މަރުވީ ކަމަށް ގަބޫލު ކުރެވޭ މީހުން އެނބުރި އައުމަކީ ގިނަ ފަހަރަށް ޓީވީ ސިލްސިލާތަކުން ނޫނީ ފެންނަ ކަންތައްތަކެއް ނޫނެވެ. ނަމަވެސް އިންޑިޔާގެ އުތުރާކަންޑްގައި ދާދި ފަހުން މިފަދަ ކަމެއް ހިނގާފައި ވެއެވެ.
މަދޯ ސިންގް މެހެރާ ނަމަކަށް ކިޔާ މި މީހާ މަރު ވެގެން ޖަނާޒާގެ ކަންތައްތައް ވެސް ނިންމިތާ 24 އަހަރު ފަހުން އެމީހާ ވަނީ އެނބުރި އަވަށަށް ގޮސްފަ އެވެ.
ހިންދުސްތާން ޓައިމްސްގައިވާ މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި މީހާ ފެނުމުން އެއީ އެމީހާ ކަން ގަބޫ ލުކުރަން ވެސް ދަތިވެ ގެއަށް ވައްދަން ވެސް ދެކޮޅުހެދި އެވެ. ސަބަބަކީ އެމީހާ ވީނުވީ ތަނެއް ނޭނގި ގެއްލުމުން އޭނާގެ ޖަނާޒާގެ ކަންކަން ވެސް މީގެ 24 އަހަރު ކުރިން އާއިލާއިން ފުރިހަމަ ކޮށްފައި ވާތީ އެވެ.
މަދޯއަށް ބޮޑު ބޭބެ ކިޔާ މީހަކު ބުނި ގޮތުގައި މަދޯ ގެއްލުނުއިރު އޭނާވެސް ވަރަށް ކުޑަ އެވެ. ބޭބެ ނބުރި އާދޭތޯ އާއިލާއިން 10 ވަރަކަށް އަހަރު އިންތިޒާރުކޮށް ނައުމުން އެމީހުންގެ ބޮޑު ފާދިރީ ކައިރިއަށް ގޮސް އެހުމުން އޭނާ މަރުވެއްޖެ ކަމަށް ބުނުމުން ޖަނާޒާގެ ކަންކަން ފުރިހަމަ ކުރީކަމަށް އާއިލާއިން ބުންޏެވެ.
މަދޯ ގެއްލުނުއިރު އޭނާއަށް 48 އަހަރެވެ. އޭނާ ގެއްލުނު ދުވަހު ގެއިން ނުކުތީ އާއިލާގެ މީހުންނާ ދެބަސްވެ އަރާރުމެއް ވެފަ އެވެ. ނަމަވެސް އޭނާގެ ހަބަރެއް ނުވެ ގިނަ ދުވަސް ވުމުން އާއިލާއިން ކަންބޮޑުވެގެން އޭނާ ފެނޭތޯ ވަރަށް މަސައްކަތް ކުރި ކަމަށް ވެއެވެ.
އާއިލާގެ މީހަކު މަރުވެއްޖެނަމަ އާއިލާގައި ދެން ތިބި ހުރިހާ ފިރިހެނުން ބޯ ބާލަން ޖެހޭތީ އެމީހުން އެގޮތަށް ވެސް ކަންތައް ކޮށްފައިވާ ކަމަށް މަދޯއަށް ބޮޑުބޭބެ ކިޔާ މީހާ ބުންޏެވެ.
މަދޯގެ އަންހެނުން ވެސް ފިރިމީހާ މަރުވީ ކަމަށް ގަބޫލުކޮށް ހުވަފަތް އަންހެނެއްގެ ގޮތުގައި ދުވަސްތައް ހޭދަކޮށްފައި ވެއެވެ. ކުއްލިއަކަށް އަވަށުގެ މީހުންނަށް މަދޯ ފެނުނީ ދަނޑެއް ތެރޭގައި ވަރަށް ބަލި ހާލުބޮޑުވެފައި އޮއްވަ އެވެ. އަވަށުގެ މީހުން އޭނާ ގެއަށް ގެންދިޔައީ ވެސް ފްލައިވުޑް ފިލައެއްގައި ބާއްވައިގެންނެވެ. ބަލިކަމުން ނުހިނގޭތީ އެވެ.
މަދޯއަށް ވާހަކަ ނުދެއްކޭތީ އޭނާ މި 24 އަހަރު އުޅުނީ ކޮން ތަނަކު ކަމެއް އޮޅުން ނުފިލާ ކަމަށް އާއިލާއިން ބުންޏެވެ.