ކުއްލި ނުރައްކާ އިއުލާނުކޮށް ޓެރަރިސްޓުން ހައްޔަރު ކުރަން ފުލުހުންނަށް ފުރުސަތު ދޭން ގޮވާލާ ގަރާރެއް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށް ދިނުމަށް އެދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހުށައެޅުއްވި ހުށައެޅުއްވުން ގައުމީ މަޖިލީހުން ފާސްކުރަން ނެގި ވޯޓްގައި އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް ގަރާރު ފާސްކުރަން ވޯޓް ދެއްވަން ދެކޮޅު ހައްދަވައިފި އެވެ.
ނަޝީދު މިރޭ ހުށައެޅުއްވި ގަރާރުގައި ބުނެފައި ވަނީ ފުލުހުންނާއި ޕީޖީން ރޭ އާންމު ކުރި މައުލޫމާތުގެ އަލީގައި ސަރުކާރުން އަމަލު ކުރަން ޖެހޭ ކަމަށް އެމްޑީޕީއަށް ފެންނަ ގޮތްތަކެއް ނިންމަން ހުށައަޅުއްވާ ކަމަށެވެ. އެގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ޓެރަރިސްޓުން ހައްޔަރު ކުރުމަށް ފުލުހުންނަށް ފުރުސަތު ދިނުމަށް ގޮވާލާ ގަރާރެއް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށް ދިނުމަށް ވެސް ނަޝީދު ވަނީ ހުށައަޅުއްވާފައެވެ.
އެ ގަރާރަށް ބަހުސް ކުރައްވަމުން އާޒިމް ވަނީ ކުއްލި ނުރައްކާ އިއުލާނު ކުރެއްވުމަކީ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރެއް ކަމަށްވާތީ ގަރާރު ބަދަލުކުރަން ޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސަށް އޮތް ބާރެއްގެ ތެރެއަށް ގަރާރެއް ފާސްކޮށްގެން އެމްޑީޕީން ގޮތެއް ނިންމުން ރަނގަޅު ނޫން ކަމަށް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ އެމްޑީޕީގެ ރައީސަކު ހުންނަވަނިކޮށް އެފަދަ ކަމެއް ކުރެއްވުމަކީ ބަލަައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ގޮތަށް ވިދާޅުވަނީ ރައިސް ނަޝީދަށް އިހުތިރާމް ނުކުރައްވާތީ ނޫން ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގަރާރު ކުޑަކޮށް އެބަ ރަނގަޅު ކޮށްލަން ޖެހޭ. ސަބަބަކީ ގާނޫނު އަސާސީން ކުއްލި ނުރައްކަލުގެ ހާލަތު ގެނައުމުގެ ފުރުސަތު މި ލިބިދެނީ ރައީސުލްޖުމްހޫރިއްޔާއަށް. ރައީސުލްޖުމްހޫރިއްޔާއަކީ މި ޕާޓީގެ ބޭފުޅެއް. އެހެންވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާއާ އަޅުގަނޑުމެންނަށް ވާހަކަ ދެކެވެން ޖެހޭނެ މިރޭގެ މި ގައުމީ މަޖިލީހަށް އައުމުގެ ކުރީން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިރޭގެ މި ގައުމީ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާވެސް ބައިވެރިވެވަޑައިގަންނަވަން ޖެހޭނެ. ނޫނިއްޔާ މަސައްކަތްޕުޅު ހުރި ގޮތުން ބައިވެރިވެވަޑައިނުގެންނެވިއްޏާމު އަޅުގަނޑު ދެކޭ ގޮތުގައި ޗެއާއަށް ކޮންމެވެސް ގޮތަކުން އެނގިވަޑައިގެންފައި އޮންނާނީ ކީއްވެގެންކަން ބައިވެރިވެވަޑައިނުގެންނެވޭނީ،" އާޒިމް ވިދާޅުވިއެވެ.
އާޒިމްގެ އެ ހުށައެޅުއްވުމަށް ތިމަރަފުށީ ދާއިރާގެ ގައުމީ މަޖިލީހުގެ މެންބަރު އަންވަރު އިބްރާހިމް ވަނީ ތާއީދު ކުރައްވާފައެވެ. އޭނާ ވިދާޅުވީ ގަރާރަށް ތާއީދު ކުރެއްވި ނަމަވެސް އެ ގަރާރު ފާސްކުރުމުގެ ކުރީން ރައީސް ސޯލިހާއި މަޝްވަރާ ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި 139 މެންބަރުންް ހިމެނިވަޑައިގަންނަވައެވެ. މިރޭގެ ބައްދަލްވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ 41 މެންބަރުންނެވެ. ގަރާރު ފާސްކުރެއްވީ 39 މެންބަރުންގެ ވޯޓުންނެވެ.
ވޯޓަށް ފަހު ގައުމީ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް އިއުލާނު ކުރެއްވީ 41 މެންބަރުންގެ އަގުލަބިއްޔަތުން ގަރާރު ފާސްކުރެވިފައިވާ ކަމަށެވެ. ނަމަވެސް އަލީ އާޒިމް ވަނީ ފުރުސަތެއް ހޯއްދަވާ އޭނާ ވޯޓް ނުދެއްވާ ކަމަށް ވިދާޅުވެފައެވެ.