަތުރުކޮށް ރާއްޖެއަށް
އެތެރެވެފައިވާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ރާއްޖެއަށް އެތެރެވިތާ 5-7 ދެމެދުގެ މުއްދަތު ހަމަވެފައިވާނަމަ ވަގުތުން ޕީސީއާރު ޓެސްޓު ހަދަން ޖެހެއެވެ. އަދި ރާއްޖެއަށް އެތެރެވިތާ 5 ދުވަސް ފުރިހަމަނުވާ މީހުން ރާއްޖެއަށް އެތެރެވިތާ 5-7 ދުވަހާ
ދެމެދުގެ ތެރޭގައި ޕީސީއާރު ޓެސްޓު ހަދަން ޖެހެއެވެ.