ދުނިޔެ

ޓޯކިޔޯ އޮލިމްޕިކްސްގައި ހޮސްޕިޓަލް ނަރުހަކު އީރާނަށް ރަންމެޑަލް ހޯދައިދީފި

ޖަޕާންގެ ޓޯކިޔޯގައި މިހާރު ހިނގަމުންދާ ޓޯކިއޯ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ހޮސްޕިޓަލް ނަރުހަކު އީރާނަށް ރަންމެޑަލް ހޯދައިދީފި އެވެ. ތެހެރާންގެ ބަގިއްޔަތުﷲ ހޮސްޕިޓަލުގައި މަސައްކަތްކުރާ ފިރިހެން ނަރުހެއް ކަމަށްވާ ޖަވާދު ފާރޫގީ ރަންމެޑަލް ހޯދާފައި ވަނީ އެއާ ޕިސްޓޮލް މުބާރާތުންނެވެ.

ޖަވާދު ބުނީ އެއާ ޕިސްޓޮލް އަކީ ހުސްވަގުތު ފުރަން އޭނާ ކުޅޭ ކުޅިވަރެއް ކަމަށާއި ޕްރޮފެޝަނަލް ޓްރޭނިން ލިބިފައި ވެސް ނުވާ ކަމަށެވެ. އަދި މުބާރާތަށް ފަރިތަކުރީ ހޮސްޕިޓަލް ތެރޭގައި އޮންނަ ހުސް ޖާގައެއްގައި ކަމަށެވެ.

އީރާންގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ އޭނާ އުޅޭ ސަރަހައްދު ލޮކްޑައުން ކުރުމުން ދެން ހަދާނެ ގޮތް ހުސްވި ކަމަށާއި ގޭތެރޭގައި ވެސް ކުރެވުނު ވަރެއް ކުރިން ކަމަށް ޖަވާދު ބުންޏެވެ. އޭނާ ވަނީ ޖުމްލަ 224.8 ޕޮންޓް ހޯދާފަ އެވެ.

އީރާން ކޮންޓިޖެންޓްގައި ހިމެނޭ އެންމެ ދޮށީ މީހަކީ ޖަވާދު 41، ކަމަށާއި ސާބިއާ އާއި ޗައިނާއާ ވާދަ ކުރަން ޖެހުމުން ހީކަރުވައިގަތް ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ މުބާރާތުން މޮޅުވީ ހުރި ޝައުގުވެރި ކަމެއްގެ ބޮޑުކަމުން ކަމަށެވެ.

ޖަވާދު ފާރުގީގެ މި ކާމިޔާބާއެކު އޭނާ ވެފައި ވަނީ އީރާންގައި ބަތޮލަކަށެވެ. އޭނާއަށް މުޅި ގައުމު އަތްތިލަބަޑި ޖަހައި ދޭއިރު އުފާވެރި ބަސްތަކުން ޓްވީޓާ އޮތީ ތޮއްޖެހިފަ އެވެ.