އެމްޑީޕީގެ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގައި މަގާމުގައި ހުންނެވި ނަމަވެސް އެމްޑީޕީ އޮތީ އެ މަނިކުފާނާ ވާހަކަ ނުދެއްކެވޭ ހިސާބުގައި ކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
އާޒިމް މިހެން ވިދާޅުވީ ކުއްލި ނުރައްކާ އިއުލާނުކޮށް ޓެރަރިސްޓުން ހައްޔަރު ކުރަން ފުލުހުންނަށް ފުރުސަތު ދޭން ގޮވާލާ ގަރާރެއް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށް ދިނުމަށް އެދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހުށައެޅުވުމާއި ގުޅިގެން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އާޒިމް ވަނީ ގަރާރު އޮތްގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެ ގަރާރަށް ބަހުސް ކުރައްވަމުން އާޒިމް ވަނީ ކުއްލި ނުރައްކާ އިއުލާނު ކުރެއްވުމަކީ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރެއް ކަމަށްވާތީ ގަރާރު ބަދަލުކުރަން ޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސަށް އޮތް ބާރެއްގެ ތެރެއަށް ގަރާރެއް ފާސްކޮށްގެން އެމްޑީޕީން ގޮތެއް ނިންމުން ރަނގަޅު ނޫން ކަމަށް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ އެމްޑީޕީގެ ރައީސަކު ހުންނަވަނިކޮށް އެފަދަ ކަމެއް ކުރެއްވުމަކީ ބަލަައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ގޮތަށް ވިދާޅުވަނީ ރައިސް ނަޝީދަށް އިހުތިރާމް ނުކުރައްވާތީ ނޫން ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގަރާރު ކުޑަކޮށް އެބަ ރަނގަޅު ކޮށްލަން ޖެހޭ. ސަބަބަކީ ގާނޫނު އަސާސީން ކުއްލި ނުރައްކަލުގެ ހާލަތު ގެނައުމުގެ ފުރުސަތު މި ލިބިދެނީ ރައީސުލްޖުމްހޫރިއްޔާއަށް. ރައީސުލްޖުމްހޫރިއްޔާއަކީ މި ޕާޓީގެ ބޭފުޅެއް. އެހެންވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާއާ އަޅުގަނޑުމެންނަށް ވާހަކަ ދެކެވެން ޖެހޭނެ މިރޭގެ މި ގައުމީ މަޖިލީހަށް އައުމުގެ ކުރީން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިރޭގެ މި ގައުމީ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާވެސް ބައިވެރިވެވަޑައިގަންނަވަން ޖެހޭނެ. ނޫނިއްޔާ މަސައްކަތްޕުޅު ހުރި ގޮތުން ބައިވެރިވެވަޑައިނުގެންނެވިއްޏާމު އަޅުގަނޑު ދެކޭ ގޮތުގައި ޗެއާއަށް ކޮންމެވެސް ގޮތަކުން އެނގިވަޑައިގެންފައި އޮންނާނީ ކީއްވެގެންކަން ބައިވެރިވެވަޑައިނުގެންނެވޭނީ،" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ރައްޔިތުން އެދުނީ ދެ ރައީސުން ގުޅިގެން މަސައްކަތް ކުރެއްވުމަށް ކަމަށާ ނަމަވެސް މިއަދު އެ މަންޒަރު ފެންނަމުން ނުދާ ކަމަށެވެ. އަދި އެމްޑީޕީގެ ރައީސަކު ހުރެ ޕާޓީއާ ވާހަކަ ނުދެއްކޭކަން ގަރާރުން ފާހަގަވާ ކަމަށެވެ. އޭނާ ވަނީ ދެ ރައީސުން ގުޅިގެން މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވުއެވެ. އަދި ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފަށް އިޝާރާތް ކުރައްވާ ވިދާޅުވީ ޕާޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ހަސަން ލަތީފްވެސް ވަރަށް ގިނަ ކަންކަން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑުގެ ރައީސަކު ހުރެ އަޅުގަނޑުމެންނާއި ވާހަކަ ނުދެކެވޭކަން ވަރަށް ބޮޑަށް ފާހަގަވެގެން އެބަދޭ،" އާޒިމް ވިދާޅުވިއެވެ.