ދުނިޔެ

މާލީގެ ހޮޓަލެއްގައި ތިން މީހަކު މަރާލައި 170 މީހުން ރަހީނުކޮށް

Nov 20, 2015

ބަޑި ހިފައިގެން ތިބި ބަޔަކު މާލީގެ ވެރިރަށުގައި ހުރި ހޮޓަލަކަށް ވަދެ ގަނެ، ތިން މީހުން މަރާލައި 170 މީހަކު ރަހީނުކޮށްފި އެވެ.

ބަޑިހިފައިގެން ތިބި މި މީހުން، "ﷲ އަކުބަރު" ގޮވަމުން ވަދެފައި ވަނީ މާލީގެ ވެރިރަށް ބަމާކޯގައި ހުރި ރެޑިސަން ބްލޫ ހޮޓަލްއަށެވެ. އެ ގައުމުގައި މަސައްކަތް ކުރާ ބޭރު މީހުންނާއި ޓޫރިސްޓުން ގިނަ އަދަދަކަށް ތިބޭ އެ ހޮޓަލްގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ ބަޑި ހިފައިގެން ތިބި މީހުން ރަހީނު ކުރީ، 140 ގެސްޓުންނާއި ހޮޓަލްގެ 20 މުވައްޒަފަކު ކަމަށެވެ. އެ ގައުމުގެ އަސްކަރިއްޔާއިން ބުނެފައި ވަނީ މިހާތަނަށް 20 މީހަކު ސަލާމަތް ކުރެވިފައިވާ ކަމަށެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ބަޑި ހިފައިގެން ތިބި މީހުން އަންނަނީ ގުރުއާން ކިޔަވަން އިނގޭ މީހުން ދޫކުރަމުންނެވެ.

ސަލާމަތްވި ބައެއް މީހުން ބުނާ ގޮތުގައި ފަހަކާއި 13 އާ ދެމެދުގެ އަދަދެއްގެ މީހުން އެ ހޮޓަލުގެ ތެރެއަށް ބަޑި ހިފައިގެން ވަދެ އެކި ދިމަދިމާލަށް އަންނަނީ ބަޑި ޖަހަމުންނެވެ. އެކަމާ ގުޅިގެން ގިނަ ޓޫރިސްޓުން ވަނީ އެ ހޮޓަލްގެ ތެރޭގައި ތާށިވެފަ އެވެ.