ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް

މެރިއޮޓް ރިސޯޓުން މިނިވަން ދުވަސް ފާހަގަ ކުރަނީ

Jul 25, 2021

ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާއިން ރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރަން ހަރަކާތްތަކެއް ހިންގަން ނިންމައިފި އެވެ.

ށ. ވަގަރުގައި ހިންގާ ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާއިން ބުނީ މާދަމާ، ރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިވެހި ސަގާފީ ހަރަކާތްތަކެއް އެ ރިސޯޓުގައި ބާއްވާނެ ކަމަށެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ރިސޯޓުގައި މި މަހުގެ 26 ވަނަ ދުވަހުގެރޭ "މަލާފަތް" ޑިނާއެއް އޮންނާނެ އެވެ. އިހު ޒަމާނުގައި ދިވެހިންގެ ގިނަ ބަޔަކު އެއްވެ ޖަމާއަތް ހަދައިގެން ބާއްވާ މި ހާއްސަ ކެއުމުގައި މި ރިސޯޓަށް އަންނަ ޓޫރިސްޓުންނަށް ބައިވެރި ވެވޭނެ އެވެ.

މަލާފަތް ޑިނާ ކުރިއަށް ދާއިރު ފަނުން ތަކެތި ވިއުމުގެ ހުނަރު ޓޫރިސްޓުންނަށް ދަސްކޮށް ދިނުމާއި ކުޑަކުދިންނަށް ގްރެފިޓީ ކުރެހުން ކުރިއަށް ގެންދާނެ އެވެ. މީގެ އިތުރުން ދިވެހިގެ ހާއްސަ ކެއުންތައް ކެއްކުމުގެ ހުނަރު ދަސްކޮށް ދިނުންވެސް އޮންނާނެ އެވެ.

އާއިލާއެއްކޮށް ގޮސް ޗުއްޓީ ހޭދަކޮށްލެވޭ ގޮތަށް ފަރުމާ ކޮށްފައިވާ "ފެމެލީ ރިސޯޓެއް" ކަމަށްވާ ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާގައި ބީޗް ވިލާ އާއި މޫދު ވިލާ ހިމެނޭ ގޮތަށް 60 ވިލާ ހުރެ އެވެ.

އެމެރިކާގެ މެރިއޮޓް އިންޓަނޭޝަނަލްގެ، ޖޭޑަބްލިއު މެރިއޮޓް ކުންފުންޏަކީ ދުނިޔޭގެ ޓޫރިޒަމްގައި ނުފޫޒު ގަދަ ނަމެކެވެ. މި ކުންފުނީގެ 100 ހޮޓަލެއް 25 ގައުމެއްގައި ހިންގަމުން ގެންދެ އެވެ.