ލައިފްސްޓައިލް

ކައިވެނި ޕާޓީގައި ލިބުނު ހަދިޔާއަކުން ރަތަށް

އިންޑިޔާގެ ކައިވެނިތަކުގައި ހިނގާ މަޖާ ހަބަރުތަކުގެ ވާހަކަތައް މިހާރަކަށް އައިސް ވަރަށް ގިނައިން ފެނެ އެވެ. މިއީ ވެސް އެފަދަ ވާހަކަ އެކެވެ.

އާއިލާގެ މީހުން ނުވަތަ އެކުވެރިން ކައިވެނި ކުރާ ދުވަހަކަށް މަޖާ ކަންތައްތައް ކުރަން ގިނަ ބަޔަކު ވަރަށް ޝައުގުވެރިވެ އެވެ. ހާއްސަ އިންޑިޔާ ކަހަލަ ގައުމުތަކުގައި ކައިވެންޏާ ގުޅޭ ގިނަ ރަސްމިއްޔާތުތަކެއް އެތައް ދުވަހަކަށް ދެމިގެން ދާއިރު އެންމެން ވެސް ވީހާ މަޖަލެއް އެ ދުވަސްތަކުގައި ނެގޭތޯ މަސައްކަތް ކުރެ އެވެ.

ނަމަވެސް މިފަހަރު ކުރަން އުޅުނު ސަމާސާ ވަރަށް ބޮޑަށް ވިހަވެ ކައިވެނިކުރި އަންހެންމީހާ ވަރަށް ރުޅިގަދަވާ ކަމެއް ވަނީ ކުރިމަތިވެފަ އެވެ.

ބަންޓީ ޓާކޫރް ކިޔާ މީހަކު ފޭސްބުކްގައި ލިޔެފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި ކައިވެނި ކުރި ފިރިހެންމީހާގެ ގާތް އެކުވެރިންތަކެއް ކައިވެނި ޕާޓިއަށް ދަމުން ވަރަށް ޚާއްސަ ހަދިޔާއެއް އަލަށް ކައިވެނިކުރި އަންހެންމީހާ އަށް ގެންގޮސްދިނެވެ. ޕާޓީއެއް ހާޒިރުވެ ތިބި ގިނަ މެހެމާނުންތަކެއްގެ ކުރިމަތީގައި މި ހަދިޔާ އަންހެންމީހާ އާ ހަވާލުކުރުމުން އޭނާގެ ގާތަށް އައި ރުޅިން މޫނު ރަތްވި އެވެ. އަދި ވަގުތުން އަތުކޮޅަށް އެ ހަދިޔާ ހޫރާލި އެވެ.

މި ހާދިސާގެ މަންޒަރުތައް މިހާރު ވައިރަލް ވެފައިވާއިރު އަންހެންމީހާ ރުޅިގަދަވެގެން ހަދިޔާ އެއްލާލާ މަންޒަރު ވެސް ވީޑީއޯއިން ފެނެ އެވެ.

ފިރިހެންމީހާގެ އެކުވެރިން އަންހެންމީހާއަށް ހަދިޔާއަކަށް ދީފައިވަނީ ބުއްފުޅިއެކެވެ. އަންހެންމީހާ އެހާ ރުޅިގަދަވީ އެހެންވެ އެވެ. މިއީ އަންހެންމީހާ އަށް މާ ހަޖަމު ކުރެވުނު ޖޯކަކަށް ނުވީ އެވެ. އެމީހާ ބުއްފުޅި އެއްލާލުމުން ދެ ވަނަ ފަހަރަށް ވެސް އެމީހުން އެ ނަގައިގެން އައިސް އަންހެންމީހާ އަށް ދިނުމުން ކުރިޔަށް ވުރެ ވެސް ގަދަޔަށް އަންހެންމީހާ ގާތަށް ރުޅިއައިސްގެން އުޅެނިކޮށް ވީޑީއޯގައި ފެނެ އެވެ. އަދި މި މަންޒަރު ބަލަން ތިބި މީހުން މިކަމާ ހޭ އަޑު ވެސް އިވެ އެވެ.

އެންމެ ފަހުން އެތަނުގައި ހުރި އެހެން މީހަކު އެ ހަދިޔާ އަންހެންމީހާ ނުފެންނަ ހިސާބަށް ގެންގޮސް ފޮރުވީ އެވެ.

މި ވީޑީއޯއަށް ކޮމެންޓްކުރި ބައެއް މީހުން ބުނީ މަޖަލަކަށް ކުރާ މިކަހަލަ ކަންތައްތަކާ އެހާ ގަދަޔަށް ރުޅިނައިސް އެއީ ޖޯކެއް ކަމަށް ހަދާލައި އެމީހުންނާ އެއްބައިވެލިނަމަ މާ ރަނގަޅުވީސް ކަމަށެވެ.