ދުނިޔެ

ޖަޕާންގައި ހުރި ފައިސާތައް ދޫކުރަން ގޮވާލަން: އީރާން

އީރާނަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ޖަޕާނުން ހިފަހައްޓާފައި ހުރި ކަމަށް އީރާނިއަން-ޖަޕަނީޒް ޖޮއިންޓް ކޮމިޓީ އޮފް ކޮމާސްގެ ޗެއާމަން، ބަހްރަމް ޝަކޯރީ މި އަހަރު އޭޕްރީގައި ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުން އީރާނަށް ލިބެންޖެހޭ ދެ ބިލިއަން ނުވަތަ ފަސްބިލިއަން ޑޮލަރު ޖަޕާންގެ ބޭންކްތަކުގައި އެބަ ހުއްޓެވެ.

ޖަޕާނުން ހިފަހައްޓާފައި ހުރި އީރާންގެ ފައިސާތައް ދޫކޮށްލުމަކީ ދޭދޭ ގުޅުމަށް އެދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް އީރާންގެ ރައީސް، އިބްރީހީމް ރައީސީ ވިދާޅުވެފައި ވެއެވެ. ޖަޕާންގެ ފޮރިން މިނިސްޓަރު ތޮޝިމިޝޫ މޮޓެގީއާ ތެހެރާންގައި ބައްދަލު ކުރައްވައި ރައީސީ ވިދާޅުވީ ޖަޕާނާއެކު ގުޅުން ބަދަހި ކުރުމަކީ އީރާނަށް ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އެމެރިކާއިން އިރާނަށް އިގުތިސޯދީ ގޮތުން ދަތިކުރަން އަޅާފައި ހުރި ފިޔަވަޅުތަކުގެ ސަބަބުން އީރާނަށް ލިބެންޖެހޭ 10 ބިލިއަނަށް ވުރެ ގިނަ ޑޮލަރު ބޭރު ގައުމުތަކުގެ ބޭންކްތަކުގައި ހަރުލާފައި އެބަހުއްޓެވެ. މިކަމުގައި އަދި އޮތް އެންމެ ހެއްވާ ކަމަކީ މި ފައިސާއަކީ އީރާނުން ވިއްކި ތެލަށާއި ގޭހަށް ލިބެން ޖެހޭ އަގު ކަމަށް ވުމެވެ.

ދެކުނު ކޮރެއާ އާއި ޖަޕާން އަދި އެމެރިކާއިން ބުނާހާ ގޮތެއް ހަދާ ގައުމުތަކުން އީރާނުގެ ފައިސާ ހިފަހައްޓާފައި ހުރީ އެމެރިކާއަށް ކޮށްދޭ ހެޔޮ ކަމެއް ގޮތުގަ އެވެ. އެމެރިކާގެ ހުއްދައާ ނުލައި މި ފައިސާއިން ބޮޑުލާރިއެއް ވެސް ތެހެރާނަށް ދިނުން މަނަލެވެ.

ޓްރަމްޕް ސަރުކާރުން އީރާނަން ދަތިކުރަން އަޅާފައި ހުރި ފިޔަވަޅުތައް ހަރުކަށިކުރީ އެމެރިކާއާ ބައިވެރިން އީރާނާއެކު 2015 ގައި ހެދި ޖޮއިންޓް ކޮމްޕްރެހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ)، އީރާން ނިއުކްލިއާ ޑީލް މެއި 8، 2018 ގައި އުވާލުމަށް ފަހު އެވެ.

ނިއުކްލިއާ ޑީލަކީ އީރާނުން ނިއުކްލިއާ ހަކަތަ މުއްސަނދިކުރަން ކުރާ މަސައްކަތްތައް ވަކި ހައްދެއްގައި ދެމެހެއްޓުމަށް ޝަރުތުކޮށް ހެދި އެއްބަސްވުމެވެ. މި އެއްބަސްވުން އުވާލުމުން ހުޅަނގަށް އޮތް ބިރަކީ އީރާނުން ނިއުކްލިއާ ބޮމެއް އުފެއްދުމެވެ.

އިރާނަށް ހިރި ނުލެވޭ ވަރަށް ދަތިކޮށް ފައިސާތައް ހިފެހެއްޓުމުގެ ބޭނުމަކީ ނިއުކްލިއާ ހަތިޔާރު އުފެއްދޭ ފެންވަރަށް ޕްލުޓޯނިއަމް މުއްސަނދި ކުރަން ކުރާ މަސައްކަތްތައް ކާމިޔާބުވިއަ ނުދިނުމެވެ.

އެމެރިކާއާ ބައިވެރިންގެ އުންމީދަކަށް ވެފައި އޮތީ އިގުތިސޯދީ ގޮތުން ތެހެރާނަށް ދަތި ކުރުމުން އީރާންގައި ބައިބައިވުން އުފެދި ވެރިންނާ ދެކޮޅަށް ރައްޔިތުން ނުކުތުމެވެ. އެކަމަކު އެކަމެއް ނުވި އެވެ.

ދުނިޔެއަށް ދެން ފެންނަން ފެށީ އީރާނުން އަނެއްކާ ވެސް ނިއުކްލިއާ މާއްދާތައް މުއްސަނިދި ކުރަން ފެށި މަންޒަރެވެ.

އެމެރިކާގައި ޓްރަމްޕް ސަރުކާރު ވެއްޓި ޖޯ ބައިޑަން ރައީސްކަމާ ހަވާލުވެ ވަޑައިގެން އީރާނާއެކު ނިއުކްލިއާ ޑީލަކަށް ދަނީ މަޝްވަރާކުރެވެމުންނެވެ. ވާހަކަތައް ކޮޅެއްގައި ޖެހިއްޖެ ނަމަ ޖޭސީޕީއޯއޭ ކަހަލަ އެހެން އެއްބަސްވުމެއް ހަދައި އެމެރިކާއިން އަޅާފައި ހުރި ދަތިތަކަށް ލުޔެއް ދިނުމަކީ އެކަށީގެންވާ ކަމެވެ.