އަބްދުﷲ ޝާހިދު

ބޮޑެތި ހުރިހާ މަޝްރޫއުތަކަކަށް ފައިސާ ހުންނާނީ ހޯދައިދީފައި: ޝާހިދު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ ބޮޑެތި ހުރިހާ މަޝްރޫއުތަކަކަށް ބޭނުންވާ ފައިސާ މިހާރު ހުންނާނީ ހަމަޖައްސައިދީފައި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވަނީ ރައީސް ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ ބޮޑެތި މަޝްރޫއުތައް ވެސް ފާހަގަ ކުރައްވާފަ އެވެ. އެގޮތުން ވިދާޅުވީ ތިލަމާލެ ބްރިޖާއި، މާލެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލު ކުރުމުގެ މަޝްރޫއާއި، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމާއި، އައްޑޫގެ ރަށްތަކުގެ ބިން ހިއްކުމާއި މަގުހެދުމާއި، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރުމާއި އަދި ބޯހިޔާވަހިކަމުގެ ބައެއް މަޝްރޫއުތަކެވެ.

"ބޮޑެތި ހުރިހާ ޕްރޮޖެކްތަކަކަށް މިސަރުކާރުން ކަނޑައަޅާފައި ހުރި ހުރިހާ ޕްރޮޖެކްޓްތަކަކަށް ފައިސާ ލިބިފައި ހުރީ،" ޝާހިދު ވިދާޅުވި އެވެ.

އދ. އާންމު މަޖިލީހުގެ އިންތިހާބީ ރައީސް ޝާހިދު ވިދާޅުވީ ކޮވިޑްގެ ދަތި އުދަނގޫ ވަގުތުގައި ވެސް ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ތަރައްގީގެ މަޝްރޫއުތައް މެދުނުކެނޑި ކުރިއަށްދާ ކަމަށެވެ.

"ތެދުފުޅެއް ކޮވިޑްގެ ލޮކްޑައުން އައި. ރާއްޖެއަށް ވެސް އައި. ބޭރު ގައުމުތަކަށް ވެސް އައި. ރަށްރަށަށް ވެސް އައި. އެކަމަކު ހަމަ ސަރުކާރުގެ ތަންފީޒު ކުރަމުން ގެންދާ ތަރައްގީގެ މަޝްރޫއުތައް ހަމަ މެދު ނުކެނޑި ހިނގަމުން ދިޔައީ،" ޝާހިދު ވިދާޅުވި އެވެ.

މިސަރުކާރުން ރަށްރަށުގައި މަޝްރޫއުތައް ކުރިއަށް ގެންދާ ގޮތުގެ ތަފްސީލްތައް ޕްލޭނިން މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީން މައުލޫމާތު ހޯދައިފިނަމަ ކޮންމެ ބޭފުޅަކަށް ވެސް ސާފުކޮށް އެނގޭނެ ކަމުގައިވެސް ޝާހިދު ވިދާޅުވި އެވެ. އެކަމަކު މިސަރުކާރުގެ ބައެއް މަޝްރޫއުތަކުގެ ވާހަކަ ރައްޔިތުންނަށް އެނގޭ ވަރަށް އެހާ ބޮޑަށް ނުދެކެވޭ ކަން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ކުޅުދުއްފުށްޓަށް އިހަށް ދުވަހު ގޮސްފައި މި އައީ. ކުމުންދޫއަށް ގޮސްފައި މި އައީ. ހަނިމާދޫއަށް ގޮސްފައި މި އައީ. ރަށްރަށުގައި ހަމަ މެދުނުކެނޑި މަސައްކަތް އެބަހިނގާ. އަޅުގަނޑު މިއަދު ވާހަކަ ދެއްކިން ފުވައްމުލަކު ބޭފުޅަކާ. ވިދާޅުވި މިހާރު އެ ރަށުގައި ވެސް މަގުތައް ހަދާ ނިމިފައޭ،" ކޮވިޑްގެ އުދަނގޫ ހާލަތުގައި ވެސް ސަރުކާރުން މަސައްކަތްތައް ކުރިއަށް ގެންދާތީ އެކަމަށް ތައުރީފް ކުރައްވާ ޝާހިދު ވިދާޅުވި އެވެ.

ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މި ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ހޯދުމަށްޓަކައި ޝާހިދު ވަނީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކަށް ދަތުރުކުރައްވާ ގައުމު ތަކުގެ އިސް ބޭފުޅުންނާއި މާލީ އިދާރާތަކުގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވާފަ އެވެ. އެ މަސައްކަތުގެ ދަށުން 2019 އަދި 2020 ވަނަ އަހަރު ވެސް ވަނީ ބިލިއަނެއްހާ ރުފިޔާ ހިލޭ އެހީގެ ގޮތުގައި ހޯއްދަވާފަ އެވެ.

މީގެއިތުރުން ކޮވިޑް-19 އިގެ ހާލަތާ ގުޅިގެން ދައުލަތުގެ އާމްދަނީ ދަށްވުމުން ހިލޭ އެހީ ހޯދުމަށް ވެސް މިނިސްޓަރު ޝާހިދު އިސްވެ ހުންނަވައިގެން ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. އެގޮތުން ކުރެއްވި މަސައްކަތުން ވެސް ހިލޭ އެހީ އާއި ލޯނުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ހޯއްދެވި އެވެ.