ދުނިޔެ

ނިއުޒީލޭންޑުގެ ގައުމީ ދިދަ ބަދަލު ކުރަން ވޯޓަކަށް!

Nov 20, 2015

ނިއުޒީލޭންޑުގެ ގައުމީ ދިދަ ބަދަލު ކުރުމުގެ މަސައްކަތް އެގައުމުގެ ސަރުކާރުން ކުރަން ފަށައިފިއެވެ.

މި މަސައްކަތުގެ މަސައްކަތުގެ ތެރޭން މިހާރު ކުރިއަށްދަނީ ރައްޔިތުންނަށް އެންމެ ކަމުދާ އާ ޑިޒައިނެއް ބެލުމަށް ނަގާ ވޯޓެވެ. ޕޯސްޓުގެ ޒަރިއްޔާއިން ނަގާ މި ވޯޓުގައި ރައްޔިތުންނަށް ފަސް ޑިޒައިނެއް ވަނީ ހުށަހަޅާފައެވެ.

ރައްޔިތުންނަށް އެންމެ ކަމުދާ އާ ދިދަ ހޮވުމަށްފަހު ދެން އޮންނާނީ މިހާރުގެ ދިދަ ބަދަލު ކުރަން ފެނޭތޯ ބެލުމަށް ނަގާ ވޯޓެވެ. އަންނަ އަހަރު ނަގަން ހަމަ ޖެހިފައިވާ މި ވޯޓުން ދިދަ ބަދަލު ކުރަން ރައްޔިތުން ބުރަ ވެއްޖެނަމަ، ދެން ގައުމީ ދިދަ އަކަށް ވެގެން ދާނީ މިހާރު މި ފާސްކުރާ އާ ދިދައެވެ.

ނިއުޒީލޭންޑުގެ ބޮޑުވަޒީރު ވިދާޅުވެފައި ވަނީ މިހާރު އެގައުމުގައި ބޭނުންކުރާ ދިދައިން މި ޒަމާނުގެ ނިއުޒީލޭންޑް ރަމްޒުކޮށް ނުދޭ ކަމަށެވެ. އަދި މިހާރުގެ ދިދަ އޮސްޓްރޭލިއާގެ ދިދައާ މާ އެއްގޮތް ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެ. އެކަމަކު ހިޔާލު ހޯދުމުގެ ނުރަސްމީ ވޯތުތަކުން ދައްކާގޮތުން ނިއުޒީލޭންޑުގެ އާންމުންގެ ގިނަ ބަޔަކު އެމީހުންގެ ގައުމީ ދިދަ ބަދަލު ކުރާކަށް ނުރުހެއެވެ.

އާ ދިދަ ޑިޒައިން ކުރުމަށް ހުޅުވާލި ފުރުސަތުގައި 10292 ފަރާތަކުން ޑިޒައިންތައް ހުށަހެޅިއެވެ. އާންމުން މި ޑިޒައިންތަކަށް އަހުލުވެރި ކުރުމަށް ޝޯޓްލިސްޓު ކުރެވުނު ފަސް ޑިޒައިން އެގައުމުގެ އެކި ހިސާބުތަކުގައި ވަނީ ބަހައްޓާފައެވެ. އެގައުމުގެ މިހާރުގެ ދިދައިގާ އިނގިރޭސި ދައުލަތް ރަމްޒުކޮށްދޭ ނިޝާން ހުންނައިރު، އާ އެއްވެސް ޑިޒައިންއެއްގައި އެ ދިދައިގެ އަސްރެއް ނުހުރެއެވެ.