ލައިފްސްޓައިލް

ސްޕޭނުގެ ޕާލަމެންޓަށް މީދަލެއް ވެދި ޖަލްސާ ހުއްޓުވައިފި

ސްޕޭނުގެ ޕާލަމެންޓުގެ ޖަލްސާއެއް ކުރިއަށް ދަނިކޮށް މީދަލެއް އެތަނަށް ވަދެ އެންމެން ބިރު ގަންނަވައިފި އެވެ. މިދިޔަ ބުދަ ދުވަހު މީދާ ޕާލަމެންޓަށް ވަނީ ވަރަށް މުހިއްމު ބިލެއް ފާސް ކުރަން ވޯޓަށް އަހަން ތައްޔާރުވެފައި ވަނިކޮށެވެ.

މީދާ ފެނިގެން ޕާލަމެންޓް މެންބަރުންތައް ބިރުން ތެޅިފޮޅި ކޮޅުކޮޅަށް ދުވާ މަންޒަރުގެ ވީޑިއޯ ފުޓޭޖް މިހާރު ވައިރަލްވެފައި ވެއެވެ. އަދި މަޖިލިހުގެ ރައީސަށް މީދާ ފެނިވަޑައިގަތުމާއެކު ޝޮކެއް ޖެހިވަޑައިގެން އިންނެވި ތަން ވެސް މި ވީޑީއޯގައި ފެނެ އެވެ.

އެމްޕީންތައް ބިރުން އުޅެން ފެށުމުން މަޖިލީހުގެ ރައިސްގެ ރިއެކްޝަން ވެސް ފެނިގެންނެވެ. މަޖިލީހުގެ ރައީސާގެ ރިއެކްޝަން ފެނިފައި މެންބަރުންތައް މީދަލުން ސަލާމަތްވާން ކޮޅުކޮޅަށް ދުވަން ފެށީ އެވެ.

ރޮއިޓާސް އާއި ސްޕޭން ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި މީދާ ވަނުމުން މަޖިލީހުގެ ޖަލްސާ ވަގުތީ ގޮތުން ހުއްޓާލަން މަޖްބޫރުވި އެވެ.

މީދާ ވަނުމުގެ ޕާލަމެންޓް މެމްބަރުން ހަރަކާތް ކުރި ގޮތް ފެންނަ ވީޑިއޯ

މީދާ ފެނުނުއިރު ޕާލަމެންޓުގެ ރީޖަނަލް ސްޕީކާ މާތާ ބޮސްކިއުޓް އިންނެވީ މެމްބަރުންނާ މުޚާތަބު ކުރައްވާށެވެ. އެ ކަމަނާ ވިދާޅުވަމުންދިޔަ ލަފުޒު ފުރިހަމަ ނުކުރެވެނީސް މީދާ ފެނިވަޑައިގެން ދެ ލޯ ބޮޑުވެ އަނގަ މަތީގައި އަތް އަޅުއްވައި ޝޮކެއް ލިބިވަޑައިގެން އިންނެވިތަން މި ވީޑިއޯގައި ފެނެ އެވެ. އެހިސާބުން ހުރިހާ އެމްޕީންތައް ތެދުވެ ކޮޅުކޮޅަށް ދުވަން ފެށީ އެވެ.

މި ވީޑިއޯ ބަލާފައި އިންޓަނެޓުގައި އެންމެން ވަނީ ވަރަށް ފޯރި ނަގާ ތަފާތު މަޖާ ކޮމެންޓުތައް ކޮށްފަ އެވެ. އެއް ބަޔަކު ބުނަނީ ކުޑަ ކުޑަ މީދަލަކާ ހެދި އެންމެން މަރަށް ބިރުން ދުވުނީ ކަމަށެވެ.

އަލްފޮންސޯ ބޮނިއްލާ ކިޔާ ސްޕޭނު މީހަކު ބުނީ މިއީ މިއަހަރުގެ ވެސް އެންމެ މޮޅު ވީޑިއޯ ކަމަށެވެ. ޖޯހަން ވާގަސް ކިޔާ މީހަކު ބުނި ގޮތުގައި އެހާ މުހިއްމު ބިލެއް ފާސްކުރާތީ މީދާ ވެސް އެކަމުގައި ބައިވެރިވެލަން ބޭނުންވީ ކަމަށެވެ.

އެންމެފަހުން މީދާ ހިފީ ޕާލަމެންޓްގެ ވައިސް ޕްރެޒިޑެންޓެވެ. އޭނާ މީދާ ހިފުމާއެކު އެންމެން ބާރު ހިނިގަނޑަކާއެކު ހޫނު އަތްތިލަބަޑިއެއް ދިން އަޑު ވެސް އިވިގެން ދިޔަ އެވެ.

މީދާ ޕާލަމެންޓުން ނެރުމަށްފަހު ޖަލްސާ ކުރިޔަށް ގެންދިޔައީ ކަމަށް ވެސް ސްޕޭނު ނޫސްތަކުގައި ބުނެފައި ވެއެވެ.