"ކަޒްމިކް އިންޓަނޭޝަނަލް" އާއި "އައި ފިލްމްސް" ގުޅިގެން ގެނެސްދޭ ކުރު ފިލްމު "މަޒްލޫމް" މާދަމާ ދައްކަން ފަށާނެ އެވެ. މިނިވަން ދުވަހާއި ދިމާކޮށް "މަޒްލޫމް" ދައްކަން ފަށަނީ ބައިސްކޯފުންނެވެ.
ފިލްމުގެ ޓްރެއިލާ މިހާރު ވަނީ އާންމުކޮށްފައެވެ. ޓްރެއިލާއިން ފިލްމާމެދު ބޮޑު ޝައުގުވެރި ކަމެއް އުފައްދައެވެ.
"ބަވަތި" އިން އާންމުންގެ ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ޒުވާން ޑަައިރެކްޓަރު އިލްޔާސް ވަހީދުގެ "މަޒްލޫމް" ލިޔެފައިވަނީވެސް އޭނާ އެވެ. "ބަވަތި" އަދި ކުރިއަށް އޮތް އެ ސްޑޫޓިއޯގެ އެންމެ އުންމީދީ ޕްރޮޖެކްޓް "ނީނާ" ގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައިވަނީވެސް އިއްލެ އެވެ.
"މަޒްލޫމް" ގެ މައިގަނޑު ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ "ބަވަތި" އާއި "ނީނާ" ގެވެސް އެންމެ މުހިންމު ރޯލުން ފެނިގެންދިޔަ ޒުވާން ބަތަލާ ނުޒުހަތު ޝުއައިބް (ނުޒޫ) އާއި އިފްނާޒް އާއި ވާޝިޔާ މުހައްމަދުގެ އިތުރުން އަހުމަދު ޝާރިފް އާއި ޝަރަފް އަބްދުﷲ އެވެ.
"މަޒްލޫމް" ބައިސްކޯފުން ދައްކާނީ ހަތަރު އެޕިސޯޑަކަށް ބަހާލައިގެންނެވެ. ފިލްމުގެ ދިގު މިނަކީ 45 މިނެޓެވެ.
އަވަސްއާ ވާހަކަ ދައްކަމުން އިއްލެ ބުނީ "ކަޒްމިކް އިންޓަނޭޝަނަލް" އާއި "އައި ފިލްމްސް" ގުޅިގެން ގެނެސްދޭ ފުރަތަމަ ކުރު ފިލްމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ފިލްމީ މަސައްކަތްތަކަށް ހުއްޓުމެއް އައިސްފައިވާ މިފަދަ ވަގުތެއްގައި ބެލުންތެރިންނާއި ހަމައަށް އެ ސްޓޫޑިއޯގެ އުފެއްދުމެއް ގެނެސް ދިނުމުގެ ފުރުސަތު ލިބުމަކީ އުފަލެއް ކަމަށެވެ.