ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް، އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް އާއި މިރޭ ބައްދަލު ކުރައްވައިފި އެވެ.
އާޒިމްގެ އިތުރުން މި ބައްދަލްވުމުގައި އިތުރު މަޖިލީސް މެންބަރުންތަކެއްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެއީ ރައީސް ސޯލިހަށް ވަފާތެރިކަން އޮތް މެންބަރުންތަކެކެވެ.
މިރޭގެ ބައްދަލްވުމާއި ގުޅޭގޮތުން އާޒިމް ވިދާޅުވީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާއާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި މަޖިލީހާއި އެހެން މުއައްސަސާތަކާއި ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން ރައީސާއެކު ވާހަކަ ދެކެވުނު ކަމަށެވެ.
ރައީސް ސޯލިހް، އާޒިމް އާ ބައްދަލު ކުރައްވާފައިމިވަނީ އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ރައީސް ސޯލިހްގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެ ރައީސް ސޯލިހާއެކު ސިޔާސީ ގޮތުން ނުހުންނެވޭނެ ކަމަށް ނަޝީދު ރަސްމީކޮށް ވިދާޅުވެފައިވަނިކޮށެވެ. އާޒިމް ފާހަގަކުރެވުނީ ރައީސް ނަޝީދަށް ވަފާތެރި މެންބަރެއްގެ ގޮތުގައެވެ. ނަމަވެސް ކުއްލި ނުރައްކާ އިއުލާނުކޮށް ޓެރަރިސްޓުން ހައްޔަރު ކުރަން ފުލުހުންނަށް ފުރުސަތު ދޭން ގޮވާލާ ގަރާރެއް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށް ދިނުމަށް އެދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހުށައެޅުއްވި ހުށައެޅުއްވުން ގައުމީ މަޖިލީހުން ފާސްކުރަން ނެގި ވޯޓްގައި އާޒިމް ރޭ ވަނީ ދެކޮޅު ހައްދަވާފައެވެ. އަދި އެ ގަރާރާ ދެކޮޅަށް އެންމެ ފާޅުގައި ވާހަކަ ދެއްކެވީވެސް އާޒިމެވެ.
އެ ގަރާރަށް ބަހުސް ކުރައްވަމުން އާޒިމް ވަނީ ކުއްލި ނުރައްކާ އިއުލާނު ކުރެއްވުމަކީ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރެއް ކަމަށްވާތީ ގަރާރު ބަދަލުކުރަން ޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސަށް އޮތް ބާރެއްގެ ތެރެއަށް ގަރާރެއް ފާސްކޮށްގެން އެމްޑީޕީން ގޮތެއް ނިންމުން ރަނގަޅު ނޫން ކަމަށް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ އެމްޑީޕީގެ ރައީސަކު ހުންނަވަނިކޮށް އެފަދަ ކަމެއް ކުރެއްވުމަކީ ބަލަައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ގޮތަށް ވިދާޅުވަނީ ރައިސް ނަޝީދަށް އިހުތިރާމް ނުކުރައްވާތީ ނޫން ކަމަށް ވިދާޅުވިއެވެ.
އާޒިމް ވަނީ އެމްޑީޕީގެ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގައި މަގާމުގައި ހުންނެވި ނަމަވެސް އެމްޑީޕީ އޮތީ އެ މަނިކުފާނާ ވާހަކަ ނުދެއްކެވޭ ހިސާބުގައި ކަމަށް ވިދާޅުވެ ރޭގެ ގައުމީ މަޖިލީހުގެ ބައްދަލްވުމުގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.