ދުނިޔެ

ސިފައިން ބޭލުމުގެ ކުރިން ތާލިބާނުންނާ ވާހަކަދެއްކިން: ޓްރަމްޕް

އެމެރިކާ ސިފައިން އަފުޣާނުން ބޭލުމާ މެދު ގޮތެއް ނިންމަން މަޝްވަރާ ކުރެއްވިއިރު ތާލިބާނުންގެ ލިޑާރަށް ފޯނުން ގުޅުއްވައި މަޝްވަރާކުރެއްވި ކަމަށާއި ތާލިބާނުންނާއެކު ޑީލެއް ހެއްދެވި ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ތާލިބާނުންނާއެކު ހެއްދެވި ޑީލަކީ ޓްރަމްޕް ވިދާޅުވި ގޮތުން އަފްޣާނުން އެމެރިކާ ސިފައިން ފައިބައިގެން ދިއުމަށް ފަހު އެމެރިކާއާ މެދު ނުތަނަވަސް ކަމެއް ނުބޭއްވުމެވެ. އަދި އެމެރިކާއަށް ހަމަލާއެއް ނުދޭނެ ކަމަށް އެއްބަސް ކުރުވުމެވެ. ޓްރަމްޕް ވިދާޅުވި ގޮތުން އަފްޣާންގައި ވެސް ހަރުކަށި އަލަމުތަކެއް ނުހިންގަން ތާލިބާނުން ރުހުނެވެ.

ޓްރަމްޕް ވިދާޅުވީ އެއްބަސްވުމާ ޚިލާފުވެއްޖެ ނަމަ ދުވަހަކު ވެސް ހިތުން ނުފިލާ ވަރުގެ ގަދަފަދަ ހަމަލާތަކެއް ދޭނެ ކަމަށް ތާލިބާނުންނަށް ހަނދާން ކޮށްދެއްވި ކަމަށާއި ތާލިބާނުން އެގޮތަށް އެއްބަސްވެ ރުހި ގަބޫލުކުރި ކަމަށެވެ.

ޓްރަމްޕް މިހެން ވިދާޅުވި ނަމަވެސް އެމެރިކާ ސިފައިން އަފްޣާނުން ފައިބައިގެން ދިއުމާއެކު އަފްޣާންގެ ހަތަރު ބިތުން އިވެނީ ބަޑިތަޅާ އަޑެވެ. އެމެރިކާ ސިފައިންނަށް މަސައްކަތްކޮށްދިން އަފްޣާން ރައްޔިތުން ހޯދައި ބޯބުރިކުރުމާއި ބަސް ތަރުޖަމާކޮށްދިން މީހުންނަށް ހުކުމްކޮށް ކަރުބުރިކުރަން ވަނީ ފަށާފަ އެވެ.

ތާލިބާނުން ބުނާ ގޮތުން އެމީހުން ބޭނުން ވަަނީ ސިޔާސީ ހައްލެކެވެ. އަފްޣާން ސަރުކާރުގައި ތާލިބާނުން ނުހިމެނޭ ގޮތަށް އެކުލަވައިނުލުމަށް އޮތީ ގޮވާލާފަ އެވެ. އެނޫން ގޮތެއްގައި ސުލްހަ ނެތް ކަމަށް ވެސް ތާލިބާނުން ބުނެ އެވެ.