ލައިފްސްޓައިލް

އެންމެ ދުވަސްވީ މީހަކީ 112 އަހަރުވީ މީހެއް

ސްޕޭނުގެ ސަޓުރުނީނޯ ޑި ލާ ފުއުންޓޭ ގާސިއާ އަށް ދުނިޔޭގެ އެންމެ ދުވަސްވީ ފިރިހެންމީހާގެ ރެކޯޑް ލިބިއްޖެ އެވެ. ގިނިސް ވޯލްޑް ރެކޯޑްސް މި މީހާއަށް ގާއިމް ކުރެވިފައިވަނީ 10 ސެޕްޓެމްބަރު 2021 އަށް މީނާގެ އުމުރުން 112 އަހަރާއި 211 ދުވަސް ފުރިފައިވާތީ އެވެ.

ގިނިސް ވޯލްޑް ރެކޯޑްސް ބުނާ ގޮތުގައި ސަޓުރުނީނޯ އުފަންވީ ސްޕޭނުގެ ޕުއެންޓޭ ކާސްތްރޯގައި 11 ފެބްރުއަރީ 1909 ގައެވެ. ނަމަވެސް ސަޓުރުނީނޯ އޭނާގެ އުފަން ދުވަސް ފާހަގަ ކުރަނީ 8 ފެބްރުއަރީގަ އެވެ.

އުމުރު ދިގުވުމުގެ ސިއްރަކީ ކޮބައިތޯ ސުވާލުކުރުމުން 112 އަހަރުގެ މުނި ކާފަ ބުނީ މަޑުމައިތިރި ދިރިއުޅުމެއް އުޅޭތީ ކަމަށެވެ.
އިސްކޮޅުގައި 4.92 ފޫޓު ހުންނަ މި ކާފަ ބުނި ގޮތުގައި 1936ގައި ސްޕޭނުގައި ކުރި އަހުލީ ހަނގުރާމައިގައި އޭނާއަށް ބައިވެރި ނުވެ ސަލާމަތް ވެވުނީ އިސްކޮޅުން ކުރުކަމުންނެވެ. އޭރުވެސް އޭނާގެ އަންހެނުންނާއި އޭނާ ދިރިއުޅެނީ ވަރަށް ހަމަހިމޭން ދިރިއުޅުމެއް ކަމަށާއި އޭރުވެސް އޭނާ އަކީ ފައިވާން ހަދާ މީހެއް ކަމަށް ވެސް ސަޓުރުނީނޯ ބުންޏެވެ.

އުމުރުން މިހާ ގިނަ ދުވަސް ވެފައި ވިޔަސް ސަޓުރުނީނޯއަކީ ވަރަށް ބޮޑު ފުޓުބޯޅަ ފޭނެކެވެ. ކުރިން ވަރަށް ގަދަޔަށް ފުޓުބޯޅަ ކުޅެ އުޅުނު ކަމަށާއި އޭނާގެ އަމިއްލަ ފުޓުބޯޅަ ޓިމެއް ވެސް އޮތް ކަމަށް ސަޓުރުނީނޯ ބުންޏެވެ.

ސަޓުރުނީނޯ އާއި އޭނާގެ އަންހެނުން އެންޓޮނީނާ ބަރިއޯ ގުޓިރޭޒް އަށް ހަތް އަންހެން ދަރިންނާއި ފިރިހެން ދަރިއަކު ލިބިފައި ވެއެވެ. ނަމަވެސް ފިރިހެން ދަރިފުޅު ވަރަށް ޅަފަތުގައި ވަނީ މަރުވެފަ އެވެ. މިހާރު އޭނާ ބަލަހައްޓަނީ އަންހެން ދަރިއަކާއި އެ ދަރީގެ ފިރިމީހާ އެވެ.

ސަޓުޜުނީނޯގެ އާއިލާގައި މިހާރު ކާފަ ކުދިންގެ 14 ކުދިން އެބަތިއްބެވެ. އަދި މުނިކާފަ ކުދިންގެ 22 ކުދިން އެބަތިއްބެވެ.

ފާއިތުވީ 18 މަސް ދުވަހު ސަޓުރުނީނޯ އުޅުނީ ވަރަށް ހިތްދަތިކޮށެވެ. ސަބަބަކީ ކޮވިޑް-19ގެ ސަބަބުން އާއިލާ އާ ބައްދަލު ނުކުރެވޭތީ އެވެ. ނަމަވެސް އޭނާގެ އުފަން ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް އާއިލާގެ އެންމެން ދާދިފަހުން އޭނާ ކައިރިއަށް އައެވެ.