ވެރިކަމުގެ ދުވަސް ވަރުގައި ޝަރީއަތަކާ ނުލަން މީހަކު މަރަން އޯޑަރު ދީފައި ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވެފައި ވަނީ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ނެވެ. އެ މަނިކުފާނު ވަނީ ވެރިކަމުގައި ގަސްތުގައި މީހުން މަރާލާފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ.
އޯޑަރަށް މީހުން މަރާފައިވާ ކަމަށް ބުނެ ތަފާތު އެކި ގޮތްގޮތަށް ވާހަކަތައް ދެކެވިފައިވާ ކަމަށާއި އެއީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއްކަން ޝަރީއަތުގެ މަރުޙަލާއިން ވެސް ސާބިތުވެފައިވާކަން ރައީސް މައުމޫން ވިދާޅުވި އެވެ.
ނޮމެންބަރު 3 ގައި ކަންކަން ތަހުގީގު ކުރުމަށް ފަހު ޝަރީއަތުގެ މަރުހަލާގައި ކުށް ސާބިތުވުމުން މަރުގެ ހުކުމް އިއްވާފައިވާ މީހުން ތިބި ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. ނަމަވެސް މަރުގެ ހުކުމްތައް މައާފު ކޮށްދެއްވި ކަމަށް ވިދާޅުވި އެވެ.
"އެ ދުވަސްވަރު ރާއްޖެއިން ބޭރަށް ވަޑައިގެންނެވިއިރު، މަރުގެ ހުކުމް އިއްވާފައި ތިބި މީހުން މަރާލުމަށް ގައުމެއްގެ އިސް ވެރިއަކު ލަފާ ދެއްވި" ރައީސް މައުމޫން ވިދާޅުވި އެވެ
މިއަދަކީ ރާއްޖޭގެ 56 ވަނަ މިނިވަން ދުވަހެވެ. މިނިވަން ކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކޮންމެ މީހަކުވެސް އަނެކަކުގެ މިނިވަންކަމަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށެވެ.
އެމީހެއްގެ އަމަލުތަކުން މުޖުތަމައުއަށް ކޮށްފާނެ އަމަލުތައް ހުއްޓުވަން ޖެހޭ ކަމަށާއި، އެކަމާ ގުޅޭ ގާނޫނުތަކެއް ހުންނަން ވެސް ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. އަދި މިނިވަންކަން ދެމެހެއްޓުމަށްޓަކައި އެމަނިކުފާނުގެ ވެރިކަމުގައި ކުރައްވާފައިވާ އެންމެ މުހިއްމު އެއް މަސައްކަތަކީ ދިވެހިންގެ އަމިއްލަވަންތަކަމާއި ގާއުމީ ރޫހު ދިރުވާ އާލާކުރުން ކަމަށެވެ.