ޔޫކޭގެ ސަސެކްސްގައި ދިރިއުޅުނު 18 އަހަރުގެ އަންހެންކުއްޖެއްގެ ހަށިގަނޑު ބައްޔެއްގެ ސަބަބުން މުސްކުޅިވަމުން ގޮސް 144 އަހަރުގެ މީހެއްގެ ހަށިގަނޑާ އެއް ވަރަށް މުސްކުޅިވެ މަރުވެއްޖެ އެވެ. މި އަންހެންކުއްޖާ އަށް ޖެހިފައި ވަނީ ވަރަށް މަދުން ނޫނީ ދުނިޔޭން ނުފެންނަ ބައްޔެއް ކަމަށްވާ "ބެންޖަމިން ބަޓްން" ޑިޒީޒް އެވެ.
އަޝާންތީ ސްމިތު ނަމަކަށް ކިޔާ މި ޒުވާނާ މަރުވީ މި ޖުލައި މަހުގެ 17 ވަނަ ދުވަހު އެވެ. އަޝާންތީ އަށް ޖެހިފައިވާ ބަލީގެ ސަބަބުން އޭނާގެ ހަޔާތަށް އިތުރުވާ ކޮންމެ އަހަރަކަށް އޭނާގެ ހަށިގަނޑަށް އަށް އަހަރު އިތުރު ވަމުން ގޮސްފައި ވެއެވެ.
އަޝާންތީގެ އާއިލާގެ މީހުން ބުނި ގޮތުގައި އޭނާއަކީ އާދަޔާޚިލާފަށް އަޒުމު ވަރުގަދަ ކުއްޖެކެވެ.
އޭނާގެ މަންމަ ލުއި ސްމިތު ބުނި ގޮތުގައި އަޝާންތީ އަކީ ވަރަށް ހިތްހެޔޮ އަދި ހުރިހާ އެންމެން ވެސް އޭނާ ދެކެ ވަރަށް ލޯބިވީ ކުއްޖެކެވެ. އަދި އޭނާގެ ރަނގަޅުކަމާއި އަޒުމު ވަރުގަދަ ކަމުން އޭނާ އާ ބައްދަލުވީ ގިނަ ބައެއްގެ ހިތަށް އަސަރު ކުރުވި ކަމަށެވެ.
އަޝާންތީ ވަކިވެ ދިޔަސް މިހާރު ދުނިޔޭގައި ތިބި އޭނާއަށް ޖެހިފައިވާ ބަލި ކަމަށްވާ ޕްރޮޖީރިއާ ޖެހިފައިވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭން އެ އާއިލާއިން ވަނީ ނިންމާފަ އެވެ.
ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މި ބަލި ޖެހިފައިވާ ކުދިންނަށް ހިތުގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެ އެވެ. އަދި ހިނގާ ބިނގާވެ އުޅެން ދަތިވެ އެވެ. އެއީ އާދައިގެ އިންސާނުން އުމުރުން ގިނަދުވަސް ވުމުން ކުރިމަތިވާ މައްސަލަތަކެވެ. މިކުދިންނަށް އެހެން ދިމާވަނީ ބަލީގެ ސަބަބުން ކުދިންގެ ހަށިގަނޑު މާ އަވަހަށް މުސްކުޅިވާތީ އެވެ.
އަޝާންތީގެ މަންމަ ބުނި ގޮތުގައި އޭނާއަށް މި ބަލީގެ އަސްލު އެނގެ އެވެ. އަދި އެހާ ގިނަ ދުވަހު ދުނިޔޭގައި ނުހުންނާނެ ކަން ވެސް އަޝާންތީ އަށް އެނގެ އެވެ. އެހެންވެ ހަޔާތުގެ ކުޑަ ދުވަސްކޮޅު ވީހާ ވެސް އުފަލެއް ކުރަން އޭނާ ބޭނުންވި އެވެ.
"އަބަދުވެސް އޭނާ އުޅޭނީ މީހުން ހެއްވާލެވޭތޯ. މީހުންގެ ހިތް އަތުލެވޭތޯ ވަރަށް ހެޔޮކޮށް ހިތާނެ މީހުންނަށް. އަދި އަބަދުވެސް މީހުން ކައިރީ ދައްކާނީ ޕޮޒިޓިވް ވާހަކަތައް. އެހެންވެ އޭނާއާ ބައްދަލުވާ އެންމެން ވެސް އޭނާ ދެކެ ވަރަށް ލޯބިވޭ،" އަޝާންތީގެ މަންމަ ބުންޏެވެ.
އަޝާންތީގެ ހަށިގަނޑު 144 އަހަރުގެ މީހެއް ވަރަށް މުސްކުޅިވިޔަސް ވަރަށް އަޑުގަދަކޮށް މަޖާކޮށް އަޝާންތީގެ ހަޔާތުގެ ދުވަސްތައް ހޭދަކުރިކަމަށް އޭނާގެ މަންމަ ބުންޏެވެ.
އަޝާންތީގެ ޖަނާޒާ އަށް މިހާރު އާއިލާއިން ތައްޔާރުވަމުން ދާއިރު ޖަނާޒާ ބާއްވާނީ ވަރަށް ކުލަގަދަކޮށް ކަމަށް އާއިލާއިން ބުނެފައި ވެއެވެ.