ކުޅުދުއްފުށީގެ އިހްތިސާސްގެ ތެރޭގައި ހދ. ކުނބުރުދޫ ނުވަތަ ހދ. ކޭލަކުނު ހިމަނައިދިނުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ސަރުކާރަށް ހުށަހަޅައިފި އެވެ.
އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ ކުޅުދުއްފުށްޓަށް ބިމުގެ ދަތިކަން ވަރަށް ބޮޑުވެފައިވާތީ އެ ރަށުގެ އިހްތިސާސްގެ ތެރޭގައި ރަށެއް ހިމަނައިދެއްވުމަށް ސަރުކާރަށް ހުށަހެޅުއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިމަހުގެ 16 ވަނަ ދުވަހު ކުޅުދުއްފުށްޓަށް ވަޑައިގެން ސިޓީ ކައުންސިލްގެ ބޭފުޅުންނާ އެކު ބޭއްވި ބައްދަލުވުމުގައި ކަމަށެވެ.
މޭޔަރު ވިދާޅުވީ ކުޅުދުއްފުށްޓަކީ ސިނާއީ ގިނަ މަސައްކަތްތަކެއް ހިނގާ ރަށަކަށް ވެފައި ޓޫރިޒަމްގެ މަސައްކަތުން ނަފާ ހޯދޭނެ ބަޔަކު ދިރިއުޅޭ ރަށަކަށް ވާތީ ކުނބުރުދޫ ނުވަތަ ކޭލަކުނު ކުޅުދުއްފުށީގެ ބައެއްގެ ގޮތުގައި ހަމަޖައްސަވައި ދެއްވައިފިނަމަ ރައްޔިތުންނަށް ވަރަށް ބޮޑެތި ފަސޭހަތަކާއި ފައިދާތައް ލިބިގެންދާނެ ކަމަށެވެ.
"ރައީސްގެ އަރިހު އެކަމަށް އެދުނީމާ އެމަނިކުފާނު ވިދާޅުވީ އެކަމާ ދޭތެރޭގައި ފުންކޮށް ވިސްނަވާ ރަނގަޅު ހައްލެއް ހޯއްދަވާ ދެއްވާނެ ކަމަށް. ރައީސް ވިދާޅުވީ ކޭލަކުނަކީ ހިމާޔަތް ކޮށްފައި އޮތް ރަށަކަށްވާތީ އެ ރަށް ހަމަޖެއްސި ނަމަވެސް އެރަށުގައި މާ ބޮޑެތި ކަންތައް ތަކެއް ކުރުމަށް އެކަށީގެންވާ ފުރުސަތު ނޯންނާނެތީ ކުނބުރުދޫ ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމަށް،" އާތިފް ވިދާޅުވި އެވެ.
ކުޅުދުއްފުށީގެ ފުރަތަމަ މޭޔަރު ވިދާޅުވީ ލޮނު މަހުގެ ވިޔަފާރިކުރާ ބަޔަކު ވެސް ރަށުގައި އުޅޭތީވެ ލޮނުމަސް އަޅައިގެން ވިއްކާ މީހުންނަށްވެސް ބިން ބޭނުންވާ ކަމަށެވެ. އަދި ކުނބުރުދޫ ލިބިއްޖެނަމަ އޮޑިދޯނިފަހަރު އެހެލާ މަރާމާތު ކުރާ މީހުންނަށްވެސް ކުނބުރުދޫ ބޭނުން ކުރެވޭނެ ގޮތެއް ހަމަޖައްސައިދެވޭނެ ކަމަށެވެ.
"ދެން އެރަށުގެ ބައެއް ޕިކްނިކް އައިލެންޑަކަށް ވެސް ބަދަލުކުރެވިދާނެ. ނޫނީ ގެސްޓްހައުސްގެ ވިޔަފާރިއަށްވެސް ތަރައްގީ ކުރެވިދާނެ ނުވަތަ ދަނޑުވެރިކަން ކުރަން ބެލިކަމުގައި ވިޔަސް އެއީ ހަމަ ވަރަށް ރަނގަޅު ރަށެއް،" ކުޅުދުއްފުށީގެ ބައެއްގެ ގޮތުގައި ފަޅު ރަށެއް ހަމަޖައްސައިދީފިނަމަ ކުރެވިދާނެ ކަންކަން ހިއްސާކުރައްވަމުން ވިދާޅުވި އެވެ.
އާތިފް އިތުރަށް ވިދާޅުވީ ކުޅުދުއްފުށީގެ ބައެއްގެ ގޮތުގައި ކޮންމެ ރަށެއް ހަމަޖައްސައިދިން ނަމަވެސް އެރަށެއް ބޭނުންކުރާނީ ހދ. އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ވެސް ސީދާ ގޮތުންނާއި ނުސީދާ ކޮށްވެސް މަންފާ ލިބޭ ކަހަލަ ގޮތަކަށް ކަމަށެވެ.
ކުޅުދުއްފުށީގެ އާބާދީ 10،000 އަށް ވުރެ މަތީގައި އުޅޭއިރު އެރަށުގައި ބިމުގެ މައްސަލަ ބޮޑުވެ ބޯހިޔާވަހިކަން ބޭނުންވާ 1200 ވަރަކަށް އާއިލާ އަށް ގޯތި ދިނުމަށްވެސް ވަނީ ދަތިވެފަ އެވެ