އެކްޓަރު ސުނިލް ޝެޓީ އާއި އޭނާގެ އާއިލާއާއެކު ސަލްމާން ހާން އަބަދުވެސް ވަރަށް ހާއްސަ ގުޅުމެއް ބާއްވަ އެވެ. ސުނިލްގެ ދަރިފުޅު އަތިޔާއަށް ވެސް ސަލްމާންގެ ހިތުގައި ހާއްސަ ލޯތްބެއް އޮވެ އެވެ. "ހީރޯ" ކިޔާ ފިލްމެއް ޕްރޮޑިއުސްކޮށް އަތިޔާ ބޮލީވުޑަށް ނެރެދީފައި ވަނީ ވެސް ސަލްމާނެވެ. މިހުރިހާ ކަންތައް މިހެން ހުރުމާއެކު ވެސް ސަލްމާން ދާދި ފަހުން ބައިވެރިވި އަރްބާޒް ހާންގެ "ޕިންޗް ސީޒަން 2" ގައި ބައިވެރިވެ ވާހަކަ ދައްކަމުން ސަލްމާން ވަނީ އަތިޔާގެ ކިބައިން މައާފަށް އެދިފަ އެވެ. އަދި އެއްވެސް ވަރަށް އާދައިގެ ކުޑަ ކުޑަ ކަމަކާ އެވެ.
މި ޝޯގައި އަރްބާޒް ވަނީ ސަލްމާނަށް ސުވާލެއް ހުށަހަޅާފަ އެވެ. ކެޓުރީނާ ކައިފް އާއި އަތިޔާ ޝެޓީ އަދި ސަންގީތާ ބިޖިލާނީ އާއި ތިން ބަތަލާއިންގެ ތެރެއިން އޭނާ އިންސްޓަގްރާމްގައި ފޮލޯ ނުކުރަނީ ކޮން ބަތަލާއެއްތޯ އެވެ؟ ސަލްމާން ޖަވާބު ދިނީ ސަންގީތާ ކަމަށެވެ. ނަމަވެސް ރަނގަޅު ޖަވާބަކީ އަތިޔާ އެވެ.
އެހެންވެ އިންސްޓަގްރާމްގައި އޭނާ ފޮލޯ ނުކުރެވޭ ކަން އެނގުމުން އަތިޔާ ކިބައިން ސަލްމާން މައާފަށް އެދުނީ އެވެ. އަދި މި ކަން ރަނގަޅުކޮށް އޭނާ އިންސްޓަގްރާމްގައި އަތިޔާ ފޮލޯ ކުރަން ފަށާނެ ކަމަށް ވެސް ސަލްމާން ވަނީ ވައުދު ވެފަ އެވެ.
އަތިޔާ ކިބައިން މިހާ ކުޑަ ކަމަކާ ވެސް ސަލްމާން މައާފަށް އެދުމުން އެކަމާ އެންމެ ބޮޑަށް އަސަރު ކުރިކަމަށް ވަނީ އަތިޔާގެ ބައްޕަ ސުނިލް ޝެޓީ އަށެވެ.
އީޓައިމްސް އޮންލައިން ނޫހަކާ ވާހަކަ ދައްކަމުން ސުނިލް ވަނީ ސަލްމާނަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ. އަދި ސަލްމާން ކުރާ ކޮންމެ ކަމެއް ވެސް ކުރާނީ ހިތާއި ރޫހުން ކަމަށް ސުނިލް ބުންޏެވެ.
އަތިޔާ އާއި ސަލްމާންގެ އޮންނަނީ އަބަދުވެސް ވަރަށް ގާތް ގުޅުމެއް ކަމަށާއި އޭނާ އާ ވެސް ވަރަށް ބޮޑު ގާތްކަމެއް ސަލްމާން އަބަދުވެސް ބާއްވާ ކަމަށް ސުނިލް ބުންޏެވެ.